Roadha Mihaaru
ޕީޕީއެމް/ޕީއެންސީގައި އޮތީ މަކަރުވެރި ރޭވުމެއް:ހުސެއިން

ލީޑަޝިޕް ބަދަލެއް ނުވޭ، ޕީޕީއެމާއި ޕީއެންސީގައި އޮތީ މަކަރުވެރި ރޭވުމެއް: ހުސެއިން

10 މެއި 2019

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމުގެ ޔަގީންކަން ދީ، ޕީޕީއެމްގެ ލީޑަޝިޕަށް ބަދަލުގެނައީ ނަމެއްގައި ކަމަށް ވިދާޅުވެ، ޕީޕީއެމާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމުގެ ޔަގީންކަން ދީ، ޕީޕީއެމްގެ ލީޑަޝިޕަށް ބަދަލުގެނައީ ނަމެއްގައި ކަމަށް ވިދާޅުވެ، ޕީޕީއެމާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާ އެންމެ އަރިސް، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމާއި ޕީއެންސީގައި އޮތީ މަކަރުވެރި ރޭވުމެއް ކަމަށެވެ. ތަފްސީލަކަށް ވަޑައިނުގެން ވިދާޅުވީ، ލީޑަޝިޕަށް ބަދަލެއް ނާންނަ ކަމަށެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި މިދިޔަ މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއެއް ޕީޕީއެމަށް ކުރިމަތިވުމުން، އެ ޕާޓީގެ ލީޑަޝިޕަށް ބަދަލުތަކެއް ގެނައި ވާހަކަ އަށެވެ. ޕީޕީއެމް ހަރުދަނާކުރަން ޕާޓީ އަށް އަލަށް ހަތަރު ނައިބު ރައީސަކު ވަނީ އައްޔަންކޮށްފަ އެވެ. އެއާ އެކު، އެ ޕާޓީ ދެ ފަޅިކޮށްގެން އުފެއްދި ޕީއެންސީގެ ކޮންގްރެސް ބާއްވައި ލީޑަޝިޕަށް ވެސް ވަނީ ބޭފުޅުން އައްޔަންކޮށްފަ އެވެ.

ހުސައިން "މިހާރު" އަށް ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޒިންމާދާރުކަމާ އެކު ހަރަކާތްތެރިވާ މަންޒަރު ފެންނާނެ ކަމަށް ޕީޕީއެމާއި ޕީއެންސީން ބުންޏަސް އެކަން ގަބޫލެއް ނުކުރެއްވޭ ކަމަށެވެ. ފޮރުވިފައި ވަނީ މުޅިން އެހެން ކަންތައްތަކެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ، މަކަރުވެރި ރޭވުމުގެ އަޑީގައި ތިބި މީހުންގެ ވާހަކަތައް ދާދި އަވަހަށް އާއްމުވާނެ ކަމަށެވެ.

ޕީޕީއެމާއި ޕީއެންސީ އަށް ފާޑުވިދާޅުވެ ހުސެއިން ކުރެއްވި ޓުވީޓް.

ރިޔާސީ އިންތިޚާބު ކައިރިވި އިރު ޕީޕީއެމް ތެރޭގައި އުފެދުނު ހަމަނުޖެހުންތަކުގައި ޕާޓީއާ ދުރުގައި ހުންނެވުމަށް ފަހު އިންތިޚާބު ނިމުމާ އެކު ހުސައިން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. ނޮވެމްބަރު، 2018 ގައި ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރެއްވިއަސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭނާގެ ގޮނޑި ދެ ވަނަ ދައުރަކަށް ކަށަވަރު ކުރެއްވީ އަމިއްލަ ގޮތުން ވާދަ ކުރައްވަ އެވެ.

އެންމެ ތާއީދު ކުރެއްވި ސިޔާސީ ލީޑަރު، ޔާމީނާއި ޕީޕީއެމް ދޫކުރައްވި ސަބަބެއް ހުސައިން މިހާތަނަށް ވިދާޅެއް ނުވެ އެވެ.

އެކަމަކު، ޕީޕީއެމްގެ ލީޑަޝިޕްގެ އަމަލުތަކާ މެދު އެ ޕާޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ނުރުހުންވި އެއް ސަބަބަކީ، ވަކި ބަޔަކަށް މާބޮޑަށް ބާރުތައް ދޫކޮށް، ނުފޫޒު ފޯރުވުމުގެ ފުރުސަތު ދީ، ބައެއް މެމްބަރުން އެކަހެރި ކުރެއްވުމެވެ. ޕީޕީއެމަށް ނިސްބަތް ވިޔަސް "ބަސް ނުވިކޭ" މެމްބަރުންތަކެއް އެ ޕާޓީގައި ތިއްބެވި އެވެ. މި މައްސަލަ ގޯސްވެ، ރިޔާސީ އިންތިޚާބު ކުރިމަތިވި އިރު ޕާޓީގ އެތެރޭގައި އޮތީ ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޓިކެޓް ދިނުމުގައި ޕީޕީއެމުން ގެންގުޅުނު އުސޫލަށް ވެސް ޕާޓީގެ ގިނަ މެމްބަރުންތަކެއްގެ ފާޑުކިއުން އަމާޒުވި އެވެ. ޓިކެޓް ދިނުމަށް ފަހު އެއް ބައެއްގެ އަތުން އަނބުރާ އަތުލުމާއި ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ޓިކެޓް ދިނުމުން ކޯޅުން ބޮޑުވި އެވެ.

ޕީޕީއެމްގެ އެތެރޭގައި ހުރި މިފަދަ މައްސަލަތަކާ އެކު ވެސް ޕާޓީ ހަރުދަނާކޮށް، ޕީއެންސީއާ ގުޅިގެން ސަރުކާރު ޒިންމާދާރުކުރުވާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

ޕީޕީއެމާއި ޕީއެންސީ އެއް އޮފީހެއްގައި ހިންގިޔަސް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ދެ ޕާޓީ ވެސް ހަރަކާތްތެރިއެއް ނޫނެވެ. ރިޔާސީ އިންތިޚާބަށް ފަހު ޕީޕީއެމުން މިހާތަނަށް އާއްމު ޖަލްސާއެއް ނުވަތަ ޕާޓީގެ އާއްމު މެމްބަރުންނާ ބައްދަލުކުރުން ފަދަ ކަމެއް ވެސް ނުބާއްވަ އެވެ.