Roadha Mihaaru
ޖިންސީ ތުހުމަތުން އިންޑިއާގެ ފަނޑިޔާރު ސަލާމަތްކުރުމުން އިހްތިޖާޖް

ޖިންސީ ގޯނާގެ ތުހުމަތުން އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސަލާމަތްކުރުމުން އިހްތިޖާޖް

09 މެއި 2019

ނިއު ދިއްލީ (މެއި 9) - އިންޑިއާގެ އުއްތަމަ ފަނޑިޔާރު ރަންޖަން ގޯގޮއިގެ މައްޗަށް ކޮށްފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަ އިން އޭނާ ސަލާމަތް ކުރުމުން ސުޕްރީމް ކޯޓުގެ ބޭރުގައި އަންހެނުންތަކެއް އިހްތިޖާޖްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (މެއި 9) - އިންޑިއާގެ އުއްތަމަ ފަނޑިޔާރު ރަންޖަން ގޯގޮއިގެ މައްޗަށް ކޮށްފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަ އިން އޭނާ ސަލާމަތް ކުރުމުން ސުޕްރީމް ކޯޓުގެ ބޭރުގައި އަންހެނުންތަކެއް އިހްތިޖާޖްކޮށްފި އެވެ.

އަންހެނުންތައް ސުޕްރީމް ކޯޓުގެ ބޭރަށް އެއްވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށްކޮށްފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަ އިންސާފުވެރިކޮށް ބަލައިދިނުމަށް ގޮވާލުމަށެވެ. އިހްތިޖާޖުގެ ތެރޭން ފުލުހުން ވަނީ 50 އަންހެނުން ހައްޔަރުކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރު ރަންޖަން ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެއީ ގައުމުގެ ޝަރުއީ ދާއިރާ ހަލަބޮލި ކުރަން ކޮށްފައިވާ ކަމެއް ކަމަށެވެ.

ރަންޖަންގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އުމުރުން 35 އަހަރުގެ އަންހެނަކު ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ހުށަހަޅާފައިވާ މައްސަލާގައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުއްތަމަ ފަނޑިޔާރުގެ މަގާމަށް ރަންޖަން ހަމަޖެއްސުމާ އެކުހެން އޭނާގެ ފަރާތުން ފެނުނު ބޭ އަދަބީ ދެ ހާދިސާއެއްގެ ވާހަކަ ބަޔާންކޮށްފަ އެވެ.

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ރަންޖަން ގޯގޮއި. --ފޮޓޯ:ގެޓީ އިމޭޖަސް

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ރަންޖަން ގޯގޮއި. --ފޮޓޯ:ގެޓީ އިމޭޖަސް

މީހަކާ ކައިވެނިކޮށްގެން އުޅޭ އަންހެން މީހާ ބުނެފައި ވަނީ ރަންޖަންގެ ފަރާތުން ކުރިމަތިވި ކަންކަމަށް އޭނާ ދެކޮޅު ހެދުމުން، އެ ވާހަކަތައް އެއްވެސް މީހެއްގެ ގާތުގައި ނުބުނުމަށް ރަންޖަން އެދިވަޑައިގެންނެވި ކަމަށެވެ. ނޫން ނަމަ އޭނާގެ އާއިލާ އަށް ވަރަށް އުނދަގޫވާނެ ކަމަށް ރަންޖަން ވިދާޅުވެ އިންޒާރު ދެއްވި ކަމަށް އަންހެން މީހާ މިދިޔަ މަހު ބުނެފައިވެ އެވެ.

އެޕްރީލް 19 ވަނަ ދުވަހު އަންހެން މީހާ ހުށަހެޅި މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ އިން-ހައުސް ކޮމިޓީއެއް ހެދި އެވެ. އެ ކޮމިޓީން މިދިޔަ ހޯމަ ދުވަހު ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ކުރި ތުހުމަތުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި ކޮމިޓީގެ ރިޕޯޓް އާއްމު ނުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރަންޖަން ވެސް މިދިޔަ މަހު ވަނީ ސުޕްރީމް ކޯޓުގެ ޚާއްސަ ކޮމިޓީގައި އެ މައްސަލާގައި ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ މިފަދަ ދަށް ފެންވަރުގެ ދޮގު ތުހުމަތަކަށް ޖަވާބުދާރީ ވާން ނުޖެހޭނެ ކަމަށާއި ސުޕްރީމް ކޯޓުގެ ހުރިހާ ސްޓާފުންނާ މެދު ވެސް އަމަލު ކުރަނީ އެއް ހަމަޔަކުން އިހްތިރާމާ އެކު ކަމަށެވެ.

މި މައްސަލައިގައި އިންސާފު ލިބިދާނެކަމާ މެދު ސުވާލު އުފެދުމުން އަންހެން މީހާ ވަނީ މައްސަލަ ނަގައިފަ އެވެ. އެކަމަކު އިހްތިޖާޖަށް ނުކުތް އަންހެނުންތައް ބުނެފައި ވަނީ އެ މައްސަލަ އަލުން ބަލާ ރިޕޯޓް އާއްމު ކުރަން ޖެހޭނެ ކަމަށެވެ.