Roadha Mihaaru
އަގުގެ މައްސަލާގައި ދަނޑުވެރިންގެ އަސްލު ޖަވާބު

އަގުގެ މައްސަލާގައި ދަނޑުވެރިންގެ އަސްލު ޖަވާބު

09 މެއި 2019

ކޮންމެ ރޯދަ މަހަކު ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގު އުފުލުމުން އާންމުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވަނީ ދަނޑުވެރިންނަށެވެ. މި ފަހަރުގެ ރޯދަ މަހު ވެސް މި ފެނުނީ އެ މަންޒަރެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮންމެ ރޯދަ މަހަކު ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގު އުފުލުމުން އާންމުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވަނީ ދަނޑުވެރިންނަށެވެ. މި ފަހަރުގެ ރޯދަ މަހު ވެސް މި ފެނުނީ އެ މަންޒަރެވެ.

މާލޭގެ ލޯކަލް މާރުކޭޓްގެ ގޮޅިތަކުގައި ތިބޭ މީހުން ބުނަނީ އަގުތައް އުފުލެނީ ޑިމާންޑު ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ދަނޑުވެރިން އަގު ބޮޑުކޮށް ވިއްކަނީ ކަމަށެވެ.

މި މައްސަލައިގެ އަޑިއަށް ފީނާލަ އިރު، އާންމުންގެ ޝަކުވާ ހުއްޓަސް، އެހެން ހަގީގަތްތަކެއް އެބަ ފެނެ އެވެ. ވިޔަފާރީގެ ކޮންޓްރޯލް އެކި މީހުންގެ އަތުގައި އޮންނަ ގޮތާއި ފުރުސަތު ލިބުމުން އެ ކޮންޓްރޯލަށް އަންނަ ބަދަލެވެ. މިސާލަކަށް ރޯދަމަހު ދިވެހި ދަނޑުވެރިންނަށް ލިބޭ ބާރަށް ބަލައިލަމާ ހެއްޔެވެ؟

ދަނޑުވެރިން ބުނާ ގޮތުގައި ރޯދަ ނޫން އެހެން މަސްތަކުގައި އެ މީހުންގެ ތަކެއްޗަށް އަގު ކިޔުމުގެ ހުރިހާ ބާރެއް އޮންނަނީ މާލޭގައި ގަނޑުކޮށް އެ އެއްޗެހި ގަންނަ ވިޔަފާރިވެރިންގެ އަތްމަތީގަ އެވެ. އެ ބާރުގެ ތިލަފަތް ރޯދަމަހު ބުރަވަނީ ދަނޑުވެރިންގެ ކޮޅަށެވެ.

ބައެއް ދަނޑުވެރިން ބުނާ ގޮތުގައި ރޯދަމަހު ބާޒާރުގައި ޑިމާންޑް ބޮޑުވާތީ ދަނޑުވެރިންގެ އަތުން ކޮންމެ އަގެއްގައި ނަމަވެސް އެއްޗެހި ގަންނަން ވިޔަފާރިވެރިންނަށް މަޖުބޫރުވެ އެވެ. ރޯދަމަހު މާލޭގެ ލޯކަލް މާރުކޭޓަކީ އެންމެ ބާރު ބޮޑު ވިޔަފާރި އެވެ. އެހެންކަމުން ވިޔަފާރިވެރިންނަށް ވެސް، އެހެން މަސްތަކަށް ވުރެ އަގުބޮޑުކޮށް އެއްޗެހި ވިއްކޭ އިރު، ދަނޑުވެރިންނަށް ވެސް އެ ފުރުސަތު ލިބެ އެވެ.

ދަނޑުވެރިން ބުނާ ގޮތުގައި މުޅި އަހަރަށް ބަލާއިރު އެ މީހުން ކުރާ މަސައްކަތުގައި އެންމެ ފައިދާ ބޮޑީ ރޯދަމަހުގަ އެވެ.

އަގު ކޮންޓްރޯލު ކުރަނީ އެހެން ބައެއް

ކާށިދޫގައި ވަރަށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ މުހައްމަދު ނައީމު ބުނީ ރޯދަ މަސް ނޫން މަސް މަހުގައި އަގުތައް ކޮންޓްރޯލު ކުރުމުގެ ބާރެއް ދަނޑުވެރިޔާއަށް ނޯންނަ ކަމަށެވެ. ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ތަކެތި އުފެއްދި ނަމަވެސް ދޭން ޖެހެނީ ލޯކަލް މާރުކޭޓު ގޮޅިތަކުގައި ތިބޭ މީހުން ބުނާ އަގަކަށް ކަމަށް، އޭނާ ކިޔައިދިނެވެ.

"މި އަހަރު ކުރީ ކޮޅު ފަޅޯ ކިލޯއެއް އެއް ރުފިޔާއަށް ވިއްކާފައި ވެސް ހުންނާނެ. ކޮޕީ ފަތް އެއްޗެހި ނުވިއްކިގެން ހަލާކު ވެސް ވި،" ނައީމް ބުންޏެވެ.

"އެމީހުން ބުނާ އަގެއް ދޭން ޖެހެނީ. ނުދީ ވަކި އިތުރު ޗޮއިސެއް ވެސް ނޯވޭ."

ނައީމު ބުނާ ގޮތުގައި ދަނޑުވެރިން އެމީހުންގެ ދަނޑުތައް ހައްދަނީ ވަރަށް ބުރަ މަސައްކަތުންނެވެ. އޭނާ މި މަސައްކަތް ކުރާތާ 13 އަހަރު ވެފައިވާ އިރު 5000 އަކަފޫޓުގެ ތިން ދަނޑު އޮވެ އެވެ. ދަނޑުތައް ބަލަހައްޓަން ގެންގުޅޭ މީހުންނަށް ދޭ މުސާރަ އާއި ގަސް ކާނާއަށް ކޮންމެ މަހަކު 70،000ރ. ހޭދަވާނެ ކަމަށް ނައީމު ބުންޏެވެ.

އެހާ ބޮޑު ހަރަދެއް ކޮށްގެން ހައްދާފައި ނުއަގުގައި ވިއްކަން ޖެހުމުން ދަނޑުވެރިން ވަރަށް ބޮޑަށް މާޔޫސްވެ އެވެ. ފުޅާ ދައިރާއެއްގައި މި މަސައްކަތް ނުކުރާ މީހުންނަށް އެކަމުގައި އުޅެން ދަތިވާ ހާލަތްތައް ވެސް ކުރިމަތިވެ އެވެ.

ނައީމު ބުނިގޮތުގައި ކޮންމެ އަހަރަކު ވެސް ދަނޑުވެރިންނަށް އެތައް ގެއްލުމަކާ ކުރިމަތިވެ އެވެ. އެގޮތުން ހޫނު މޫސުމާއި ވާރޭވެހޭ ދުވަސްވަރުގެ އިތުރުން ގަސްތަކަށް ތަފާތު ބަލިތައް ޖެހިގެން ވެސް ގެއްލުންތައް ލިބެ އެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ގެއްލުންތައް ވާނެ ކަން އެނގިގެން. އެންމެ އުފެއްދުމަކަށް އެހެންވެ ބަރޯސާ ނުވަނީ،" ނައީމް ބުންޏެވެ.

މާރުކޭޓްގައި ވިއްކަން ބަހައްޓާފައި ހުރި ގިތެޔޮ މިރުސްތަކެއް: ކަނޑޫދޫ މިރުހުގެ އަގު ބޮޑުވުމުން ބަހުސެއް ފެށުނު

މާރުކޭޓްގައި ވިއްކަން ބަހައްޓާފައި ހުރި ގިތެޔޮ މިރުސްތަކެއް: ކަނޑޫދޫ މިރުހުގެ އަގު ބޮޑުވުމުން ބަހުސެއް ފެށުނު

ބައެއް ދަނޑުވެރިން ބުނާ ގޮތުގައި ކަރަލާއި ބަރަބޮލާއި ރެޑިޝް ފަދަ ބާވަތްތައް ދޭތެރެދޭތެރެއިން ނުއަގުގައި ވިއްކަން ޖެހޭ އިރު ކުރުނބަލާއި ފަތް ކެޔޮލުގެ އަގު މާ ބޮޑަށް ނުވެއްޓި އެއް ވަރެއްގައި ވިއްކާލެވެ އެވެ.

ރޯދަމަހާ އެކު އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީ، ކަނޑޫދޫ ދަނޑުވެރިންނަށެވެ. އެ މީހުން ހައްދާ ގިތެޔޮ މިރުސް ކިލޯއެއް 1،300ރ އަށް އަރައިގެން ދިޔަ އެވެ. އެކަމަކު މިއީ އެ ދަނޑުވެރިންގެ މުޅި އަހަރުގެ މަސައްކަތަށް ބަލާއިރު އަގު ވަރަށް ދަށްކޮށް ވިއްކާފައި ވެސް އެބަ ހުއްޓެވެ.

ކަނޑޫދޫގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އިސްމާއިލް ޝަރީފު ބުނީ ރޯދަ މަހުގެ ކުރިން މިރުސް ކިލޯއެއް 15ރ. އަށް ވެސް ވިއްކަން ޖެހުނު ކަމަށެވެ. އެގޮތަށް ވިއްކަނީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އަގު ކުޑަވާނީ ކިހިނެއް؟

މާލޭ ބާޒާރު ސަރަހައްދުގައި ދަތުރުވެރިންނަށް ހާއްސަ މާރުކޭޓެއް ހުއްޓަސް އެތަނުގައި ތަކެތި ވިއްކަނީކީ ދަތުރުވެރިންނެއް ނޫނެވެ. އެއީ އަދި އެހެން ބައެކެވެ. ދަނޑުވެރިން މާލެ ފޮނުވާ އެއްޗެހި ގަންނަނީ ގޮޅިތަކުގައި ތިބޭ މީހުންނާއި ދަތުރުވެރިންނަށް ހާއްސަ ބައިތައް ކޮންޓްރޯލްކުރާ މީހުންނެވެ.

ޝަރީފު ބުނީ އެމީހުންނަށް މާރުކޭޓުގައި އެއްޗެހި ވިއްކަން ތިބެވޭ ނަމަ އަގުތައް ވަރަށް ބޮޑަށް ކުޑަވީސް ކަމަށެވެ. އެގޮތަށް ވޭތޯ ބައެއް ދަނޑުވެރިން މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް ދަނޑުވެރިންގެ ކަންކަމަށް ސަރުކާރުގެ އެއްވެސް އޮފީހަކުން ސަމާލުކަން ނުލިބޭ ކަމަށް، ބައެއް ދަނޑުވެރިން ބުނެ އެވެ.

"މި ރޯދަ މަހަށް އަޅުގަނޑުމެން މާރުކޭޓު މީހުންނަށް މި ވިއްކަނީ 500ރ. އަށް [މިރުސް ކިލޯއެއް]. އެމީހުން ވިއްކަނީ ދެ ގުނަ ބޮޑު އަގެއްގައި. އަޅުގަނޑުމެން މާރުކޭޓުގައި ސީދާ ވިއްކާ ނަމަ އަގު ކޮންޓްރޯލު ވާނެ،" ޝަރީފް ބުންޏެވެ.

"ކިރިޔާ އަގު ރަނގަޅުވާ އިރު ބޭރު މިރުސް ގެނެސް އަގު ވައްޓާލަނީ. ރޯދަމަހު އެކަނި އާންމުން އެހާ ގިނައިން މިރުސް ގަންނަނީ ވެސް."

ކާށިދޫ ދަނޑުވެރިޔާ ނައީމު ބުނީ މީގެ ކުރިން ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކަން ދަނޑުވެރިންނަށް ތިބެވޭ އިރު އަގުތައް ވަރަށް ބޮޑަށް ހެޔޮވާ ކަމަށެވެ. އެކަމަކު އެ ފުރުސަތު ނެތުމުން ލޯކަލް މާރުކޭޓުން އާންމު ރައްޔިތުންނާ ހަމަޔަށް ތަކެތި ލިބެނީ ތިން ހަތަރު މީހުންގެ އަތުން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު އަންނަން ތަކެތި ހިފައިގެން. ހުރިހާ ދަނޑުވެރިންނަށް ތަކެތި ހިފައިގެން އަންނަން ފަސޭހައެއް ނޫން. ބައެއް ފަހަރު އެމީހުން ހަދާ ގޮތަކީ މާލެ އަންނަ ދޯނިތަކަށް ވިއްކަނީ. ދަނޑުވެރިން ދޯނިތަކަށް ވިއްކުމުން ދޯނިތަކުން އައިސް މާރުކޭޓުގައި ތަކެތި ވިއްކާ މީހުންނަށް ވިއްކަނީ. ކޮންމެ ބަޔަކު ވެސް ފައިދާ ލާފައި ވިއްކާނީ. އެހެންވީމަ އާންމުންނަށް ލިބޭ އިރު އަގު ހުންނާނީ މަތީގައި،" އޭނާ ބުންޏެވެ.

ނައީމު ބުނި ގޮތުގައި ދަނޑުވެރިންނަށް ސީދާ އާންމުންނަށް ވިއްކޭ ނަމަ އަގުތައް ހެޔޮވާނެ އެވެ.

ބޭރު ތަކެއްޗާ އެކު ދިވެހި އުފެއްދުންތަކުގެ އަގު ދަށަށް

ށ. ނިލަންދޫގެ ދަނޑުވެރިއެއް ކަމަށް ވާ ހަސަން ނޫރައްދީން ބުނީ ހަމަ އަގު ނުލިބިގެން މޫދަށް ތަކެތި އުކާލަން ޖެހޭ ހާލަތަށް ވެސް ދާ ކަމަށެވެ.

"މި އަހަރު ކުރީ ކޮޅު އަޅުގަނޑު ހެއްދި 150 ރެޑިޝް ގަހުން ލިބުނީ ޖުމްލަ 2،500ރ. އެތަކެތި ހެއްދުމަށް 137،000ރ. ހޭދަކުރިން،" އޭނާ ބުންޏެވެ.

މައްސަލައަކީ އިންޑިއާ އިން ގެންނަ އެފަދަ ބާވަތްތައް މާރުކޭޓްގައި ވިއްކަން ހުރުމެވެ. އޭނާ ބުނާ ގޮތުގައި އޭގެ ސަބަބުން ދިވެހި އުފެއްދުންތަކުގެ އަގު ވެއްޓެނީ އެވެ.

"މިހާރު އަޅުގަނޑު ގިނައިން ތަކެތި ވިއްކަނީ ބ. އަތޮޅުގެ ރިސޯޓުތަކާއި ހދ އަތޮޅަށް. މާލޭ މާރުކޭޓަށް ގެނެސްގެން ވިއްކުމަށް ވުރެ ފައިދާވޭ ރިސޯޓުތަކަށް ވިއްކައިގެން،" ނޫރައްދީން ބުންޏެވެ.

ޝަރީފު ބުނި ގޮތުގައި ކަނޑޫދޫ މިރުހާއި ބޭރުން ގެންނަ މިރުސް އެއްކޮށްގެން ވެސް މާރުކޭޓުގައި ވިއްކަ އެވެ.

"ކިރިޔާ އަގު ރަނގަޅުވާ އިރު ބޭރު މިރުސް ގެނެސް އަގު ވައްޓާލަނީ. ރޯދަމަހު އެކަނި އާންމުން އެހާ ގިނައިން މިރުސް ގަންނަނީ ވެސް،" އޭނާ ބުންޏެވެ.

ރާއްޖޭގައި 7،000 އަށް ވުރެ ގިނަ މީހުން ދަނޑުވެރިކަން ކުރެ އެވެ. އެ މީހުންނަށް އެންމެ ރަނގަޅު އަގު ލިބެނީ ރޯދަމަހު އެވެ. އެކަމަކު ރޯދަމަހާ އެކު ދަނޑުވެރިންނަށް ކުރިމަތިވާ އާންމުންގެ ފާޑުކިއުން ވެސް ބޮޑެވެ. ހަގީގަތުގައި އަގުގެ މައްސަލާގައި ހަމައެކަނި ދަނޑުވެރިންނަށް އެއްޗެހި ކިޔޭކަށް ވެސް ނެތެވެ. އެ މީހުން ހައްދާ އެއްޗެހި ވިއްކޭނެ ފަސޭހަ އަދި އިންސާފުވެރި ނިޒާމެއް ވެސް އަންނަން ޖެހެ އެވެ.