Roadha Mihaaru
ބާޒާރުން ރޯމިރުސް ހުސްވެއްޖެ

ބާޒާރުން ރޯމިރުސް ހުސްވެއްޖެ

22 އެޕްރީލް 2020

ދިވެހިން ކެއްކުމުގައި އެންްމެ އާއްމުކޮށް ބޭނުންކުރާ އެއް ބާވަތް ކަމަށްވާ ރޯމިރުސް މާލޭގެ ބާޒާރުން ހުސްވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިވެހިން ކެއްކުމުގައި އެންްމެ އާއްމުކޮށް ބޭނުންކުރާ އެއް ބާވަތް ކަމަށްވާ ރޯމިރުސް މާލޭގެ ބާޒާރުން ހުސްވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅިގެން ފިހާތަކުން ބޮޑަށް ޑެލިވަރީއަށް ސަމާލުކަން ދިނަސް ގިނަ ފިހާރަތަކުން ވިއްކާ ތަރުކާރީގެ ބާވަތްތައް ވަނީ ހުސްވާން ކައިރިވެފަ އެވެ. އަދި ގާތްގަނޑަކަށް ހުރިހާ ފިހާރައަކުން ވެސް ރޯމިރުސް މިހާރު ހުރީ ހުސްވެފަ އެވެ.

ރާއްޖޭގެ ރަށްރަށުގައި ހައްދާ ގިތެޔޮ މިރުހާއި ތޮޅި މިރުގެ އިތުރުން ބޭރުން ވެސް ރޯމިރުސް އެތެރެކުރެ އެވެ. ނަމަވެސް މާލެއަށް ދަތުރުކުރުމުގައި ދިމާވެފައި ހުރި ހުރަސްތަކާ ގުޅިގެން ރަށްރަށުން ގެންނަ އެ ބާވަތުގެ އެއްޗެހި ލިބުން މިހާރު ދައްޗެވެ.

ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ބޭރު ގައުމުތަކުން ވެސް ރޯމިރުސް ހޯދުން މި ދުވަސްވަރު އުނދަގުލެވެ.

މާލޭގެ ކުދި އަދި ބޮޑެތި ފިހާރަތަކަށް މިރުސް ފޯރުކޮށްދެނީ ބާޒާރުމަތީގައި ހުންނަ ފިހާރަތަކުންނެވެ.

މާލޭގައި އެންމެ ބޮޑެތި ފިހާރަތައް ހިންގާ ރެޑްވޭވުން ބުނީ މިވަގުތު ލިބެން ހުރީ ހަމައެކަނި ތޮޅިމިރުހެވެ. ނަމަވެސް އެއީ ވެސް ވަރަށް މަދު އަދަދަކަށް ކަމަށް ބުންޏެވެ.

ކުދި ބައެއް ފިހާރަތަކުން ބުނާ ގޮތުގައި ރަށްރަށުން މާލެއަށް މިރުސް ގެެނެސްގެން ނޫން ގޮތަކަށް މިކަން ހައްލުވާން ނެތް ކަމަށެވެ.

ކޮންމެވެސް ވަރަކަށް މިވަގުތު މިރުސް ހުރި ބައެއް ފިހާރަތަކުން އަގު ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން 500 ގްރާމް ގިތެޔޮ މިރުސް ލިބެނީ 200ރ. އަށެވެ.

ބާޒާރުގައި ވިޔަފާރި ކުރާ މީހަކު ބުނީ މާރުކޭޓު ބަންދުކުރި އިރު ހުރިހާ ވައްތަރެއްގެ މިރުސް ވެސް ހުއްޓެވެ. އެކަމަކު ލޯކަލް މާރުކޭޓްގައި ހުރި އެއްޗެހި ނެރެވޭނެ ގޮތް ނުވުމުން މިހާރު ހަލާކުވެއްޖެ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

"މާރުކޭޓުގައި ހުރި ބައިވަރު ތަރުކާރީގެ ބާވަތްތައް ނުވިކި. އެކަމަކު ކައުންސިލުން އެ ނެރެން ހުއްދަ ނުދިން. މިހާރު އެތާ ހުރި ގިނަ އެއްޗެހި ހުރީ ހަލާކުވެފައި،" ލޯކަލް މާރުކޭޓްގެ ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

މިދިޔަ ރޯދަ މަހު އާއްމުންގެ މެދުގައި އެންމެ މަގުބޫލުވީ ކަނޑޫދޫ މިރުހެވެ. މި އަހަރު ވެސް އެ ރަށުގައި ރޯދައާ ދިމާކޮށް މިރުސް ހެއްދި އެވެ. ނަމަވެސް ހޫނު ގަދަވުމުން މިރުސް ލިބުނު މިންވަރު މަދު ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.