Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

04 މެއި 2019

ޑޭވިޑް ދަވަންގެ "ކޫލީ ނަމްބަރު 1" ގެ އާ ފިލްމުގެ ފަސްޓްލުކާ އެކު، ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑޭވިޑް ދަވަންގެ "ކޫލީ ނަމްބަރު 1" ގެ އާ ފިލްމުގެ ފަސްޓްލުކާ އެކު، ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އޭނާގެ ދަރިފުޅު އަދި ފިލްމުގެ ބަތަލު ވަރުން ދަވަން ޓްވިޓާގައި ޕޯސްޓް ކުރި ފިލްމުގެ ފަސްޓްލުކްގައިވާ ގޮތުން "ކޫލީ ނަމްބަރު 1" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އެވެ. މި ފިލްމުގެ ޝޫޓިން އޮގަސްޓް މަހު ފަށާއިރު، ފިލްމުގެ ބަތަލާއަކީ ސާރާ އަލީ ހާނެވެ.

ޑޭވިޑް 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ގެނެސް ދިން ކާމިޔާބު ކޮމެޑީ އަސްލަކަށް ބަލައިގެން މި ފަހަރު ހަދާ "ކޫލީ ނަމްބަރު 1" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސާޖިދު-ފަރުހާދެވެ.

މި ފިލްމަކީ ބައްޕަ ޑޭވިޑާ އެކު ވަރުން މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. ދެބަފައިން އެންމެ ފަހުން އެކީގައި ގެނެސް ދިނީ 2017 ގެ "ޖުޅުވާ 2" އެވެ.

އަރުޖުންގެ އާ ފިލްމުގެ ޓްރެއިލާ

މި މަހުގެ 24 ގައި ރިލީޒް ކުރާ އަރުޖުން ކަޕޫރްގެ އާ ފިލްމު "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މިއީ އިންޑިއާގެ ނުރައްކާތެރި ކުށްވެރިއަކު ހޯދަން އިންޓެލިޖެންސް އޮފިސަރުންތަކެއް ކަޑިބަޑިއާ ނުލައި ހިންގާ ކާމިޔާބު މަސައްކަތްތަކެއް ކުރާ ތަން ދައްކުވައި ދޭނެ ފިލްމެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ އަޖޭ ދޭވްގަންގެ "ރެއިޑް" ގެނެސް ދިން ރާޖްކުމާރު ގުޕްތާ އެވެ.

"އިންޑިއާސް މޯސްޓް ވޯންޓެޑް" ގައި އަރުޖުން ފެނިގެން ދާނީ ވަރަށް ސީރިއަސް ކެރެކްޓާއަކުންނެވެ.

"ވަން ޑޭ" 14 ޖޫންގައި

އިންޑިއާގެ ކުށުގެ ވެށްޓާއި އިންސާފު ހޯދުމުގެ ވާހަކައެއް ކިޔައިދޭ ފިލްމު "ވަން ޑޭ" އަންނަ މަހުގެ 14 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމުގެ މުހިއްމު ތަރިންނަކީ އަނޫޕަމް ކޭރް، އީޝާ ގުޕްތާ އަދި ކުމުދު މިޝްރާ އެވެ. ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަޝޯކް ނަންދާ އެވެ.

"ވަން ޑޭ" އާ ބެހޭ ބޮޑު ތަފުސީލެއް މިހާތަނަށް އަދި ހާމަކޮށްފައި ނުވާ އިރު، މި ފިލްމުގެ ޓްރެއިލާ ވަރަށް އަވަހަށް ދައްކައިލާނެ އެވެ.

"ޗަލެ އާނާ" ދައްކާލައިފި

މި މަހުގެ 17 ގައި ރިލީޒް ކުރާ "ދޭ ދޭ ޕިޔާރު ދޭ" ލަވަތަކުގެ ތެރެއިން ހަތަރު ވަނަ ދައްކާލައިފި އެވެ.

"ޗަލް އާނާ" އަކީ އަމާލް މާލިކްގެ މިއުޒިކަށް އޭނާގެ ކޮއްކޮ އަރުމާން މާލިކް ކިޔާފައިވާ މަޑުމައިތިރި ލޯބީގެ ލަވައެކެވެ. ހިތާމަވެރި އިހުސާސެއް ވެސް ގެނެސްދޭ މި ލަވައިން ފެނިގެން ދަނީ އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތު ސިންގެވެ.

އަލަށް ޑައިރެކްޝަނަށް ނުކުންނަ އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" އަކީ ދުވަސްވީ ފިރިހެނަކާއި ޒުވާން އަންހެނަކާ ދެމެދު އުފެދޭ ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއް މަޖާ ގޮތަކަށް ކިޔައި ދޭނެ ފިލްމެކެވެ. މީގެ ކާސްޓުން ތައްބޫ ވެސް ފެނިގެން ދާނެ އެވެ.