Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

07 ނޮވެމްބަރ 2019

ކުރީގެ އެކްޓަރު އަމްރިޝް ޕޫރީގެ ކާފަ ދަރިފުޅު ވަރުދާން ޕޫރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޔޭ ސާލީ އާޝިގީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ އެކްޓަރު އަމްރިޝް ޕޫރީގެ ކާފަ ދަރިފުޅު ވަރުދާން ޕޫރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޔޭ ސާލީ އާޝިގީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ޗިރާގް ރޫޕަރޭލް ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ތުރިލާ އިން އާ ބަތަލާއަކު ވެސް ބޮލީވުޑަށް ތައާރަފުކުރާނެ އެވެ. އެއީ ޝިވަލީކާ އޮބެރޯއި އެވެ.

"ޔޭ ސާލީ އާޝިގީ" ގެ ޓްރެއިލާ ވަރަށް ޝައުގުވެރި އެވެ. ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ އެތައް މަންޒަރެއް ހިމެނޭއިރު، މި ފިލްމަކީ ވަރަށް އަނިޔާވެރި ލޯބީގެ ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ. ޓްރެއިލާ ބެލި މީހުން ކޮށްފައިވާ ކޮމެންޓްތަކަށް ބަލާ އިރު، މި ފިލްމަކީ ވަރަށް ފުރިހަމަވާނެ ފިލްމަކަށްވުމުގެ އުންމީދު ބޮޑެވެ. އަދި ވަރުދާންގެ އެކްޓިން ވެސް ވަރަށް މޮޅު ކަމަށް ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓްކުރި ބައެއް މީހުން ފާހަގަކުރި ގޮތުގައި ކާފަ އަމްރިޝް ޕޫރީ ކަހަލަ މޮޅު އެކްޓަރެއްކަން ޓްރެއިލާ އިން ވަރުދާން ވަނީ ސާބިތުކޮށްފަ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 22 ގަ އެވެ.

އަކްޝޭ އާއި ނުޕޫރްގެ ލަވައިގެ ޕޯސްޓަރު

އަކްޝޭ ކުމާރާއި ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނަންގެ ކޮއްކޮ ނުޕޫރް ސެނަން އެކީގައި ކުޅެފައިވާ ވީޑިއޯ ލަވަ "ފިލްހާލް" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

ނުޕޫރާ އެކު އަކްޝޭ ލަވައެއް ކުޅެފައި މި ވަނީ އޭނާގެ ދައްތަ ކްރިތީއާ އެކު ކުޅުނު ފުރަތަމަ ފިލްމު "ހައުސްފުލް 4" މިދިޔަ މަހުގެ 25 ވަނަ ދުވަހު ރިލީޒްކޮށްފައި ވަނިކޮށެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އަކްޝޭ ސޮއިކޮށްފައިވާ ފިލްމު "ބައްޗަން ޕާންޑޭ" ގެ ބަތަލާއަކީ ވެސް ކްރިތީ އެވެ.

އަކްޝޭ ކުޅުނު ފުރަތަމަ ވީޑިއޯ ލަވަ ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު، މި ލަވައިގެ މިއުޒިކް ހަދައި، ލަވަ ކިޔާފައި ވަނީ ބީ ޕްރާކެވެ. މި ލަވައިން އަކްޝޭ އާއި ނުޕޫރާ އެކު ޕަންޖާބީ އެކްޓަރު އައްމީ ވާކް ވެސް ފެނިގެން ދާނެ އެވެ.

ލަވަ ޑައިރެކްޓްކޮށްފައި ވަނީ އަރްވިންދު ޚައިރާ އެވެ.

"އެއްކީސް" ގެ ޝޫޓިން މެއި މަހު

ވަރުން ދަވަން ސޮއިކޮށްފައިވާ ބައޮގްރަފިކަލް ޑްރާމާ "އެއްކީސް" ގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މެއި ނުވަތަ ޖޫން މަހު ކަމަށް ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބުނެފި އެވެ.

މި ފިލްމަކީ އިންޑިއާގެ އަސްކަރިއްޔާގެ ކުރީގެ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާ ސެކަންޑް ލެފްޓިނަންޓް އަރޫން ކެތުރިޕާލްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ ވަރުން 2015 ގައި ކުޅުނު ފިލްމު "ބަދުލާޕޫރް" ގެ ޑައިރެކްޓަރު ސްރީރާމް ރަގްވަން އެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "އަންދާދުން" އެވެ.

ދިނޭޝް ބުނިގޮތުގައި އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށަން ނިންމީ ވަރުން މި ވަގުތު އޭނާގެ ބައްޕަ ޑައިރެކްޓްކުރާ ކޮމެޑީ ފިލްމު "ކޫލީ ނަމްބަރު 1" މަސައްކަތް ނިންމާފައި "އެއްކީސް" ގެ މަސައްކަތް ފަށަން ބޭނުންވުމެވެ. "އެއްކީސް" އަށް ވަރުން ހަށިގަނޑަށް ވެސް ބޮޑު ބަދަލެއް ގެންނަން ވަގުތު ނަގާނެ އެވެ.

"ކޫލީ ނަމްބަރު 1" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މެއި 1 ގަ އެވެ.

އަރުޖުންއާ އެކު ރަކުލް

"ވަން 2 ކާ 4" އާއި "ކްރޯދް "ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޝަޝީލާލް ކޭ ނައިރްގެ އަންހެން ދަރިފުޅު ކާޝްވީ ނައިރް ޑައިރެކްޝަނަށް ނުކުންނަ ފިލްމުގައި އަރުޖުން ކަޕޫރާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ރަކުލް ޕްރީތު ސިންގް ހަމަޖައްސައިފި އެވެ.

އަދި ނަން އިއުލާންނުކުރާ ފިލްމަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ނިކިލް އަދުވާނީގެ އެއްމޭ އެންޓަޓައިންމަންޓުން ހަދާ ފިލްމެކެވެ. މިއީ ޕާކިސްތާނާއި އިންޑިއާ އަށް ނިސްބަތްވާ ދެ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށްވެ އެވެ. އަދި މި ފިލްމުވެގެން ދާނީ އަރުޖުން އާއި ރަކުލްގެ ޖޯޑު އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށެވެ.

ރަކުލްގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 15 ގައި ރިލީޒްކުރާ "މަރުޖާވާ" އެވެ. އަރުޖުން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ ޑިސެމްބަރު 6 ގައި ރިލީޒްކުރާ "ޕާނިޕަޓް" އިންނެވެ.