Roadha Mihaaru
މޫނު ނިވާކޮށްގެން އުޅުން ލަންކާގައި މަނާކޮށްފި

މޫނު ނިވާކޮށްގެން އުޅުން ލަންކާގައި މަނާކޮށްފި

28 އެޕްރީލް 2019

ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން އުޅުން ސްރީ ލަންކާގައި މަނާކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން އުޅުން ސްރީ ލަންކާގައި މަނާކޮށްފި އެވެ.

މިދިދި ހަފުތާގެ އާދީއްތަ ދުވަހު ލަންކާގެ އެކި ތަންތަނުގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިގޮތަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން ކަމަށް ރައީސް މައިތިރްޕަލާ ސިރިސޭނާގެ އޮފީހުން މިރޭ ވަނީ އިއުލާނުކޮށްފަ އެވެ.

އެއްވެސް އެއްޗެއް ބޭނުންކޮށްގެން، ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން އުޅުން މަނާކުރީ ގައުމީ ސަލާމަތަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ވަނީ ބުނެފަ އެވެ.

މޫނު ނިވާކޮށްގެން އުޅުން މަނާކުރަން ނިންމި އިރު މޫނުބުރުގާ އަޅައިގެން އުޅުން މަނާކުރުމަށް ބޭނުންވާ ގާނޫނުތައް ހަދަން ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާ އެ ގައުމުގެ ޖަސްޓިސް މިނިސްޓަރަށް މިއަދު ވަނީ ދަންނަވައިފަ އެވެ. މޫނު ނިވާކުރުން މިވަގުތަށް މަނާކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ބޮޑުވަޒީރުގެ އޮފީހުން ބުނީ މޫނުބުރުގާ މަނާކުރަން ގާނޫނުތައް ހަދަން ނިންމީ ލަންކާގެ މުސްލިމުންގެ ދީނީ އިލްމުވެރިންގެ ޖަމިއްޔާ އޯލް ސިލޯން ޔަމިއްޔަތުލް އުލަމާ (އޭސީޖޭޔޫ) އާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. އަދި އެ ޖަމާއަތުން ކުރިން ވެސް ވަނީ މޫނުބުރުގާ މަނާކުރުމަށް ގަރާރެއް ހުށަހަޅައިފަ އެވެ.

އިމަޖެންސީގެ ދަށުން އިއްޔެ ވަނީ، ލަންކާގައި ބޮމުގެ ހަމަލާތައް ދިން ނެޝަނަލް ތައުހީދު ޖަމާއަތާއި ޖަމާއަތީ މިއްލަތު އިބްރާހިމް ކިޔާ ޖަމާއަތެއް ވެސް މަނާކޮށްފަ އެވެ. މި ޖަމާއަތްތަކުގެ ހަރަކާތްތައް ހުއްޓުވައި، އެ ޖަމާއަތްތަކުގެ މުދާ ދައުލަތަށް ނަގާނެ އެވެ.

ކްރިސްޓިއަން ބައެއް ފައްޅިތަކާއި ބައެއް ހޮޓާތަކަށް ދިން ބޮމުގެ ހަމަލާތަކަށް ފަހު މުސްލިމުންނަށް އަމާޒުކޮށް އެކި ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. ހަނގުރާމަވެރި އައިއެސް ޖަމާއަތުން ޒިންމާ ނަގާފައިވާ، 250 އަށް ވުރެ ގިނަ މީހުން މަރުވި ހަމަލާތަކުގައި ބައިވެރިވެފައި ވަނީ ލަންކާގެ ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތުގެ މެންބަރުންނެވެ. މި ނުރައްކާތެރި ހަމަލާތަކަށް ފަހު މުޅި ގައުމުގައި އަންނަނީ ސަލާމާތީ ބާރުތަކުން ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންނެވެ.