Roadha Mihaaru
ކުރީގެ މެންބަރުން އިނާޔަތް ހޯދަން އަނެއްކާވެސް ބިލެއް

މެމްބަރުކަމުން ވަކިވުމުން އިނާޔަތް ހޯދަން އަނެއްކާވެސް ބިލެއް

24 އެޕްރީލް 2019

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުން ވަކިވާ ހިސާބުން އިނާޔަތް ލިބޭ ގޮތަށް އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އަނެއްކާ ވެސް ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުން ވަކިވާ ހިސާބުން އިނާޔަތް ލިބޭ ގޮތަށް އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އަނެއްކާ ވެސް ހުށަހަޅައިފި އެވެ.

މަޖިލިހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޓީގެ ނައިބު ރައީސް އަބްދުﷲ ޔާމީން ރަޝީދު ގާނޫނަށް އިސްލާހު ހުށަހެޅުއްވި އިރު، ކުރީގެ މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ޚިދުމަތް ލިބޭ ގޮތަށް މަޖިލިހުގެ ދެ މެމްބަރަކު ވަނީ ހަމަ އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފަ އެވެ.

އެގޮތުން، ކުރީގެ މެމްބަރުންނަށް ވީއައިޕީގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ. މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ހަމަޖައްސައިދޭން ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ. އެކަމަކު، ޔާމީންގެ އެ އިސްލާހުތަކުގައި އެފަދަ އެއްވެސް ވާހަކައެއް ހިމަނާފައެއް ނުވެ އެވެ.

ލަތީފްގެ އިސްލާހާ އެއްގޮތަށް ޔާމީންގެ އިސްލާހުގައި ވަނީ މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވާ ހިސާބުން ކަމަށެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވުމަށް ފަހު، އަދި އެ މެމްބަރެއްގެ އުމުރުން 55 އަހަރު ފުރޭ ފަހުންނެވެ.

ޔާމީންގެ އިސްލާހުގައި ވަނީ ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި އިނާޔަތް ނުލިބޭނެ ކަމަށް ބުނާ މާއްދާ އުވައިލަން ހުށަހަޅުއްވައިފަ އެވެ. މި ބިލަށް އަމަލު ކުރަން ފަށާނީ ބިލް ފާސްކޮށް، ރައީސް ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ޔާމީން "މިހާރު" އަށް ވިދާޅުވީ މަޖިލިހުގެ މެމްބަރުކަމުން ވަކިވާ ހިސާބުން އެ ބޭފުޅުންނަށް އަބުރުވެރިކަމާއި ނަޒާހަތްތެރިކަމާ އެކު އުޅެވެން ޖެހޭނެ ކަމަށެވެ. އަދި މެމްބަރުން ވަކިވާ ހިސާބުން އިނާޔަތް ދޭން ހުށަހެޅުއްވީ އެ ބޭފުޅުން ފަސް އަހަރު ދުވަހު ކުރި މަސައްކަތުގެ އަގު ވަޒަންކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެހެން މަގާމުތަކުގައި ވެސް އެ ލިބޭ އިމްތިޔާޒުތަކާއި އިނާޔަތެއް އެ މަގާމަކުން ވަކިވާ ދުވަހުން ފެށިގެން ލިބޭ އެއްޗަކަށް ވާއިރު، މަޖިލިސް ފަދަ މުހިންމު މުއައްސަސާއެއްގައި ހިދުމަތްކޮށް ވަކިވުމުން އެ މަގާމާ އެކަށީގެންވާ ވަރުގެ އިނާޔަތާއި އިމްތިޔާޒެއް ލިބުމަކީ ގައުމީ ހައިބަތު ދައްކުވައިދޭނެ ކަމެކެވެ.

"އިންތިހާބީ އެހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިވާ ހިސާބުން އިނާޔަތްތައް ލިބޭ އިރު، މަޖިލިހުގެ މެމްބަރުންނަށް މި ލިބެނީ 55 އަހަރު ވާ ފަހުން. މިއީކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް ގަބޫލު ކުރަނީ. އެހެންވެ އަޅުގަނޑު މި އުޅެނީ އާ އިނާޔަތްތަކެއް ހޯދާކަށް ނޫން،" ޔާމީން ވިދާޅުވި އެވެ.

މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި މެމްބަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް މިހާރު ވެސް އިނާޔަތްތަކެއް ލިބިވަޑައިގަންނަވަ އެވެ. އެގޮތުން، އެއް ދައުރު ފުރިހަމަ ކުރައްވާފައި ތިއްބެވި ބޭފުޅުން މެމްބަރަކަށް ހުރި އިރު ލިބޭ މުސާރައިގެ 30 ޕަސެންޓް ލިބެން ޖެހޭނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ. އެއީ މަހަކު 25،000ރ. އެވެ.

ދެ ދައުރު ފުރިހަަމަ ކުރެއްވި ބޭފުޅަކަށް، އެ ބޭފުޅަކު މެމްބަރަކަށް ހުންނެވި އިރު ލިބިވަޑައިގެންނެވި މުސާރައިގެ 45 ޕަސެންޓު ލިބޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ. އެއީ މަހަކު 38،000ރ. އެވެ.

މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ހަތަރު ބިލެއް ހުށަހެޅުއްވީ މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި މެމްބަރުންނެވެ.