13 ޑިސެމްބަރ 2018
އެމްޑީޕީން ޑިމޮކްރަސީގެ އަސާސްތައް ކޮށައި ކުދި ކުރަމުންދާ ކަމަށް ވިދާޅުވެ، ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެމްޑީޕީ އަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ޑިމޮކްރަސީގެ އަސާސްތައް ކޮށައި ކުދި ކުރަމުންދާ ކަމަށް ވިދާޅުވެ، ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެމްޑީޕީ އަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް ލަތީފު ފާޑު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލިހުން ފާސްކުރި ފާސްކުރުން ބާތިލްކޮށް، އެ މީހުންނަށް އަލުން ފުރުސަތު ދިނުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް އެމްޑީޕީން ދެކޮޅު ހެދުމުންނެވެ.
އެމްޑީޕީއަށް ތާއީދު ކުރާ ބަޔަކު، ކުރީގެ ރައީސް ނަޝީދަށް ތާއީދުކޮށް ލިޔުންތަކެއް ހިފައިގެން. -- ފޮޓޯ: ނިޝާން އަލީ/މިހާރު
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް އެމްޑީޕީގެ މެމްބަރުން ދެކޮޅު ހެއްދެވިއިރު، ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު، އިއްޔެ ވަނީ ބިލް މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވައިފަ އެވެ. ބިލް ހުށަހެޅުމުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ.
ނަމަވެސް ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ނޮވެމްބަރު 23، 2016 ގައި މަޖިލިހުން ފާސް ކުރިއިރު، އެކަމާ އޭރު އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ.
ލަތީފް "މިހާރު" އަށް ވިދާޅުވީ އެމްޑީޕީން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ބައްޓަން ކުރީމަ އެއީ ޑިމޮކްރަސީ ކަމަށާއި އެމްޑީޕީން އަބަދުވެސް ކަންކަން ނިންމަނީ އެ ޕާޓީން ބޭނުންވާ ގޮތަކަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި 2016 ވަނަ އަހަރު ޕީޕީއެމް އިސްވެ އޮވެ، ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެންނަން އުޅުމުން، އެއީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު އިސްލާހެއް ކަމަށް ވިދާޅުވެ، ދެކޮޅު ހެއްދެވީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ. އަދި އެމްޑީޕީ އަށް ބާރު ލިބޭ ދުވަހު، އިސްލާހު ބާތިލް ކުރާނެ ކަމަށް ވިދާޅުވެފައި، މިހާރު އެ އިސްލާހު ބާތިލް ކުރަން ދެކޮޅު ހައްދަވަނީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ.
"އޭރު ބުނީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެކޭ. ގާނޫނުތަކާ ހިލާފޭ. ތިގޮތަކަށް ތިކަމެއް ނުކުރެވޭނެއޭ. މެޖޯރިޓީ ލިބޭ ދުވަހު އެއަށް ބަދަލު ގެންނާނަމޭ. ބާތިލް ކުރާނަމޭ. އިސްލާހު ކުރާނަމޭ ކިޔާފައި މިހާރު ބާރު ލިބުނު ދުވަހު އަޅުގަނޑު ހުށަހެޅި އިސްލާހަށް ތާއީދު ކުރާކަށް ބޭނުމެއް ނުވި،" ސަރުކާރު ކޯލިޝަންގައި ދެވަނަ އަށް މި ވަގުތު އެންމެ ބޮޑު ޕާޓީ ޖޭޕީގެ މެމްބަރު ލަތީފު ވިދާޅުވި އެވެ.
ކޮމިޓީ ބައްދަލުވުމެއްގައި ޣަފޫރު (ކ) ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމްއާ ވާހަކަ ދައްކަވަނީ.--ފޮޓޯ: ހުސައިން ވަހީދު/މިހާރު
"އަޅުގަނޑުމެންގެ ޕާޓީގައި އޮންނަ ގަވައިދާއި އުސޫލުތަކުގެ ތެރެއިން ކަންތައް ކުރީމަ އެއީ ޑިމޮކްރަސީއެއް ނޫން. ރީނދޫ ކުލަ އޮންނަ ގޮތަށް ނިންމައިފިއްޔާ އެއީ ޑިމޮކްރަސީ. އެގޮތަކަށް އެކަމެއް ނުވާނެ."
ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން އިންތިޚާބުތަކުގައި ބައިވެރިވެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވީ ވަރަށް މާތް މަގްސަދެއްގައި ކަމަށް ލަތީފު ވިދާޅުވި އެވެ. އަދި މަޖިލީހަށް ކުރިމަތިލުމުގެ ދޮރު އެއްވެސް މީހަކަށް ބަންދުވެގެން ނުވާނެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.
ލަތީފު ވަނީ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، "ގަނޑުކޮށް" ފޯމްތައް ފުރައިގެން އެމްޑީޕީ އަށް މެމްބަރުން ވަންނަމުންދާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެކަމުން، އިންތިޚާބުތަކުގައި ވާދަކުރަން ބޭނުންވެފައި ތިބި، އިހްލާސްތެރިންގެ ހައްގަށް އުނިކަން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން ޕާޓީ އަށް ނުވަދެ ތިބެ، ކުއްލިއަކަށް ޕްރައިމަރީއަކަށް ގޮވާލީމަ ޕާޓީ އަށް ވަންނަނީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ. އަދި ޕްރައިމަރީއެއް ބާއްވަންވީމަ، 33،000 އަށް ވުރެ ގިނަ މީހުންގެ ފޯމް ބަލައިގެން ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީގައި އެއްވެސް ހަމައެއް ނެތް. ޑިމޮކްރަސީގެ އަސާސްތައް ފަޅަމުން، ކޮށަމުން، ކުދި ކުރަމުން އެދަނީ. މިންތަކެއް، ތުނި މިނެއް، ބޯމިނެއް، ފަލަ މިނެއް، އުސް މިނެއް، ބެލުމެއް ނެތް،" ލަތީފް ވިދާޅުވި އެވެ.
ބިލާ ދެކޮޅު ހެއްދެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ޕާޓީތަކުން ބާއްވާ ޕްރައިމަރީއަކުން ނުވަތަ އުސޫލެއްގެ ތެރެއިން މީހަކަށް ޓިކެޓު ލިބުނީމަ، ޓިކެޓު ނުލިބުނު މީހާ އަމިއްލަ ގޮތުން، އިންތިޚާބުތަކަށް ވާދަކުރުމަކީ ޕާޓީތަކުގެ ނިޒާމަށް އެޅޭ ހުރަހެއް ކަމަށެވެ.
ޕްރައިމަރީއާ މެދު ހިތްހަމަނުޖެހޭ ނަމަ، ކޯޓަށް ދިއުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށާއި ލަތީފް ހުށަހެޅުއްވި އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.
ގޮނޑިތައް ބަހާނީ ރައްޔިތުން، ލީޑަރުންނެއް ނޫން
ރައީސުންނަށް އަމާޒުކުރި އިސްލާހު ގާނޫނުއަސާސީ އަށް
ލަތީފް އިސްލާހެއް ނުނެގި، ފަހަތުގައި "ބާރުގަދަ" ބޭފުޅުން؟
ޕާޓީތަކުގެ ދަރަނި ބަޖެޓުން ކަނޑާލާ އިސްލާހު ބޭރުކޮށްފި
ޕާޓީތަކުން ނުދައްކާ ދަރަނިތައް ބަޖެޓުން ކަނޑާލަނީ
ޕްރައިމަރީން ބަލިވާ މީހުންނަށް ފުރުސަތު ދޭ އިސްލާހެއް
ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވިސްނުމާއި ފިކުރު
47 ޖަލްސާގެ ރިކޯޑެއް، މަޖިލިސް ޗުއްޓީއަށް!