23 އެޕްރީލް 2019
ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާލި މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލުމުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށް، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާލި މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލުމުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށް، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ.
"ރާއްޖެ ޓީވީ" ގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ، އެ ތިން މައްސަލައިގެ މޯޓިވް ވެސް ރިޔާސީ ކޮމިޝަނަށް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. މިއީ މިހާތަނަށް ފުލުހުންނަށް ވެސް ހޯދިފައި ނެތް ކަމެއް ކަން ފާހަގަކުރައްވަމުން ސުއޫދު ސިފަކުރެއްވި ގޮތުގައި އެއީ ރިޔާސީ ކޮމިޝަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.
"އަޅުގަނޑުމެންނަށް އެ ތިން މަރުގެ ވެސް މޯޓިވް މި އޮތީ ހޯދިފައި،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވުމާ އެކު، އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސް ސުއޫދު ވިދާޅުވި އެވެ.
މިއީ، އެތައް ބައެއްގެ ކަންބޮޑުވުން ހިމެނޭ މި ތިން މައްސަލައިގެ މޯޓިވް އާއި އޭގެ ފަހަތުގައި ތިބި ބަޔަކު އެނގޭ ކަމަށް ސަރުކާރުގެ މުއައްސަސާއަކުން ހާމަކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭގައި ހިންގާ މިފަދަ ބޮޑެތި ޖަރީމާތަކާ ގުޅޭ ތަހުގީގު ނިމޭއިރު، އެ ކަމެއްގެ މޯޓިވް އާއި ފަހަތުގައި ތިބި މީހުންނާއި އެކަމަކަށް ޚަރަދުކުރި ބަޔަކު ނޭނގުން އެއީ އަބަދުވެސް އެތައް ބަޔަކު ފާހަަކުރާ ބޮޑު މައްސަލަ އެކެވެ.
ސުއޫދު ވެސް ވިދާޅުވީ، އަފްރާޝީމާއި ރިލްވާން އަދި ޔާމީންގެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދުމަށާއި އޭގެ މޯޓިވް ދެނެގަތުމަށް ސަރުކާރުން މިހާތަނަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ކުރި މަސައްކަތުން، އަޅުގަނޑުމެން ހޯދި ހޯދުންތަކަށް ބަލާއިރު މޯޓިވް އާއި ފަހަތުގައި ތިބީ ކޮން ބައެއްކަން މިހާރު ވަނީ ހޯދިފައި،" ކޮމިޝަންގެ މަސައްކަތްތަކުގެ ކުރި މަރާލަން އަދި ބޭނުން ނުވާކަން ފާހަގަކުރައްވަމުން ސުއޫދު ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނަށް ސުއޫދު އައްޔަން ކުރައްވައި، އޭނާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ލިޔުން މިދިޔަ އަހަރުގެ ނޮވެމްބަރު 21 ގައި ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވި ގޮތުގައި، އެ ތިން މައްސަލައިގެ ރިޕޯޓު ނެރުމުގެ ކުރިން ވެސް ފިޔަވަޅުތަކެއް އަޅައި، ފަހަތުގައި ތިބި މީހުން އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ގޮތެއް ރިޔާސީ ކޮމިޝަނުން ހޯދާނެ އެވެ.
އަފްރާޝީމާއި ޔާމީން މަރާލުން އަދި ރިލްވާން ގެއްލުވައިލުމުގެ ބޭނުން މިހާތަނަށް ސަރުކާރަށް ނުހޯދި އޮތީ ބައެއްގެ ނުފޫޒުންތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން ސުއޫދު ވިދާޅުވީ، އޭގެ ސަބަބެއް އަދި ކޮމިޝަނަށް ދެނެނުގަނެވޭ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަން އެނގޭނީ އިތުރަށް ތަހުގީގު ކޮށްގެން ކަމަށެވެ.
ސުއޫދު ވިދާޅުވީ، މި ތިން މައްސަލައިގެ ފަހަތުގައި ތިބި މީހުންގެ މައްޗަށް ދައުވާ ކުރުމާ ގުޅޭ ކަންކަން ވެސް ކުރިއަށް ދާ ކަމަށެވެ. އެކަމަކު، އެ ކަން އެއްކޮށް ފުރިހަމަ ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި އަފްރާޝީމާއި ރިލްވާން އަދި ޔާމީންގެ އާއިލާ އަށް އިންސާފު ހޯދައިދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އެބައޮތެވެ.
އަޅުގަނޑުމެން ކުރި މަސައްކަތުން، އަޅުގަނޑުމެން ހޯދި ހޯދުންތަކަށް ބަލާއިރު މޯޓިވް އާއި ފަހަތުގައި ތިބީ ކޮން ބައެއްކަން މިހާރު ވަނީ ހޯދިފައި،" ސުއޫދު
ސުއޫދު، މީގެ ކުރިން ވިދާޅުވެފައި ވަނީ އަފްރާޝީމާއި ޔާމީން މަރާލުން އަދި ރިލްވާން ގެއްލުވައިލުމުގެ ހާދިސާ ވަނީ ގުޅިފައި ކަމަށެވެ.
"އެއް ޕެޓާނަކަށް، އެކަތި އަނެކައްޗާ ގުޅުން ހުރި ކަމަށް އަޅުގަނޑުމެން މި ބަލަނީ. ތިން މައްސަލަ ވެސް ގުޅިފައި އޮތް ކަމަށް،" މިދިޔަ އަހަރުގެ ޑިސެމްބަރު 30 ގައި ރިޔާސީ ކޮމިޝަނުން ބޭއްވި ނިއުސް ބްރީފިން ގައި ސުއޫދު ވިދާޅުވެފައި ވެ އެވެ.
އޭނާ މިރޭ ވިދާޅުވީ، ކޮމިޝަނުން ބަލާ މައްސަލަތައް ކުރިއަށް ގެންދާނީ ފުލުސް އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އެހީތެރިކަމާ އެކު ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ބައިވެރިވުން، ކޮމިޝަނުން ބަލާ މައްސަލަތަކުގައި ނެތް ނަމަވެސް ކުރިމަގުގައި އެ މުއައްސަސާގެ އެހީތެރިކަން ހޯދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގެ ރިޔާސީ ވައުދެކެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވި ހަމައެކަނި މީހާ ހުމާމް ކޯޓަށް ހާޒިރުކުރަނީ.---ފައިލް ފޮޓޯ: މިހާރު
ދީނީ އިލްމުވެރިޔާ އަފްރާޝީމަށް ހަމަލަދީ، އަނިޔާވެރި ގޮތަކަށް އަވާހަރަކޮށްލާފައި ވަނީ އޮކްޓޫބަރު 2012 ގަ އެވެ.
އެ މައްސަލައިގައި ކުށް ސާބިތުވެ، ހުކުމް އައީ ހ. ލޮބީ، ހުސައިން ހުމާމް އަހުމަދުގެ މައްޗަށް އެކަންޏެވެ. ހުމާމް މަރަން ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެކަމަކު އެކަން ރޭވުމުގެ އަޑީގައި ތިބި މީހުން ނުހޯދޭތީ އަފްރާޝީމްގެ އާއިލާ އިން ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނޫސްވެރިޔާ ރިލްވާން އޮގަސްޓް، 2014 ގައި ގެއްލުނު ފަހުން އޭނާ އަށް ވީގޮތެެއް މިއަދާ ހަމައަށް ވެސް ނުހޯދެ އެވެ. އޭނާ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިޔަސް، އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ މީހުން.
ޔާމީން، އަނިޔާވެރި ގޮތަކަށް މަރައިލީ އޭޕްރީލް، 23، 2017 ދުވަހުގެ ރޭ ދަންވަރު އެވެ. އެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް މި ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނުން ނިންމާފައި ވަނީ 24 މައްސަލައެއް ބެލުމަށެވެ. އަދި އެ މައްސަލަތައް މި މަހުގެ ނިޔަލަށް ނިންމާލާނެ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 30 ގައި ބޭއްވި ނިއުސް ބްރީފިން ގައި ސުއޫދު ވިދާޅުވެފައި ވެ އެވެ. ނަމަވެސް އޭނާ މިރޭ ވިދާޅުވީ، އޭރު ކަނޑައެޅުއްވި ތާރީޚަށް މަސައްކަތްތައް ނިންމައި ނުލެވުމުގައި ސަބަބުތައް މެދުވެރިވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް ކަމަކީ ސުއޫދު ވިދާޅުވި ގޮތުގައި ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމުގެ ބިލް ރައްޔިތުންގެ މަޖިލިހުގައި ތާށިވުމެވެ. އޭނާ ކުރިން ވިސްނަވާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ދައުރު މިދިޔަ ޖެނުއަރީގައި ދަންމާލައިގެން އެ ބިލް ފާސްކުރެވޭނެ ކަމަށެވެ. އެކަމަކު، ތަފާތު ސަބަބުތަކާ ހެދި އެކަން ނުވި ކަމަށް ސުއޫދު ވިދާޅުވި އެވެ.
ސެޕްޓެމްބަރު 2017 ން ފެށިގެން އަމަލުކުރަމުން އަންނަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޖިނާއީ އެއްވެސް ތަހުގީގެއް ކުރެވޭނީ އެ ގާނޫނުގައި ތަހުގީގީ އިދާރާއެއް ކަމަށް ކަނޑައަޅާފައިވާ ފަރާތަކަށް ކަމަށް ސުއޫދު ވިދާޅުވި އެވެ. އެ މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނީ ވެސް ތަހުގީގީ އިދާރާ އަކަށެވެ.
"އެކަން ހުރަކަށް އައިސްގެން އަޅުގަނޑުމެންނަށް މައްސަލަ ދިމާވީ،" ސުއޫދު ވިދާޅުވި އެވެ.
ކޮމިޝަނުން ބެލުމަށް މި ވަގުތަށް ކަނޑައެޅިފައިވާ މައްސަލަތައް
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ ކޮމިޝަނުން މިހާރު ޖިނާއީ ތަހުގީގު ހިންގަނީ ފުލުހުންގެ އެހީތެރިކަމާ އެކު އެވެ. އެކަމަކު، އެކަމުގެ ތެރޭގައި ލަސްވުމެއް އުޅޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން، ރިޔާސީ ކޮމިޝަނުން ނަގާ ބަޔާންތައް ފުލުހުން މެދުވެރިކޮށް ނެގުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"މިހާރު ވެސް [ކޮމިޝަންގެ] މަސައްކަތް ކުރިއަށް އެބަދޭ. އެކަމަކު، ޖިނާއީ ދައުވާއެއް ކުރަން ބަލާއިރު، އަޅުގަނޑުމެން މިކުރާ ތަހުގީގުގެ އަލީގައި ބައެއްގެ މައްޗަށް ދައުވާ ކުރަން މި ޖެހެނީ. ހިފައި ހައްޔަރު ކުރާ ކަމަށް ވެއްޖިއްޔާ އަޅުގަނޑުމެންނަށް އެބަޖެހޭ އެ ގާނޫނު [ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް] ފާސްވާން. އެހެން ނޫނިއްޔާ އަޅުގަނޑުމެން އާދައިގެ ރިޕޯޓެއް ނެރެލާފައި ނިންމާލެވިދާނެ. އެކަމަކު، މިއީކީ ނޫން ކަންނޭނގޭ މީގެ މަގުސަދަކަށް ވާން ޖެހޭނީ،" ކޮމިޝަނަށް ކުރިމަތިވެފައިވާ ގާނޫނީ ދަތިތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ކޮމިޝަންގެ މަގުސަދަކަށް ވާން ޖެހޭނީ މަރުތަކުގެ ފަހަތުގައި ތިބި މީހުން ހައްޔަރުކޮށް، އަދުލު އިންސާފު ހޯދައި ދިނުމެވެ. އެކަމަކު، އެކަން ކުރެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ފަދަ ތަހުގީގީ އިދާރާ އަކަށް ރިޔާސީ ކޮމިޝަން ބަދަލުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އާދައިގެ ރިޕޯޓެއް، ފެންނަ ކަންކަން ފާހަގަ ކޮށްފައި ނެރެވިދާނެ. އެހެން ނަމަވެސް މަގުސަދު ހާސިލެއް ނުވާނެ. އޭގެ ބަދަލުގައި ރިޕޯޓު ނެރުމުގެ ސަބަބުން ހެކިތައް ފޮރުވުމަށާއި އެހެނިހެން ގޮތްގޮތުން، ތުހުމަތު ކުރެވޭ މީހުންނަށް ފުރުސަތު ލިބިގެންދާނެ،" ސުއޫދު ވިދާޅުވި އެވެ.
އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން. އެހެންވެގެން [ކޮމިޝަންގެ މަސައްކަތް] ލަސްވެގެން މިދަނީ."
މަރުގެ މައްސަލަ ބަލާ ކޮމިޝަނުން އުގެއިލްގެ އެހީ ހޯދަނީ
"އިންސާފަށް ވާސިލްވާން، ތަހުގީގުން ނަތީޖާ ނެރެދޭނަން"
މަރުތަކުގެ އެންމެ ފުނަށް ދެވޭނެކަން ޔަގީން: ސުއޫދު
މަރުތައް ތަހުގީގު ކުރަން ކޮމިޝަނެއް އުފައްދަވައިފި
ނަތީޖާ ނުނެރެވި މަރު ކޮމިޝަން މަރުވެއްޖެ؟!
މަރު ކޮމިޝަންގެ މަސައްކަތް ހުއްޓާލައިފި: ނަޝީދު
މަރުގެ ކޮމިޝަނަށް އަދީބު ހާޒިރުކޮށްފި
އަފްރާޝީމް، ރިލްވާން، ޔާމީންގެ މައްސަލަ ރިވިއުކުރަނީ
ސާބިތުވާ ވަރަށް ހެކި ނެތުމުން އަހަނދުގެ މައްސަލަ ބޭރު
ވެރިކަން ހޯދީ ރިލްވާންގެ ނަން ބޭނުންކޮށްގެން: އާއިލާ