21 ނޮވެމްބަރ 2018
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ރައްޔިތުންނަށް އިތުބާރު ކުރެވޭ ދަރަޖައަށް ތަހުގީގުކޮށް، އާއިލާތަކަށް އިންސާފު ހޯދައިދިނުމާ ހަމައަށް ވާސިލްވާން މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަން، ރިޔާސީ ކޮމިޝަނުން މިއަދު ދީފި އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ރައްޔިތުންނަށް އިތުބާރު ކުރެވޭ ދަރަޖައަށް ތަހުގީގުކޮށް، އާއިލާތަކަށް އިންސާފު ހޯދައިދިނުމާ ހަމައަށް ވާސިލްވާން މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަން، ރިޔާސީ ކޮމިޝަނުން މިއަދު ދީފި އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނާ، އެމަނިކުފާނު މިއަދު ވަނީ ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ. އެއީ، ވަރަށް ބޮޑު ޒިންމާއެއް ހަވާލުވެފައިވާ ކޮމިޝަނެއް ކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ ފަރާތްޕުޅުން ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ކޮމިޝަނަށް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ އެ ކޮމިޝަނުގެ ތަހުގީގު ކުރިއަށް ގެންދާނީ އަމިއްލަ އަށް އިސްނަގައިގެން ބަލާ އަދި ހުށަހަޅާ ހުރިހާ މައްސަލަތަކަށް ވެސް އިސްކަންދީގެން ކަމަށެވެ. ނަމަވެސް ދުވަސް ވުމުގެ ސަބަބުން ހެކިތައް ގެއްލިދާނެ ކަމަށް ނުވަތަ ފޮރުވަފާނެ ކަމަށް ފެންނަ މައްސަލަތަކަށް ތަންކޮޅެއް އިސްކަމެއް ދިނުން ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލަތަކުގެ ތެރޭގައި، ޑރ. އަފްރާޝީމް އަލީގެ އަވަހާރާކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގެ އިތުރުން، ލިޔުންތެރިޔާ ޔާމީން ރަޝީދު މަރާލި މައްސަލަ ހިމެނެ އެވެ.
"އަޅުގަނޑުމެންގެ މަސައްކަތް ރާވާލާނީ، ހުރިހާ މައްސަލަތަކެއްގެ ތަހުގީގު އެއްފަހަރާ ކުރިއަށް ދާނެ ގޮތަކަށް. އަޅުގަނޑުގެ ތަޖުރިބާއަކީ އަޅުގަނޑުމެންނަށް އެއްފަހަރާ 30 މައްސަލަ ބެލުމަކީ ކުރެވިދާނެ ކަމެއް ކަމަށް،" ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަތައް ތަހުގީގުކޮށް ނިންމުމަށް ކަނޑައަޅާފައި ވަނީ ދެ އަހަރުގެ މުއްދަތެއް ކަމަށެވެ. އެކަމަކު، އެ އަށް ވުރެ ކުރިން ވެސް ކޮމިޝަންގެ މަސައްކަތްތައް ނިންމައިލެވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ގާނޫނީ ވަކީލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދެވަނަ ބަންޑާރަ ނައިބުކަން ކުރެއްވި ސުއޫދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ [މައްސަލަތައް ނިންމަން] ދެ އަހަރު ވެސް ނުނަގާނެ. އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ދިގު މުއްދަކަށް ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާކަށް. ވަރަށް އުންމީދު އެބައޮތް އެ އަށް ވުރެ [ދެ އަހަރު] މާ ކުރިން ނިންމައިލެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަންގެ މެމްބަރުންނާ، ރައީސް ބައްދަލު ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ކޮމިޝަނުގެ ތަހުގީގުތައް ހިންގައި ރިޕޯޓް އެކުލަވާލުމުގައި ބޭރުގެ ޖަމާއަތްތަކުންނާއި ތަހުގީގީ އިދާރާތަކުން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ކަމަށް ސުއޫދު ވިދާޅުވި އެވެ. އެހެންކަމުން އެ ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރުމުގެ ޒިންމާ އަދާކުރި ނަމަވެސް ކަމާބެހޭ ތަޖުރިބާކާރުންނާއި ފަންނީ މީހުންގެ އެހީތެރިކަން ހޯދާނެ ކަމުގެ ޔަގީންކަން ވެސް ސުއޫދު ދެއްވި އެވެ.
މައްސަލަތައް ބަލައި އިންސާފާ ހަމައަށް ވާސިލްވުމުގައި، ކޮމިޝަނަށް ގާނޫނީ ހުރަސްތަކެއް ހުރި ނަމަވެސް މަސައްކަތްތައް ފަހިކުރުމަށް ބިލެއް މަޖިލީހަށް ފޮނުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ބިލު ފާސްވުމުން، ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ތަހުގީގީ އިދާރާއަކަށް ލިބިދޭ ހުރިހާ ބާރުތަކެއް ދީފައި އޮތް ނަމަވެސް މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ ބާރެއް އެ ކޮމިޝަނަށް ލިބިދީފައެއް ނުވެ އެވެ. ނަމަވެސް ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރު ކުރަން ވެއްޖެ ނަމަ، ފުލުހުންގެ އެހީ އަށް އެދެވިދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުންނާއި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ޖާގަ ނުލިބުމުގެ ސަބަބުން ނިމިގެން ދިޔަ ސަރުކާރުތަކުގައި އިންސާފާ ހަމައަށް ވާސިލްނުވެވި ހުރި ގިނަ މައްސަލަތަކަކީ އާއްމުންގެ މަސްލަހަތާ ގުޅިފައިވާ މައްސަލަތަކެއް ކަން ސޫއޫދު ފާހަގަކުރެއްވި އެވެ. އެހެންކަމުން، ކޮމިޝަނުން ނިންމާފައި ވަނީ، އެ ކޮމިޝަނުން ބަލަން ޖެހޭ ކަމަށް އާއްމުންނަށް ގަބޫލުކުރެވޭ މައްސަލަތައް ހުށަހަޅަން 30 ދުވަހުގެ މުއްދަތެއް ހުޅުވާލާށެވެ.
"އޭގެތެރެއިން އަޅުގަނޑުމެން ބަލަން ކަނޑައަޅާ މައްސަލަތައް ކަނޑައެޅުނީމަ އާއްމުންނަށް ހާމަކުރާނަން އެއީ ކޮން މައްސަލަތަކެއް ކަން،" ސުއޫދު ވިދާޅުވި އެވެ.
ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް އަށް، ރައީސް މަގާމުގެ ލިއުން ހަވާލު ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ކޮމިޝަނުން ބަލަން ނިންމި މައްސަލަތަކުގެ އަދަދު މިހާރު އުޅެނީ 29 ގަ އެވެ. މިއީ، ސުއޫދު ވިދާޅުވި ގޮތުގައި އެމްވީމާޑާސްޑޮޓްކޮމުން ބަލަހައްޓާ ހިސާބުތަކަށް ބަލައި ހޯދި އަދަދެކެވެ. އެކަމަކު މިހާރު ލިބޭ މައުލޫމާތުތަކަށް ބަލާއިރު ބަލަން ޖެހޭ މައްސަލަތަކުގެ އަދަދު މިހާރަށް ވުރެން އިތުރުވެދާނެ ކަމަށް ކޮމިޝަނުން ލަފާ ކުރެ އެވެ.
"މައުލޫމާތު ލިބޭ ގޮތުގައި ބައެއް މަރުގެ މައްސަލަތައް އެބަހުރި، ކަމާބެހޭ ފަރާތްތަކުން ނުބައްލަވައި ވަންހަނާކޮށްފައި. އެ ޝަކުވާ ލިބިފައި އެބަހުރި. އެއީ ވެސް ހަގީގަތެއްތޯ ބަލަން ޖެހޭ،" ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސީރިއަސް މައްސަލަތައް ނުބަލައި، ދޫކޮށްލުމާއި ތަހުގީގުގައި އިހުމާލުވުން ފަދަ ކަންކަން ހިނގިޔަ ނުދޭން ކުރެވޭނެ ކަންކަން ހޯދައި އެކަށީގެންވާ ފިޔަވަޅުތަކަކަށް މަސައްކަތް ކުރުމަކީ ވެސް އެ ކޮމިޝަނާ ހަވާކުރި ޒިންމާގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކަންކަން އިސްލާހުކުރަން މުއައްސަސާތަކަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ
އިންސާފު ނުލިބުމުގެ ކަންބޮޑުވުމާއި މާޔޫސްކަން ރައްޔިތުންގެ ތެރޭގައި އޮތް މިންވަރު އިހްސާސް ކުރެއްވޭ ކަން ފާހަގަކުރައްވަމުން ސުއޫދު ވިދާޅުވީ އެއީ ނަތީޖާ ނުނެރެވި ފޭލްވާ ކޮމިޝަނަކަށް ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ތަފާތު ދެއްކޭނެ ކަމުގެ އިތުބާރު އެބައޮތް. އެއީ، ރައްޔިތުންނަށް މައުލޫމާތު ވަންހަނާނުކޮށް، އާއްމުކުރުމާއި ކަމާބެހޭ ތަޖުރިބާކާރުންގެ އެހީ ހޯދުން ފަދަ ކަންކަމުގައި އަޅުގަނޑުމެންނަށް އެހެން ކޮމިޝަންތަކަށް ވުރެން ތަފާތު ގޮތްތަކެއް ބޭނުން ކުރެވޭނެ ކަން،" ސުއޫދު ވިދާޅުވި އެވެ.
ތުހުމަތު ކުރެވޭ ކަމެއްގައި، ސިޔާސީ ވަކި މީހަކަށް ވުމުން ނުބަލައި ދޫކޮށް ނުލާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.
"އަޅުގަނޑުމެން ބަލާނީ މައްސަލަ އަށް. ހިނގާފައިވާ ހާދިސާ އަށް، ހަގީގަތްތަކުގެ މައްޗަށް. މީހުންގެ މޫނަކަށް ނޫން،" ސުއޫދު ވިދާޅުވި އެވެ.
އެއާއެކު، އެ ކޮމިޝަނަކީ ޚަރަދު ބޮޑު ކޮމިޝަނަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަރުތައް ތަހުގީގު ކުރަން ކޮމިޝަނެއް އުފައްދަވައިފި
ނަތީޖާ ނުނެރެވި މަރު ކޮމިޝަން މަރުވެއްޖެ؟!
ބޮޑު 3 މަރުގެ ފަހަތުގައި ތިބި މީހުން ހޯދިއްޖެ:ސުއޫދު
މަރުގެ މައްސަލަ ބަލާ ކޮމިޝަނުން އުގެއިލްގެ އެހީ ހޯދަނީ
މަރުތަކުގެ އެންމެ ފުނަށް ދެވޭނެކަން ޔަގީން: ސުއޫދު
ވެރިކަން ހޯދީ ރިލްވާންގެ ނަން ބޭނުންކޮށްގެން: އާއިލާ
މަރު ކޮމިޝަންގެ މަސައްކަތް ހުއްޓާލައިފި: ނަޝީދު
ރިލްވާންގެ ރިޕޯޓް މަޖިލިހަށް ދޭން އަންގާފައެއް ނުވާނެ
މަރުގެ ކޮމިޝަނަށް އަދީބު ހާޒިރުކޮށްފި
ދެ ކޮމިޝަން ތަހުގީގީ އިދާރާއަކަށް ހަދައި ބާރުތައް ދެނީ