Roadha Mihaaru
މަޖީދިއްޔާގެ "ޓައިމް ކެޕްސޫލް" ހޯދަން ކޮންނަނީ!

މަޖީދިއްޔާ ސްކޫލުގެ "ޓައިމް ކެޕްސޫލް" ހޯދަން ކޮންނަނީ!

16 އެޕްރީލް 2019

ގިނަ ބައެއްގެ ހަނދާންތަކާ ގުޅިފައިވާ، މަޖީދިއްޔާ ސްކޫލަށް 65 އަހަރު ފުރުމާ ދިމާކޮށް އެ ސްކޫލްގެ ގޯތި ތެރޭގައި ވަޅުލި "ޓައިމް ކެޕްސޫލް" މިހާރު އޮތްކަމާ މެދު ސުވާލު އުފެދި އެ ހޯދަން މާދަމާ ސްކޫލު ގޯތިތެރެ ކޮންނާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގިނަ ބައެއްގެ ހަނދާންތަކާ ގުޅިފައިވާ، މަޖީދިއްޔާ ސްކޫލަށް 65 އަހަރު ފުރުމާ ދިމާކޮށް އެ ސްކޫލްގެ ގޯތި ތެރޭގައި ވަޅުލި "ޓައިމް ކެޕްސޫލް" މިހާރު އޮތްކަމާ މެދު ސުވާލު އުފެދި އެ ހޯދަން މާދަމާ ސްކޫލު ގޯތިތެރެ ކޮންނާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

ފެން އަޅާ ކަޅު ހަމެއް ކެޕްސޫލެއްގެ ގޮތުގައި ވަޅުލީ މީގެ 27 އަހަރު ކުރިން، އޭރުގެ އަދި ކުރީގެ ދަރިވަރުންގެ ގިނަ ހަނދާންތަކާ އެކުގަ އެވެ. އެގޮތުން ސްކޫލަށް ލިބިފައިވާ ޓްރޮފީތަކާއި މެޑަލްތަކާއި އޭރުގެ ދަރިވަރުން ފަހުގެ ޖީލުތަކަށް ފޮނުވާފައިވާ ސިޓީތައް ވެސް ހުއްޓެވެ. ކެޕްސޫލް ވަޅުލީ ސްކޫލަށް 100 އަހަރުވުމުން އެ ނަގާ ގޮތަށެވެ.

ޓައިމް ކެޕްސޫލްގައި އެތަކެތި ބަހައްޓާފައިވަނީ ހަލާކު ނުވެ ގިނަ ދުވަހު ހުންނާނެ ގޮތް ހެދުމަށް ފަހުގަ އެވެ.

މަޖީދިއްޔާ ސްކޫލުގެ އޮފިޝަލަކު މިރޭ ވިދާޅުވީ ކެޕްސޫލް އެހެން ތަނަކަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން އެ ނެގުމަށް، ސްކޫލުގައި މިހާރު ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މީހުން މިއަދު ކޮނުނު އިރު، "ހަލާކުވެފައިވާ އެއްޗެއް" ނެގުނު ކަމަށާއި އެކަމަކު އެއީ ކެޕްސޫލްކަން ޔަގީން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖީދިއްޔާގެ ޓައިމް ކެޕްސޫލް ވަޅުލަނީ

މަޖީދިއްޔާގެ ޓައިމް ކެޕްސޫލް ވަޅުލަނީ

"އަޅުގަނޑުމެންނަކަށް ނޭނގެ އެ ކޮނެވުނީ ރަނގަޅުތަނެއް ކަމެއް ވެސް. އެހެންވެ، ކެޕްސޫލް ހަލާކުވީ ކަމެއް ނުވަތަ ގެއްލުނީކަމެއް އަދި ބުނާކަށް ނޭނގެ. އެ ހޯދުމަށް މާދަމާ އަނެއްކާ ވެސް ކޮނުމަށް އަންގާފައިވާނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ކެޕްސޫލް ވަޅުލާފައިވަނީ މިހާރު ދަރުމަވަންތަ ސްކޫލު ހުރި ފަޅީގަ އެވެ.

ކެޕްސޫލް ގެއްލުނު ކަމަށް ބުނާ ޚަބަރާއެކު ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމުގެ ހިތާމަފާޅުކުރަމުންނެވެ. އެ މީހުން ބުނާގޮތުން ގިނަ ބައެއްގެ ހަނދާނާ ގުޅިފައިވާ އެ ފަދަ ތާރީހީ އެއްޗެއް ގެއްލުމަކީ ހިޔާނާތެކެވެ.

"އަހަރެންގެ ކާފަ އޭނާގެ ކާފަަދަރިންނަށް ސިޓީ ލިޔެ އެ ކެޕްސޫލްގައި ވަނީ ރައްކާކޮށްފައި. އެ ކިޔަން ލިބޭނެ ދުވަހެއް ބެލުމަށް ކާފައާ އެކުގައި ހިސާބު ޖެހި ހަނދާން ވެސް ވޭ. މީގެ ދިހަ އަހަރު ކުރިން ކާފަ ނިޔާވެފައިވާއިރު އެ ސިޓީ ކިޔާލަން ވަރަށް ބޭނުން،" ޓްވިޓާގައި ހިޔާލުފާޅު ކުރި މީހަކު ބުންޏެވެ.