16 އެޕްރީލް 2019
ބާސެލޯނާ (އޭޕްރީލް 16) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމުން އެއްވެސް ވަރަކަށް ދުލެއް ނުދޭނެ ކަމަށާއި އެކަމާ މެދު ބާސެލޯނާ އިން ވަރަށް ރަނގަޅަށް ވިސްނާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.
ބާސެލޯނާ (އޭޕްރީލް 16) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމުން އެއްވެސް ވަރަކަށް ދުލެއް ނުދޭނެ ކަމަށާއި އެކަމާ މެދު ބާސެލޯނާ އިން ވަރަށް ރަނގަޅަށް ވިސްނާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.
މިދިޔަ ހަފްތާގައި ޔުނައިޓެޑް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ބާސެލޯނާ ވަނީ 1-0 އިން މޮޅުވެފަ އެވެ. މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ބާސެލޯނާ އަށް ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސެމީގެ ފުރުސަތު ހޯދޭނެ އެވެ. އެންމެ ފަހުން ތިން ފަހަރު ވެސް ބާސެލޯނާ ކެޓީ ކުއާޓާ އިންނެވެ.
ޔުނައިޓެޑް އެންމެ ފަހުން ސެމީ ފައިނަލުގައި ކުޅުނީ 2011 ވަނަ އަހަރު އެވެ. މި ފަހަރުގެ ސެމީން ފުރުސަތު ހޯދަން މިރޭ ބާސެލޯނާ ދަނޑުގައި ޔުނައިޓެޑުން ނަތީޖާ ނެރެން ޖެހެ އެވެ. ޔުނައިޓެޑަށް ސެމީގެ ފުރުސަތު ލިބޭނީ ދެ ލަނޑުގެ ތަފާތުން ނޫނީ 1-0 ނޫން ސްކޯއަކުން އެއް ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ. މިރޭގެ މެޗު އިތުރުވަގުތަށް ދާނެ ހަމައެކަނި ނަތީޖާ އަކީ ޔުނައިޓެޑް 1-0 އިން މޮޅުވެގެންނެވެ.
މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން 2-0 އިން ބަލިވި ނަމަވެސް ދެ ވަނަ ލެގުގައި ޕީއެސްޖީ ދަނޑުގައި 3-1 އިން މޮޅުވެ، ޔުނައިޓެޑް ވަނީ ނަތީޖާ އަނބުރާލައިފަ އެވެ.
ބާސެލޯނާގެ ކޯޗު ވަލްވޭޑޭ ބުނީ ޔުނައިޓެޑްގެ ޓީމު ރޫހު އޮންނާނީ ވަރަށް ބޮޑަށް ޕީއެސްޖީގެ ނަތީޖާ އަށް ބަރޯސާވެފައި ކަމަށެވެ.
"ޔުނައިޓެޑުން އެއްވެސް ވަރަކަށް ދުލެއް ނުދޭނެ. އެ މީހުން އޮންނާނީ ވަރަށް ރަނގަޅު ރޫހެއްގައި. ޕީއެސްޖީ މެޗުގެ ނަތީޖާއިން ހިތްވަރު ހޯދަން ޔުނައިޓެޑުން ހުރިހާ ގޮތަކުން މަސައްކަތްކުރާނެ. އަހަރެމެން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ކުޅެން،" ވަލްވޭޑޭ ބުންޏެވެ.
ބާސެލޯނާގެ ކޯޗު ވަލްވާޑޭ (ކ) ފުރަތަމަ ލެގުގައި އިރުޝާދު ދެނީ. -- ފޮޓޯ: އޭއެފްޕީ
ޔޫރަޕްގެ މުބާރާތެއްގައި މިހާތަނަށް ބާސެލޯނާ ދަނޑުގައި ޔުނައިޓެޑަށް މޮޅެއް ނުހޯދެ އެވެ. ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބާސެލޯނާ މޮޅުވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިރޭގެ މެޗަށް ތައްޔާރުވުމަށް ބާސެލޯނާ އިން ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ގިނަ ކުޅުންތެރިންތަކަކަށް އަރާމްކުރަން ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ލިއޮނަލް މެސީ ވެސް ހިމެނެ އެވެ.
"މެސީ ހުރި ޔުނައިޓެޑް މެޗަށް ފިޓްކޮށް. އޭނާ މި މެޗުގައި ތަފާތު ދައްކާނެ،" ވަލްވޭޑޭ ބުންޏެވެ.
ވަލްވޭޑޭ ބުނީ ފުރަތަމަ ލެގުން މޮޅުވި ނަމަވެސް އެއްވެސް ކުޅުންތެރިޔަކު ސެމީގެ ޖާގަ ޔަގީންނުކުރާ ކަމަށާއި ބޭނުންވަނީ އަމިއްލަ ދަނޑުގައި ނަތީޖާ ނެރެގެން ސެމީގެ ޖާގަ ހޯދުމަށް ކަމަށެވެ.
މިއީ 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބާސެލޯނާގެ ދަނޑުގައި، ބަޔާން މިއުނިކް އަތުން ޔުނައިޓެޑް މޮޅުކޮށްދިން ގޯލު ޖަހައިދިން ފަހުން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެ ދަނޑަށް ދާ ފުރަތަމަ ފަހަރެވެ.
ސޯލްޝެއާ ބުނީ ޔުނައިޓެޑްގެ އެންމެ ބޮޑު ހިތްވަރަކީ ޕީއެސްޖީ މެޗުގައި ދެއްކީ އާދަޔާހިލާފު ހިތްވަރު ކަމަށެވެ.
"ޕީއެސްޖީ މެޗުގެ ހަނދާންތައް އަހަރެމެންނަށް ވަރަށް މުހިއްމު. ޓީމު ރޫހުގައި ދެއްކި އެ ހިތްވަރުގެ ފައިދާ މިހާރު ވެސް ކުރާނެ. ބޭނުމީ އެ ހިތްވަރު ނެރެން. އެކަމަކު އިދިކޮޅުގައި މި ފަހަރު އޮތީ ބާސެލޯނާ. އެ ޓީމުގެ ދަނޑުގައި ނަތީޖާ ނެރެން ވަރަށް އުނދަގޫވާނެ. އެކަމަކު މި ވެސް ނުވާނެ ކަމެއް ނޫން،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްޝެއާ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ޔުނައިޓެޑަށް އޮތް ހިތްހަމަޖެހުމަކީ އަނިޔާ އަށް ފަހު ޓީމުގެ ސީނިއާ ދެ ކުޅުންތެރިން އެނބުރި އައުމެވެ. އެއީ ކުރިން ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އަލެކްސިސް ސަންޗޭޒްގެ އިތުރުން ނެމަންޏާ މަޓިޗް އެވެ.
"މިއީ ސީނިއާ ކުޅުންތެރިންނެކޭ އެއްގޮތަށް މުޅި ޓީމުގެ މުހިއްމުކަން ބޮޑު މެޗެއް. އެއްވެސް ކުޅުންތެރިޔަކު ވަކި ރޫހެއްގައި ސާބިތުކޮށްދޭން ޖެހޭ އެއްޗެއް ނެތް. ކުޅެންވީ ޓީމު ރޫހެއްގައި." މިއީ ޔުނައިޓެޑްގެ ތަރި ޕައުލް ޕޮގްބާ އަށް ހާއްސަ މެޗެއްތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ސޯލްޝެއާ ޖަވާބުދިނެވެ.
ވަގުތީ ކޯޗު ކެރިކް އަށް ޔުނައިޓެޑްގައި ފެށުން ކާމިޔާބު
މެސީގެ ގޯލްތަކުން ބާސެލޯނާ ސެމީ އަށް
ޔުވެންޓަސް އެއްވަރު، ބާސާ އިން ޔުނައިޓެޑް ބަލިކޮށްފި
މެސީ ހުއްޓުވުމަކީ ނުވާނެ ކަމެއް ނޫން: ސޯލްޝެއާ
ކުއާޓާގައި ޔުނައިޓެޑާއި ބާސެލޯނާގެ ކުރިމަތިލުމެއް
ޔުނައިޓެޑް ބަލިވިއިރު، ބާސެލޯނާ ދެ ވަނަ ބުރަށް
ގަދަބާރުތައް ކާމިޔާބު ހޯދި ރޭ ބަޔާނަށް ހިތްދަތިކަން
މެސީގެ މޮޅު ކުޅުމާ އެކު ބާސާއިން ޔުވެންޓަސް ބަލިކޮށްފި
ބޮޑު މޮޅަކާ އެކު ބާސެލޯނާ އިން ފޯމު ދަމަހައްޓައިފި
ޔުނައިޓެޑުގެ ފުރަތަމަ އިމްތިހާނުން އަމޯރިމް ފާސްވެއްޖެ