Roadha Mihaaru
އަޒްހަރުގެ ޓީޗަރުން ރާއްޖެ އަންނާނީ ބުދަ ދުވަހު

އަޒްހަރުގެ ޓީޗަރުން ރާއްޖެ އަންނާނީ ބުދަ ދުވަހު: އަރަބިއްޔާ ސްކޫލު

14 އެޕްރީލް 2019

އަރަބިއްޔާ ސްކޫލްގައި ކިޔަވައި ދިނުމަށް މިސްރުގެ އަޒްހަރު ޔުނިވާސިޓީން ފޮނުވާ އިތުރު 18 ޓީޗަރުން އަންނަ ބުދަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އެ ސްކޫލުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަރަބިއްޔާ ސްކޫލްގައި ކިޔަވައި ދިނުމަށް މިސްރުގެ އަޒްހަރު ޔުނިވާސިޓީން ފޮނުވާ އިތުރު 18 ޓީޗަރުން އަންނަ ބުދަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އެ ސްކޫލުން މިއަދު ބުނެފި އެވެ.

ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް ވިދާޅުވީ، ޓީޗަރުން ފޮނުވުމުގެ އިދާރީ މަސައްކަތްތައް ނިންމައި ބުދަ ދުވަހު ރާއްޖެ އަންނާނެކަން އަންގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އަޒްހަރުގެ އާ ޓީޗަރުން އައުމުން، ޓީޗަރުން މަދުވުމުން ކުރިމަތިވި ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.

އަރަބިއްޔާ އަށް ޓީޗަރުން ނުލިބުމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ވަނީ މިިދިޔަ ފެބްރުއަރީ މަހު މިސްރަށް ވަފުދެއް ފޮނުވައިފަ އެވެ. ރާއްޖެ އަށް ޓީޗަރުން މި ފޮނުވަނީ، ޝެއިހުލް އަޒްހަރު އަހުމަދު މުހައްމަދު އައްތޮއްޔިބާ އެ ވަފުދުން ބައްދަލުކުރިޔާ ދެ މަސް ވާން ކައިރިވެފައި ވަނިކޮށެވެ.

އަޒްހަރުން މި އަހަރު 22 ޓީޗަރުން ފޮނުވަން ނިންމާފައި ވިޔަސް މިހާތަނަށް ރާއްޖެ އައީ ހަތަރު ޓީޗަރެކެވެ.

ރާއްޖޭގައި އަރަބި ތައުލީމް އުނގަންނައިދިނުމަށް މީގެ 32 އަަހަރު ކުރިން އަރަބިއްޔާ ސްކޫލު އުފެއްދި ފަހުން، ކޮންމެ އަހަރަކު ވެސް އަޒްހަރުން ޓީޗަރުން ފޮނުވަ އެވެ. މި ފަހަރު މައްސަލަ ޖެހުނީ، 2017 ވަނަ އަހަރު މިސްރުން ފޮނުވި ހަތް ޓީޗަރަކު އެއާޕޯޓުގައި 12 ގަޑިއިރު ބޭތިއްބުމަށް ފަހު ޑީޕޯޓުކޮށްލުމުންނެވެ. އެކަމާ ގުޅިގެން ރާއްޖެ އަށް އަލުން ޓީޗަރުން ނުފޮނުވަން ވެސް އަޒްހަރު ޔުނިވާސިޓީން ނިންމި އެވެ. ނަމަވެސް ފަހުން ވަނީ އެކަން ބަދަލުކޮށްފަ އެވެ.

މިސްރުން ފޮނުވި ޓީޗަރުންނާ މެދު ރާއްޖެ އިން ކުރިން ކަންތައް ކުރިގޮތުން ޝެއިހުލް އަޒްހަރު ހުންނެވީ ވަރަށް ބޮޑަށް ކޯފާވެވަޑައިގެންފަ އެވެ. އެގޮތުން، ޓީޗަރުން ފޮނުވާފައިވަނީ މީގެ ކުރީގެ ސަރުކާރުން އެގޮތަށް ކަންތައްކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަމަށް މައާފަށް އެދިވަޑައިގެން ސިޓީފުޅެއް ފޮނުއްވުމުންނެވެ.