Roadha Mihaaru
ރޭޕް މައްސަލައިގައި ފިލި އެކަކު ހައްޔަރުކޮށްފި

ރޭޕް މައްސަލައިގައި ފިލި އެކަކު ހައްޔަރުކޮށްފި

13 އެޕްރީލް 2019

މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ހަތަރު މީހަކު ގުޅިގެން އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައިގައި ފިލި ދެ މީހުންގެ ތެރެއިން އެކަކު ކޯޓު އަމުރެއްގެ ދަށުން ހޯދާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ހަތަރު މީހަކު ގުޅިގެން އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައިގައި ފިލި ދެ މީހުންގެ ތެރެއިން އެކަކު ކޯޓު އަމުރެއްގެ ދަށުން ހޯދާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ބުނީ އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައާ ގުޅިގެން ފިލި ދެ މީހުންގެ ތެރެއިން ހައްޔަރު ކުރީ އުމުރުން 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހޯދީ މާލެ އިން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ފިލި ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަތަރު މީހަކު ގުޅިގެން އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައެއްގައި ކުރިން ދެ މީހަކު ހައްޔަރު ކުރިޔަސް، އޭގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ. އެ ކޯޓުން މިނިވަން ކުރީ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ. އެކަމަކު، އެ މައްސަލައިގައި ދެން ހައްޔަރު ކުރި އުމުރުން 33 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ޖަހައިފަ އެވެ.

މާފަންނުގައި ހުންނަ އެ ގެސްޓް ހައުސް އަށް ފުލުހުން ވަނީ އެތަނުން އަންހެނަކު ހަޅޭއްލަވާ އަޑު، އެ ވަގުތު މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އިވިގެންނެވެ.

ފުލުހުން ވަނުމާ އެކު އޭގެ ތެރެއިން ދެ މީހަކު ފިލި ކަމަށާއި އެކަމަކު ގެސްޓް ހައުސްގެ ތެރެއިން އެކަކު އަތުލައިގަތް ކަމަށް ފުލުހުން ބުންޏެވެ. އަނެއް މީހާ ހައްޔަރު ކުރީ ފިލަން ވެގެން ދުވަނިކޮށް މަގުމަތިންނެވެ.

ފުލުސް އޮފީހުން ބުނި ގޮތުގައި އެ މީހުން ތިބި ކޮޓަރި ފާސްކުރި އިރު، ބަނގުރާ ހުރި ތަށިތަކަކާއި ފުޅިއެއް ވަނީ ފެނިފަ އެވެ.