Roadha Mihaaru
ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރަން ބިޑަށްލަނީ

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރަން ބޭރުގެ ބަޔަކު ހޯދަން ބީލަމަށް ލަނީ

02 އެޕްރީލް 2019

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމަށް އަންނަ ހަފުތާގައި ބީލަން ހުޅުވައިލުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމަށް އަންނަ ހަފުތާގައި ބީލަން ހުޅުވައިލުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ފުވައްމުލަކުގެ 2،650 މީޓަރުގެ ބޮޑު ސަރަހައްދެއް ހިމާޔަތް ކުރަން ޖެހޭ އިރު، އެ މަސައްކަތް ކުރާނެ ބޭރުގެ ބަޔަކު ހޯދަން ނިންމާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ކުރި ޓްވީޓު.

މިއީ، ނެދަލެންޑްސްގެ އެއިޑް އެޖެންސީ އާއި ކުވައިތު ފަންޑުން ހަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މިއީ، ރާއްޖޭގެ ހިންގާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ ބޮޑު މަޝްރޫއެވެ. ފުވައްމުލަކުގެ އިރުމަތިން ބޮޑު ބައެއް ގިރާލާފައި އޮތް އިރު، ރަށް ގިރުމުގެ ޝަކުވާ ވެސް ބޮޑެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލަފާ ކުރި ގޮތުގައި، އެ މަޝްރޫއަށް 300 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ.

އެމްޑީޕީން މާލޭގައި ދާދި ފަހުން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ނުފެށި ލަސްވީ ޔާމީންގެ ސަރުކާރުން ކަން ކުރި ގޮތުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، ދެ ފަހަރެއްގެ މަތިން ކުވެއިތު ފަންޑުގެ ޗެއާމަން އަދި ކުވެއިތުގެ ޚާރިޖީ ވަޒީރު ސަބާހު އަލް ޚާލިދު އަލް ސަބާހާ ބައްދަލުކުރައްވައި އެ މަޝްރޫއުއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.