Roadha Mihaaru
އޯޓިޒަމަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ތުއްތު ކުދިން އޯޓިޒަމް އަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފި

02 އެޕްރީލް 2019

ތުއްތު ކުދިން އޯޓިޒަމަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް އޯޓިޒަމް އެސޯސިއޭޝަނުން މިއަދު ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ތުއްތު ކުދިން އޯޓިޒަމަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް އޯޓިޒަމް އެސޯސިއޭޝަނުން މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރަން އޯޓިޒަމް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ އަހްމަދާއި އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑާ އަދި ޗެއާޕާސަން އިލްހާމް ހުސެއިން އެވެ.

މި ސްކްރީނިން ޕްރޮގްރާމްގައި ބައިވެރިވާން 48 ކުއްޖަކު ނަންނޯޓުކޮށްފައިވެ އެވެ.

މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވީ ގާނޫނު އަސާސީން ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށްދޭ ކަމަށާއި ނުކުޅަދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ވެސް ހިމާޔަތްކޮށްދޭ ކަމަށެވެ.

އޯޓިޒަމް ހުންނަ ކުދިންނާއި އެހެނިހެން ހުންނަ ނުކުޅަދުންތެރިކަން ހުންނަ ކުދިންނަށް އުނދަގޫވާނެ ގޮތަށް މުޖުތަމައުގެ ކަންކަން ހުރެގެން ނުވާނެ ކަމަށާއި، ސިޓީ ޕްލޭން ކުރުމާއި އިމާރާތްކުރުމުގައި ވެސް އެފަދަ ކަންތައްތަކަށް ވިސްނަން ޖެހޭނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

"ތިބޭކަލުންގެ ސަމާލުކަމަށްޓަކައި އަޅުގަނޑު ދަންނަވަން މިއުޅޭނީ މިކަންތައްތަކަކީ [އޯޓިޒަމް ކުދިންނަށް އަޅާލުމަކީ] އަޅުގަނޑުމެން ކުރަންޖެހޭނެ ކަންކަމޭ. އެހެންނޫން ނަމަ އެ ދައްކުވައިދެނީ އެ ކުއްޖާގެ ނުކުޅަދުންތެރިކަމަށް ވުރެ އެކުއްޖާއަށް އެހީވާން މުޖްތަމައުއުން ނުކުޅެދިފައިވާ މިންވަރު،" ފަޒްނާ ވިދާޅުވި އެވެ.

އޯޓިޒަމް އެސޯސިއޭޝަން ފަދަ ޖަމިއްޔާތަކުން، އަމިއްލަ ފަރުދެއްގެ ގޮތުން މިފަދަ ކަންކަމުގައި އަޑުނޫފުލޭ މީހުންނަށް ވަކާލާތުކުރަން ޖެހޭނެ ކަމަށް ވެސް ފަޒްނާ ވިދާޅުވި އެވެ.

"އޯޓިޒަމް ހުންނަ ކުދިންނާއި މީހުންނަކީ ނުކުޅަދުންތެރިކަން ހުންނަ ބައެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިތާ މި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް މި ދެންނެވި ގާނޫނުގައި ވާ ގޮތުގެ މަތިން އޯޓިޒަމް ހުންނަ ކުދިންގެ ހައްގުތައް ހިމާޔާތްކޮށް، އެ ކުދިންގެ ހައްގުތައް ފޯރުކޮށްދޭ މަސައްކަތްކުރާ ބޭފުޅުން،" ފަޒްނާ ވިދާޅުވި އެވެ.

ރައީސް އޮފީހުން މިއަދުކުރި ޓްވީޓެއް

މީގެ އިތުރުން އޯޓިޒަމް ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންނަށް ތިން ދުވަހުގެ ވޯކްޝޮޕެއް ވެސް މި ރަސްމިއްޔާތުގައި އިފްތިތާހު ކުރި އެވެ. މި ވޯކްޝޮޕް ވެސް އިފްތިތާހުކޮށްދެއްވީ ފަސްޓް ލޭޑީ އާއި އޯޓިޒަމް އެސޯސިއޭޝަނުގެ ފައުންޑަރު އިލްހާމެވެ. އެ ޕްރޮގްރާމުގައި 100 ޓީޗަރުން ބައިވެރިވެ އެވެ.

މި ރަސްމިއްޔާތުގައި އިލްހާމް ވިދާޅުވީ އޯޓިޒަމް ހުންނަ ކުދިންގެ ބޭނުންތަކަށް އަޅާލެވޭނެ ހުނަރުވެރިކަން އެ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ ކިބައިގައި ހުންނަން ޖެހޭ ކަމަށެވެ. އަދި އެ ޕްރޮގްރާމަށް ފަހު ބެލެނިވެރިންނަށް ހާއްސަ ވޯކްޝޮޕެއް ރާވާފައިވާކަން ފާހަގަކުރައްވައި، މި ވޯކްޝޮޕްތަކަށް މާލީ އެހީ ދިނުމުން ޔުނިސެފަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

ނުކުޅަދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރެޕީގެ ހަރަދު އާސަންދައިގެ ތެރޭގައި ހިމަނާނެ ކަމަށް މި ސަރުކާރުން ވައުދުވެފައިވާތީ، އޯޓިސްޓިކް ކުދިންނަށް ބޭނުންވާ ތެރަޕީތައް ވެސް އާސަންދައިގެ ތެރޭގައި ހިމަނާނެ ކަމަށް އުންމީދުކުރާ ކަމަށް އިލްހާމް ވިދާޅުވި އެވެ.

"މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރަޕީތައް އާސަންދައިގެ ދަށުން ހަމަޖައްސަވާނެ ކަމަށް ވަނީ ނިންމާފައި. އިރާދަކުރެއްވިއްޔާ އޯޓިޒަމް އެސޯސިއޭޝަނުގެ ތެރަޕީ ހޯދާ ކުދިންގެ ފީ ވެސް މި ވައުދުގެ ދަށުން ހަމަޖެހިގެން ދާނެ ކަމުގައި އުންމީދުކުރަން،" އިލްހާމް ވިދާޅުވި އެވެ.