Roadha Mihaaru
ޒީނާދުގެ އަމާޒުން އެސްއެމްއީތަކަށް އުއްމީދު

ޒީނާދުގެ އަމާޒުން އެސްއެމްއީތަކަށް އުއްމީދު

31 މާޗް 2019

ސްމޯލް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރަށް ވުރެ ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ ގޮތަށް ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯފަރޭޝަން (އެސްޑީއެފްސީ)ގެ ނަމުގައި ކުންފުންޏެއް އުފައްދާ، އެ ކުންފުނީގެ މަސައްކަތްތައް ފައްޓަވައިދެއްވައިފަ އެވެ. އެކުންފުނިން ފުރަތަމަ ހާސިލްކުރަން ބޭނުންވާ އަމާޒުތައް މިހާރު ވެސް ވަނީ ކަނޑައަޅައިފަ އެވެ. މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ހުންނެވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، އެ މަގުން ވަޑައިގަންނަވަން ތައްޔާރަށެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސްމޯލް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރަށް ވުރެ ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ ގޮތަށް ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯފަރޭޝަން (އެސްޑީއެފްސީ)ގެ ނަމުގައި ކުންފުންޏެއް އުފައްދާ، އެ ކުންފުނީގެ މަސައްކަތްތައް ފައްޓަވައިދެއްވައިފަ އެވެ. އެކުންފުނިން ފުރަތަމަ ހާސިލްކުރަން ބޭނުންވާ އަމާޒުތައް މިހާރު ވެސް ވަނީ ކަނޑައަޅައިފަ އެވެ. މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ހުންނެވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، އެ މަގުން ވަޑައިގަންނަވަން ތައްޔާރަށެވެ.

އޭނާ ވިދާޅުވި ގޮތުން އެސްއެމްއީ ބޭންކު ހުޅުވި ފަހުން މި ވީ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ ބަޔަކު ލޯނަށް އެދި ހުށަހަޅަމުން އެބަ ދެ އެވެ. އަދި މިހާރު ވެސް ފޯމުތަައް ޕްރޮސެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ޑިޕޮސިޓް ނުނަގާ މާލީ އިދާރާއެއްގެ ގޮތުގައި ހިންގާ ކުންފުނިން ބޭނުންވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވީހާ ވެސް ގިނަ އަދަދަކަށް ލޯނު ދޫކުރާށެވެ.

ލޯނު ދޫކުރާނެ ގޮތް

ކުދިކުދި އަދަދުތަކުން ވެސް އެސްޑީއެފްސީން ދޫކުރެ އެވެ. އެގޮތުން މިހާރު ކަނޑައަޅާފައިވާ އެންމެ ދަށް އަދަދަކީ 75،000ރ. އެވެ. އެހެން ގޮސް ފަސް މިލިއަނާ ހަމަށް ވެސް ލޯނު ދޫކުރެ އެވެ.

"މި އަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ ކަމަށް ލަފާކުރެވޭ،" ޒީނާދު ވިދާޅުވި އެވެ.

ލޯނު ދޫކުރަން ސަރުކާރުން ބޮޑު އަދަދެއް ލިބޭނެ ކަމަށް އެސްޑީއެފްސީން އުއްމީދުކުރެ އެވެ.

އެސްއެމްއީ ޑިވެޕޮލްމެންޓް ފައިނޭސް ކޯޕަރޭޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވާދެއްވަނީ--ފޮޓޯ:މިހާރު

އެސްއެމްއީ ޑިވެޕޮލްމެންޓް ފައިނޭސް ކޯޕަރޭޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވާދެއްވަނީ--ފޮޓޯ:މިހާރު

މި މަހުގެ 18 ގައި ހުޅުވި އެސްޑީއެފްސީއާ އެކު ހަތަރު ދާއިރާއަކުން ދޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން ދަތުރުފަތުރުގެ ދާއިރާއަށް ދޫކުރާ "ރަށުފަތުރު" ލޯނާއި ވިޔަފާރި އެހީ ލޯނާއި ދަނޑުވެރި ނަފާގެ ނަމުގައި ދޫކުރާ ލޯނުގެ އިތުރުން ހަރުމުދާ ލޯނު ހިމެނެ އެވެ.

ވިޔަފާރި އެހީގެ ލޯނު ފިޔަވައި ދެން ހުރި ހުރިހާ ލޯނެއް ވެސް ދޫކުރަނީ ހަ ޕަސެންޓާއި ނުވަ ޕަސެންޓާ ދެމެދުގެ އިންޓްރެސްޓް ރޭޓެއްގަ އެވެ. މި ލޯނު އަނބުރާ ދެއްކުމަށް ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ދެ އެވެ.

އެސްޑީއެފްސީގެ ތަފާތު

ޒީނާދު ވިދާޅުވީ އެސްއެމްއީތަކަށް ބޭނުންވާ ލޯނު ދޫކުރަން ފެށުމުން ވަރަށް ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށެވެ.

މީގެ ކުރިން އެ ވިޔަފާރިތަކަށް ލޯނު ދޫކޮށްފައި ހުންނަނީ ސަރުކާރުގެ ތެރެއިންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އެސްއެމްއީ ލޯނާއި ގެޓްސެޓް ލޯނާއި ފަސޭހަ މަދަދު ފަދަ ޕްރޮގްރާމުތައް ހިންގި އެވެ.

ޒީނާދު ވިދާޅުވި ގޮތުގައި ސަރުކާރުން އެކި ޕްރޮގްރާމުތަކުގެ ތެރެއިން އެސްއެމްއީތަކަށް ލޯނު ދޫކުރުމުގެ ބަދަލުގައި މާލީ އިދާރާއެއް މެދުވެރުކޮށް ލޯނު ދޫކުރާނީ ކަނޑައަޅާ ހަރުދަނާ އަދި ވަކި އުސޫލުތަކެއްގެ ތެރެއިންނެވެ.

"އަޅުގަނޑުމެން މި ކުންފުނި ހިންގަން ވިސްނާފައިވާ މޮޑެލްއަކީ ސަސްޓެއިނަބަލް ގޮތަކަށް ކުރިއަށް ގެންދިއުން. އެހެންވީމާ އިންސްޓިޓިއުޓެއްގެ ގޮތުގައި ކުރިޔަށްދާނީ. އެގޮތުން ޕްރޮޑަކްޓްތަކެއް ހެދި އެ ޕްރޮޑަކްޓްތަކަށް އެދި ހުށަހެޅޭނެ ކްރައިޓީރިއާތަކެއް ވެސް ހެދިގެން މި ކުރިއަށްދަނީ،" އޭނާ ވިދާޅުވި އެވެ.

ޒީނާދު ވިދާޅުވި ގޮތުގައި ލޯނު ދޫކުރާނީ ވަރަށް ފުރިހަމައަށް އެނަލައިޒްކޮށް، ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިންނެވެ.

އެސްޑީއެފްސީން މިހާރު އަންނަނީ ގާބިލް މުވައްޒަފުން ހޯދަމުންނެވެ. މިވަގުތު ހަ މުވައްޒަފުން ތިބި އިރު ކުންފުނި ހިންގަން ވީހާވެސް ރަނގަޅު ބަޔަކު ނަގާނެ ކަމަށް ޒީނާދު ވިދާޅުވި އެވެ.

ކުންފުނި ރަނގަޅަށް ހިންގާލުމުގެ ފުރަތަމަ ކަމެއްގެ ގޮތުން ކުރަމުން އަންނަނީ ލޯނު ލިބެނީ އެންމެ އެކަށީގެންވާ މީހުންނަށްކަން ޔަގީން ކުރަން އިވެލުއޭޝަން ޕްރޮސެސް ހަރުދަނާކުރުުމުގެ މަސައްކަތެވެ. ލޯނަށް އެދޭ އިރު އެންމެ ފުރިހަމަ މައުލޫމާތު ހުށަހެޅުން ވަރަށް މުހިއްމު ކަމަށް ޒީނާދު ފާހަގަކުރެއްވި އެވެ.

"ފައިނޭންޝިއަލް އިންސްޓިޓިއުޓަކަށް ވުމުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއް އޮވޭ. އެމްއެމްއޭގެ ހުއްދައާ އެކު އަޅުގަނޑުމެންނަށް ކަންކަން މިކުރެނީ. ކުރިއަށް އޮތް ތަނުގައި ވެސް ރިވިއުކޮށް މި ކުންފުނީގެ ޕޮލިސީތައް ހެދިފައިވާ ގޮތް އެމްއެމްއޭއިން ބަލާނެ،" ޒީނާދު ވިދާޅުވި އެވެ.

އެސްޑީއެފްސީގެ އަމާޒު

އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެސްއެމްއީގެ ތަރައްގީއަށް އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށް ވުމެވެ.

ޒީނާދު ވިދާޅުވީ މިފަދަ މާލީ އިދާރާއެއް ރާއްޖޭގައި އުފެދުނީ އަލަށް ކަމަށް ވިޔަސް އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ކުރިއަށްގެންދިޔުމަކީ ގޮންޖެހުމެއް ކަމަށް އޭނާ މިހާރު ވެސް ގަބޫލުކުރަައްވަ އެވެ.

"ވަކި ހިސާބަކުން ހުއްޓާލާކަށް ނޫން ވިސްނަނީ. ސަސްޓެއިންކޮށްފައި ވީހާވެސް ގިނަ ވިޔަފާރިތަކެއް އުފައްދާ، މިހާރު ހުރި ވިޔަފާރިތަކަށް ވެސް ފައިދާވާނެ ގޮތްތަކެއް ފަހިކުރުން،" ޒީނާދު ވިދާޅުވި އެވެ.

ރާއްޖޭގެ 90 ޕަސެންޓް ކުންފުންޏަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެސްއެމްއީތަކުގެ ތެރެއިން ގިނަ ވަޒީފާތަކެއް ފަހިވެ، މުޅި އިގްތިސާދަށް އޭގެ ރަނގަޅު އަސަރު ކުރާނެ އެވެ.

ޒީނާދު ވިދާޅުވީ ވިޔަފާރިތަކުން ފައިދާ ވަންދެން އެ ކުންފުނިތަކުގެ އަތުގައި ހިފައިގެން އެސްޑީއެފްސީ ކުރިއަށްދާނެ ކަމަށެވެ. އަދި ލޯނު ދިނުމަށް ފަހު ކުންފުނިތަކަށް އަންނަ ބަދަލުތައް އަބަދުވެސް ކައިރިން ބަލާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

"އަޅުގަނޑުމެންނާ ހަމަޔަށް އައިސް ކާމިޔާބު ވިޔަފާރިތަކަކަށް ހަދާ ސަކްސަސްފުލް ސްޓޯރީސްތަކެއް އުފައްދަން މަސައްކަތް ކުރާނީ. އެގޮތަށް ވެއްޖިއްޔާ މި ކުދި ކުންފުނިތަކަށް ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކަށް ވެސް ބަދަލުވެގެން ހިނގައިދާނެ. އެގޮތަށް ވާނެ ކަމަށް އުއްމީދު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު "މިހާރު" އަށް އިންޓަވިއުދެއްވަނީ -ފޮޓޯ:ހުސައިން ވަހީދު/މިހާރު

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު "މިހާރު" އަށް އިންޓަވިއުދެއްވަނީ -ފޮޓޯ:ހުސައިން ވަހީދު/މިހާރު

އެސްޑީއެފްސީ އަށް މިވަގުތު މާލީ އެހީތެރިކަން ދެނީ ދައުލަތުގެ ބަޖެޓުންނެވެ. އެކަމަކު ބޭރުގެ ޑޯނާ އޭޖެންސީތަކާ އެކު މިހާރު ވެސް ގެންދަނީ މަޝްވަރާ ކުރަމުންނެވެ. އޭގެ އިތުރަށް ދިގު މުއްދަތެއްގައި އަނބުރާ ދައްކަ ގޮތަށް ފައިސާ ހޯދުން ވެސް ކުރަން ހުރި ކަންކަމުގެ ތެރޭގައި ހިމެނެ އެވެ.

އެސްއެމްއީ ސެކްޓަރަށް އަންނާނެ ބަދަލު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ތަފާތު ގޮންޖެހުންތައް އެބަ ހުއްޓެވެ. ފައިސާ ނުލިބުމާއި ފައިސާ ހޯދަން ބޭނުންވާ ސެކިއުރިޓީ ނެތުމާއި ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ބޮޑުވުމާއި ލޯނު ބޭނުންވާ ވަގުތު ނުލިބުން ފަދަ އެތައް މައްސަލައެކެވެ. އޭގެ އިތުރުން ވިޔަފާރި ފުޅާކުރާއިރު ބައްޓަން ކުރާނެ ގޮތްތަކާއި ހިސާބުތައް ފުރިހަމައަށް ބެލެހެއްޓުމާއި އުފައްދާ ތަކެތި ވިއްކަން ދިމާވާ ދަތިތައް ވެސް އެސްއެމްއީތަކަށް ކުރިމަތިވެ އެވެ.

"މިހާރު ރާއްޖޭގައި ހުރި ކޮމާޝަލް ބޭންކުތަކުން ބޮޑަށް ރީޓެއިލް އަދި ކޯޕަރޭޓް ބޭންކިންނަށް މި ޓާގެޓް ކުރެވެނީ. އަޅުގަނޑުމެން ހަމައެކަނި މި ޓާގެޓް ކުރަނީ އެސްއެމްއީތަކަށް. އެހެންވީމަ މި ސެކްޓާއަށް ފުދޭވަރެއްގެ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އުންމީދުކުރަނީ،" ޒީނާދު ވިދާޅުވި އެވެ.

މިއީ އާ ސަރުކާރުން އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ. ޒީނާދުގެ ވިސްނުމާ އެއްގޮތަށް އެސްޑީއެފްސީ ކުރިއަށް ގެންދެވިއްޖެ ނަމަ، ރާއްޖޭގައި އަލަށް އެތައް ވިޔަފާރިއެއް ފެށި، އަދި މިހާރު ހުރި ގިނަ ވިޔަފާރިތަކަކަށް ކާމިޔާބު ދުވަސްތަކެއް ފެނިދާނެ އެވެ.