Roadha Mihaaru
ކެމްޕޭން ފައިސާގައި މިއުޅެނީ އަތް ނުލެވިގެން: ޔާމީން

ކެމްޕޭނަށް ބެހެއްޓި ފައިސާގައި މިއުޅެނީ އަތް ނުލެވިގެން: ޔާމީން

30 މާޗް 2019

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާވެފައިވާ ކަމަށް ބަލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވާތީ، މަޖިލީސް އިންތިޚާބަށް ބެހެއްޓެވި ފައިސާ ވެސް ބޭނުންކުރެވޭ ގޮތް ނުވެފައިވާ ކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާވެފައިވާ ކަމަށް ބަލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވާތީ، މަޖިލީސް އިންތިޚާބަށް ބެހެއްޓެވި ފައިސާ ވެސް ބޭނުންކުރެވޭ ގޮތް ނުވެފައިވާ ކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.

ޔާމީން، މިހެން ވިދާޅުވީ އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ޕީޕީއެމުން ކުރާ ކެމްޕޭންގައި، މަޑަވެލި ދާއިރާގެ ރައްޔިތުންނާ ފޯނުން ވާހަކަފުޅު ދައްކަވަމުންނެވެ.

ދައުލަތުގެ ފައިސާ ވަން އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުން އެމަނިކުފާނު މަނީ ލޯންޑެރިން ހިންގެވި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު މިދޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ބާތިލްކުރުމާ އެކު އެމަނިކުފާނު ގެންދަވަނީ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ދާއިރާތަކުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ ކެމްޕޭނަށް ތަންތަނަށް ވަޑައިނުގެންނެވުނީ މި ސަރުކާރުން ކަންތައް ކުރި ގޮތުން ކަމަށެވެ. އެއާއެކު ކެމްޕެއިނަށް ބަހައްޓާފައި ހުރި ފައިސާ ފްރީޒްކޮށްފައިވާތީ އަދިވެސް "އަތްލެވޭ ގޮތް ނުވެފައިވާ" ކަމަށް ވިދާޅުވި އެވެ.

"އެހެންވެ ވަރަށް ދަތި ހާލުގައި ކުރާ މަސައްކަތް މި ކުރަނީ،" ޔާމީން ވިދާޅުވި އެވެ.

"އެނގޭ ކެމްޕެއިންގައި ހަރަދު ހިނގާނެކަން ވެސް. ހުރިހާ ކެންޑިޑޭޓުންނަށް އެއްވަރަކަށް ފީޑެއް ނުކުރެވޭނެ. އެކަމަކު އެހުރިހާ ކަމަކަށް ވުރެ މުހިންމީ އޭނަ ކިހާވަރަކަށްތޯ ދާއިރާއަށް އިހުލާސްތެރީ. އެ ކަމަށް ވިސްނާ."

އެމަނިކުފާން ބަންދުކޮށް ކެމްޕެއިނަށް ހަރަދު ކުރުމުގެ މަގު ވެސް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އަހަރެން ބަންދުގައި ބަހައްޓާފައި، ޖަލަށް ލާފައި، ލާރި ހަރަދު ނުކުރެވޭނެ ގޮތް ހަދާފައި، މިއީކީ ނޫން މީހުން ކެމްޕެއިން ކުރާނެ ގޮތަކީ. މިއީކީ ނޫން ޑިމޮކުރަސީއަކީ،" ސަރުކާރަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔާމީންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގެވި ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެމަނިކުފާނަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވެސް ޖަމާވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެވެ އެވެ.

އެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިމިފައިވާ އިރު ވަރަށް އަވަހަށް ހުކުމް ކުރާނެ ކަމަށް ބެލެވެ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އާދައިގެ މީހާއަށް ވެސް ވާނީ ތަރައްގީ ގެނެސްދީފަ އެވެ. އެކަމަކު މި ސަރުކާރަށް ފަސް މަސް ވި އިރު ވެސް އެފަދަ އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ކުރާ ހަމަ އެކަނި ކަމަކީ ދަތުރުތައް ކުރުމާއި މީހުންގެ ފަހަތުން "ދުވެ، އަނިޔާ ކުރުން" ކަމަށެވެ.

ސިޔާސީ ވާހަކަތައް އިތުރަށް ދެއްކެވުމުން މީޑިއާޔަށް އަރާނެ ކަމަށާއި އޭރުން ސަރުކާރުގެ "ނުފުދުންތެރިކަން" ހާމަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެކަން ހުއްޓުވުމަށް ސަރުކާރަށް ކުރެވޭނެ ކަމަކީ "ފާޑުފާޑު" ކޮމިޝަންތައް ހަދައިގެން ގާނޫނުއަސާސީއާ ހިލާފު ކަންކަން ކުރަން ހިތްވަރު ދިނުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ފަސް މަސް ވެގެންދާއިރު އޮއްޓަރު ހުރި ކަމެއް ނެތް ކުރެވިފައެއް. އަހަންނަން އެނގޭ އަހަރެން މި ވާހަކަ ދެއްކީމަ އަހަންނަށް ހޫނު ގަނޑެއް އަތުވެދާނެކަން. އެކަމަކު މިއީދޯ މީގެ ހަގީގަތަކީ،" ޔާމީން ވިދާޅުވި އެވެ.

މި ސަރުކާރުގެ ފަސް މަސް ދުވަހުގެ ތެރޭގައި ކަމެއް ނުކުރެވޭ ކަމަށް ދައްކާ ވާހަކަ އަށް މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރައްދު ދެއްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވެފައި ވަނީ މިސަރުކާރުން ބޮޑު ކަމަކަށް ނުކުރަނީ ވައްކަން ކަމަށެވެ. އަދި އެއްވެސް މިނިވަންކަމެއް ނެތް ހާލަތެއްގައި ރާއްޖޭގައި އޮއްވައި މިސަރުކާރުން އެކަން ބަދަލުކޮށްފައިވާ ކަމަށާއި އެމަނިކުފާނު ކަންކަން ކުރައްވާނީ ވިސްނުންތެރިކަމާ އެކު ރައްޔިތުންނަށް ގެއްލުން ނުވާނެ ގޮތަކަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.