Roadha Mihaaru
ޕެންޝަނުން ގެ ގަންނަ ލޯނު އެމްއައިބީ، އެމްއެފްއެލްސީން

ޕެންޝަން ފައިސާ އިން ގެދޮރު ގަންނަ ލޯނު އިސްލާމިކް ބޭންކާއި އެމްއެފްއެލްސީން ވެސް ދޫކުރަން ފަށަނީ

29 އޯގަސްޓް 2016

ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ގެދޮރު ގަންނަން ލޯނު ނެގޭ ސްކީމުގައި އިސްލާމިކް ބޭންކް (އެމްއައިބީ) އާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) ބައިވެރިކުރަން ނިންމާފައިވާ ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ގެދޮރު ގަންނަން ލޯނު ނެގޭ ސްކީމުގައި އިސްލާމިކް ބޭންކް (އެމްއައިބީ) އާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) ބައިވެރިކުރަން ނިންމާފައިވާ ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފި އެވެ.

މި ސްކީމު ހިންގަން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗުޑީއެފްސީ)އާ އެކު ސޮއިކުރެއްވުމަށް ފަހު ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު މަނިކު ވިދާޅުވި ގޮތުގައި ސްކީމް ހިންގުމާ ގުޅޭ ގޮތުން އެމްއައިބީ އާއި އެމްއެފްއެލްސީއާ އެކު މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެކަން ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"... އެ މީހަކު ގަބޫލުކުރާ އިންސްޓްޓިއުޝަނަކަށް ގޮސް ލޯނު ފައިސާ ހޯދޭނެ ގޮތް މި ގެންދަނީ ފޯރުކޮށްދެމުން،" މަނިކު ވިދާޅުވި އެވެ.

ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންނަށް ގެދޮރު ގަންނަން ލޯނު ލިބޭ ގޮތް ހަދަނީ ރިޓަޔަމަންޓް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި ބަދަލާއި އެއާ ގުޅިގެން ޕެންޝަން އޮފީހުން އަލަށް ހެދި ގަވާއިދުގެ ދަށުންނެވެ. އެ ގަވާއިދުގެ ދަށުން ގެދޮރު ގަންނަން ނަގާ ލޯނަށް އެދި ހުށަހަޅާއިރު އާއިލާގެ މެންބަރުންގެ ރިޓަޔަމަންޓް ސޭވިން އެކައުންޓްގައި ހުރި ފައިސާ އެއްކޮށްލައިގެން ވެސް ލޯނުގައި ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހިމަނާފަ އެވެ.

މި ސްކީމް ހިންގުމުގެ އެއްބަސްވުމުގައި ޕެންޝަން ފަންޑުން ވަނީ މިހާތަނަށް އެޗުޑީއެފްސީގެ އިތުުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ އެކު ވެސް ސޮއިކޮށްފަ އެވެ. އާއްމުކޮށް ހުޅުވާލައިގެން ވިއްކާ ގެދޮރު ގަންނަން ބީއެމްއެލް އާއި އެޗުޑީއެފްސީން ދޫކުރާ ލޯނުގެ ޑައުންޕޭމަންޓް ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ދެއްކޭނެ އެވެ.