Roadha Mihaaru

މާލޭގެ ފިހާރައެއް ފަޅާލައި ބައި ލައްކަ ރުފިޔާ ވަގަށް ނަގައިފި

ގަލޮޅުގައި ހުންނަ ފިހާރައެއް ފަޅާލައި ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދު ހެނދުނު ވަގަށް ނަގައިފި އެވެ.

ފިހާރައެއް ފަޅާލައި ބައި ލައްކަ ރުފިޔާ ވަގަށް ނަގައިފި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

23 މާޗް 2019

ގަލޮޅުގައި ހުންނަ ފިހާރައެއް ފަޅާލައި ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދު ހެނދުނު ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން ފިހާރަ އިން ވައްކަންކޮށް، 2600 ޑޮލަރާއި 13،500ރ. ވަގަށް ނަގާފައިވާ ކަމަށެވެ. އެހެންކަމުން ފިހާރަ އަށް ވަގުން ވަދެ ވަގަށް ނެގި ފައިސާގެ އަދަދު 53،000ރ. އަށް ވުރެ ގިނަ އެވެ.

މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް މި ދުވަސްވަރު ވަނީ ގިނަވެފަ އެވެ.

ރ. އުނގޫފާރުގައި 500،000ރ. އާ އެކު ވަގަށް ނެގި ތިޖޫރި އެ ރަށުގެ ފަޅު ގޯއްޗެއްގެ ތެރެއިން ފުލުހުން ހޯދި އިރު، އޭގައި ހުރިހާ ފައިސާއެއް ހުއްޓެވެ. މި ވައްކަމާ ގުޅިގެން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ.

ފުލުހުން ބުނީ ތިޖޫރި ހުޅުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި، ދެ މިލިއަން ރުފިޔާ ވަނީ ފޭރިގެންފަ އެވެ. އޭގެ ކުރިން، މި މަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ސައިކަލުތަކެއްގައި ގޮސް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންޑިއާގެ މީހެއްގެ އަތުން ފޭރިގެންފަ އެވެ.

މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ވެސް ފޭރުމުގެ ބޮޑެތި އަމަލުތަކެއް ވަނީ ހިންގައިފަ އެވެ.

މި ފޭރުންތަކާ ގުޅޭ މައުލޫމާތު ފުލުހުން ތަފުސީލުކޮށް މީޑިއާ އަށް އާންމެއް ނުކުރެ އެވެ.

ނަމަވެސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އެދުނީ ގިނަ އަދަދެއްގެ ފައިސާ ތަނަކަށް ގެންދާ ނަމަ، ފުލުހުންގެ އެހީ ހޯދުމަށެވެ.