Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

21 މާޗް 2019

ހުކުރު ދުވަހު ރިލީޒްކުރާ ފިލްމު "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ޓައިވާނުގައި ރިލީޒްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހުކުރު ދުވަހު ރިލީޒްކުރާ ފިލްމު "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ޓައިވާނުގައި ރިލީޒްކުރަން ނިންމައިފި އެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ވަސަން ބާލާ ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ކޮމެޑީ ޓައިވާނުގައި ރިލީޒް ކުރާކަން ރޯނީ ހާމަކުރި ނަމަވެސް ފިލްމު އެ ގައުމުގައި ދައްކަން ފަށާނެ ތާރީހެއް ނުބުނެ އެވެ. ފަހަރުގައި ހަމަ އިންޑިއާއާ އެއް ތާރީހެއްގައި ވެސް ފިލްމު ދައްކަން ފަށައިފާނެ އެވެ.

"މަރުދު ކޯ ދަރުދު ނެހީ ހޯތާ" ވެގެން ދާނީ ޓައިވާނުގައި އެންމެ ފުޅާކޮށް ރިލީޒްކުރާ އިންޑިއާގެ ފުރަތަމަ ފިލްމަށެވެ. އެ ގައުމުގެ 55 ސިނަމާއެއްގައި ފިލްމު ދައްކާނެ އެވެ.

މިއީ ކުރީގެ ބަތަލާ ބަގިޔާޝްރީގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ދައްސާނީ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. ފިލްމުގެ ބަތަލާއަކީ ރާދިކާ މަދަން އެވެ. އަދި ގުލްޝަން ދެވިއާ ފިލްމުގައި ޑަބަލް ރޯލަކުން ފެނިގެން ދާނެ އެވެ.

ހުކުރު ދުވަހު ބޮކްސް އޮފީހުގައި "މަރުދު ކޯ ދަރު ނެހީ ހޯތާ" ކުރިމަތިލާން ޖެހޭނީ އަކްޝޭ ކުމާރުގެ ޕީރިއަޑް ޑްރާމާ "ކޭސަރީ" އާ އެވެ.

"ކޭސަރީ" ގެ ރިވިއުއެއް

ހުކުރު ދުވަހު ރިލީޒް ކުރާ އަކްޝޭގެ ފިލްމު "ކޭސަރީ" ސްޕެޝަލް ސްކްރީނަށް ފަހު، މަޝްހޫރު ބައެއް ކްރިޓިކުން އެ މީހުންގެ ޝުއޫރުތައް ފާޅުކޮށްފި އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަނޫރާގް ސިންގް ޑައިރެކްޓްކޮށްފައިވާ މި ތާރީހީ ހަނގުރާމަ ފިލްމާ ބެހޭ ގޮތުން މަޝްހޫރު ކްރިޓިކް ތަރަން އަދާޝް ބުނީ "ކޭސަރީއަކީ އައުޓްސްޓޭންޑިން ފިލްމެއް" ކަމަށެވެ.

އޭނާ ފިލްމަށް ފަހަކުން ހަތަރު ތަރީގެ ރޭޓިންއެއް ދެމުން ބުނީ މިއީ އަކްޝޭގެ ކެރިއަރުގައި އެންމެ މޮޅު އެކްޓިންއެއް ދައްކުވައިދޭ ފިލްމު ކަމަށެވެ. ތަރަން ބުނީ "ކޭސަރީ" އަކީ ގައުމީވަންތަކަން ދައްކުވައިދޭ އަދި އިންޑިއާގެ ތާރީހުގެ ވަރަށް ވެސް މުހިއްމު ސޮފްހާއެއްގެ ވަރަށް ފުރިހަމަ ގެނެސް ދީފައިވާ ފިލްމެއް ކަމަށެވެ.

ފިލްމުގެ ޑައިރެކްޓަރަށް ތައުރީފު ކުރަމުން ތަރަން ބުނި ގޮތުގައި އަނޫރާގްގެ ޑައިރެކްޝަން ވެސް ވަރަށް ފުރިހަމަ އެވެ. "ކޭސަރީ" އަކީ އިންޑިއާގެ ސީކުންގެ 21 އަސްކަރީ އޮފިސަރަކު 1897 ގައި އަފްގާނިސްތާނުގެ 10،000 ހަނގުރާމަވެރިންނާ ކުރިމަތިލައި ހޯދި ކާމިޔާބީ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ކަރަންގެ ދަރުމާ އިން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމު "ކޭސަރީ" ހަދާފައި ވަނީ 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ. މީގެ ބަތަލާއަކީ ޕަރިނީތީ ޗޯޕްޅާ އެވެ.

"މޭ ތާރޭ" ގެ ފުލް ލަވަ ދައްކާލައިފި

ސަލްމާން ހާން ޕްރޮޑިއުސްކޮށް، މި މަހުގެ 29 ގައި ރިލީޒް ކުރާ ފިލްމު "ނޯޓްބުކް" އަށް އޭނާ ކިޔައި ދިން ލަވަ "މޭ ތާރޭ" އެއްކޮށް ދައްކާލައިފި އެވެ.

މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ލަވައިގެ ޓީޒާއެއް ދައްކައިލުމަށް ފަހު، މުޅި ލަވައިގެ ވީޑިއޯ ދައްކައިލި އިރު "ނޯޓްބުކް" ގެ މަންޒަރުތަކާ އެކު ސަލްމާން ވެސް ފެނިގެން ދެ އެވެ. މި ފިލްމަކީ ޕްރަނޫޓާން ބޭލް އާއި ޒަހީރު އިގްބާލް ބޮލީވުޑަށް ނެރޭ ފިލްމެވެ.

ސަލްމާން ފިލްމަށް ކިޔައި ދީފައިވާ ލަވައިގެ މިއުޒިކް ހަދާފައި ވަނީ ވިޝާލް މިޝްރާ އެވެ. އަދި ލަވައިގެ ޅެން ހެދީ މަނޯޖް މުންތަޝިރެވެ.

"މޭ ތާރޭ" އަކީ ކުރިން ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމްގެ އަޑުން ރިކޯޑް ކުރި ލަވައެކެވެ. އެކަމަކު އެ ލަވަ ފިލްމަށް ނުލާން ނިންމައި، ސަލްމާންގެ އަޑުން ލަވަ ރިކޯޑް ކުރީ އެވެ.

ސޮނީން ކުޑަކުދިންގެ ލަވަ ޝޯއެއް ފަށަނީ

"އިންޑިއަން އައިޑޮލް" ގެނެސްދޭ ސޮނީ ޓީވީން ކުޑަކުދިންނަށް ހާއްސަކޮށްގެން އައު ލަވަ ޝޯއެއް ގެނެސް ދޭން ނިންމައި، އޭގެ އޮޑިޝަނަށް ތައްޔާރުވެއްޖެ އެވެ.

މި ފަހަރު ގެނެސް ދޭން ނިންމާފައި ވަނީ "ސުޕަސްޓާ ސިންގާ" ކިޔާ ޝޯއެކެވެ. މީގެ ޖަޖުންނަކީ މީގެ ކުރިން އެތައް ލަވަ ޝޯއެއް ޖަޖްޖޮށްފައިވާ އަދި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ހިމޭޝް ރޭޝަމިޔާ އަލްކާ ޔަގްނިކް އަދި ޖާވިދު އަލީ އެވެ.

އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިަށް ގެންދާ "ސުޕަސްޓާ ސިންގާ" ގެ އޮޑިޝަން ފަށާނީ މި މަހުގެ 23 ގަ އެވެ. އެގޮތުން އިންޑިއާގެ އެކި ސިޓީތަކުގައި އޮޑިޝަން ކުރިއަށް ގެންދާނެ އެވެ.

ސޮނީއަކީ ކުޑަކުދިންގެ ޑާންސް ޝޯއެއް ވެސް ގެނެސްދޭ ޗެނެލެކެވެ. އެގޮތުން މިހާރު ވެސް އަންނަނީ "ސުޕަ ޑާންސާ" ގެ ޗެޕްޓާ ތިނެއް ގެނެސް ދެމުންނެވެ.