Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

01 މާޗް 2019

މި މަހުގެ 29 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް، ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯގެ ފިލްމު "މެންޓަލް ހޭ ކިޔާ" މެއި މަހަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 29 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް، ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯގެ ފިލްމު "މެންޓަލް ހޭ ކިޔާ" މެއި މަހަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިޑް-ޑޭ އިން ބުނި ގޮތުގައި ކަންގަނާގެ އެދުމަކަށް ފިލްމު ރިލީޒް ކުރާ ތާރީހު ލަސްކުރުމަށް ފަހު، ދެން ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ އެވެ.

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓްކޮށްފައިވާ ބްލެކް ކޮމެޑީ/ކްރައިމް ތުރިލާ "މެންޓަލް ހޭ ކިޔާ" ގެ ކާސްޓުންގެ އަމީރާ ދާސްތޫރް، ޖިމީ ޝެރްގިލް އަދި ސަތިޝް ކޯޝަކް ވެސް ހިމެނެ އެވެ. ލަންޑަނުގައި ވެސް ބޮޑު ބައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ހާއްސަ ފެނިލުމަކުން ޝާހްރުކް ހާން ވެސް ފެންނާނެ ކަމަށްވެ އެވެ.

ކަންގަނާގެ އެންމެ ފަހުގެ ފިލްމަކީ އޭނާ ޑައިރެކްޓް ވެސްކޮށް، ޖެނުއަރީ މަހު ނެރުނު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.

"ޖަންގްލީ" ގެ ޓްރެއިލާ 6 ގައި

ވިދުޔަތު ޖަމްވަލް ލީޑް ރޯލް ކުޅެފައިވާ ފެމިލީ އެޑްވެންޗާ ފިލްމު "ޖަންގްލީ" ގެ ޓްރެއިލާ މި މަހުގެ 6 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

"ކޮމާންޑޯ" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރުގެ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ "ދަ މާސްކް" ފަދަ ހޮލީވުޑްގެ ކާމިޔާބު ފިލްމުތައް ގެނެސް ދިން ޗަކް ރަސަލް އެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަތުކް ކުލްކަރުނީ، މަކްރަންދު ދޭޝްޕާންޑޭ އަދި ޕޫޖާ ސާވަންތު ހިމެނެ އެވެ.

"ޖަންގްލީ" ސިނަމާތަކަށް އަންނާނީ އެޕްރީލް 5 ގަ އެވެ.

"ކޭސަރީ" ގެ ލަވައެއް ދައްކާލައިފި

މި މަހުގެ 21 ވަނަ ދުވަހު ރިލީޒް ކުރާ އަކްޝޭ ކުމާރުގެ ތާރީހީ ހަނގުރާމަ ފިލްމު "ކޭސަރީ" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

"ސާނޫ ކެންދީ" ގެ ނަން ދީފައިވާ މި ލަވައިގެ މިއުޒިކް ތަނިޝްގް ބަގްޗީ ހަދާފައިވާ އިރު، ލަވަ ކިޔާފައި ވަނީ ރޯމީ އާއި ބްރިޖޭޝް ޝަންޑަލިޔާ އެވެ. ލަވައިގެ ޅެން ހެދީ ކުމާރެވެ.

އަނޫރާގް ސިންގް ޑައިރެކްޓްކޮށްފައިވާ "ކޭސަރީ" އަކީ ސަގްރާހީ ހަނގުރާމައިގެ ނަމުގައި މަޝްހޫރުވެގެން ދިޔަ ހަނގުރާމަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގައި ދައްކުވޭނީ ސިކުންގެ 21 އަސްކަރީ އޮފިސަރުން 10،000 އަފްގާން ހަނގުރާމަވެރިންނާ ކުރިމަތިލައިގެން ހޯދާ ފަތަހަ އެވެ.

އަކްޝޭ އާ އެކު "ކޭސަރީ" ގައި ބަތަލާގެ ރޯލް ކުޅެފައި ވަނީ ޕަރިނީތީ ޗޯޕްޅާ އެވެ.

މިއޮތީ "ނޯޓްބުކް" ގެ "ނެއި ލަގްދާ"

މި މަހުގެ 29 ވަނަ ދުވަހު ރިލީޒް ކުރާ ފިލްމު "ނޯޓްބުކް" ގެ ފުރަތަމަ ލަވަ "ނެއި ލަދްގާ" ބެލުންތެރިންނަށް ދައްކާލައިފި އެވެ.

ސަލްމާން ހާން ޕްރޮޑިއުސްކޮށް، ޕްރަނޫޓާން އާއި ޒަހީރު އިގްބާލް ބޮލީވުޑަށް ނެރޭ ފިލްމުން ދައްކައިލި ފުރަތަމަ ލަވައަކީ މަޑުމައިތިރި ލޯބީގެ ލަވައެކެވެ. ކަޝްމީރުގެ ހިތްގައިމު މަންޒަރުތައް ފެނިގެންދާ މި ލަވަ ކިޔާފައި ވަނީ ލަވައިގެ މިއުޒިކް ވެސް ހެދި ވިޝާލް މިޝްރާ އެވެ. "ނެއި ލަގްދާ" ޅެން ހެދީ އަކްޝޭ ތުރިޕަތީ އެވެ.

"ނޯޓްބުކް" ގެ ޑައިރެކްޓަރަކީ ނިތިން ކައްކަރެވެ.