Roadha Mihaaru

ލޯބިވާ ވަރު އިމްތިހާނުކުރަން އުޅެނިކޮށް އެކްސިޑެންޓްވެއްޖެ

20 މާޗް 2019

ޗައިނާ މީހަކު އޭނާގެ އަނބިމީހާ ލޯބިވާ ވަރު ޓެސްޓްކުރަން އުޅެން ހަދައިގެން އެކްސިޑެންޓުވެ ޒަހަމްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާ މީހަކު އޭނާގެ އަނބިމީހާ ލޯބިވާ ވަރު ޓެސްޓްކުރަން އުޅެން ހަދައިގެން އެކްސިޑެންޓުވެ ޒަހަމްވެއްޖެ އެވެ.

މިކަން ހިނގީ ހޯމަ ދުވަހުގެ ރޭ ޗައިނާގެ ޒެންޖިއާން ޕްރޮވިންސްގަ އެވެ. އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ، އަންހެނަކާއި ފިރިހެނަކު މަގުމަތީގައި ދެބަސްވާން ތިއްބަ އެވެ. ފިރިހެން މީހާ ދެތިން ފަހަރަކަށް މަގުގެ މެދަށް ނުކުތުމުން އަންހެން މީހާ އޭނާ އެއްފަރާތް ކުރެ އެވެ.

ފަހުން އަނެއްކާ ވެސް ފިރިހެން މީހާ އެއްވެސް ޖެހިލުމެއް ނެތި، ކާރޫބާރޫ ބޮޑު މަގުގެ މެދަށް ހުއްޓެ އެވެ. އެހެން ހުއްޓައި ދިޔަ ވޭނެއް އޭނާގެ ގައިގައި ޖެހި ވިއްސައިގެން ދެ އެވެ. ދެން ފެންނަނީ އަންހެން މީހާ އެ ދިމާ އަށް ދުވެފައި ދާ ތަނެވެ.

ޗައިނާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މަގުމަތީގައި "ލަވް ޓެސްޓް" ކުރަން އުޅުނީ ޕޭން އާއި ޒޫ ކިޔާ ދެމަފިރިއެކެވެ. އަދި މިކަމެއް ހިނގި އިރު ފިރިހެން މީހާ ހުރީ މަސްތުވެގެން ކަމަށްވެ އެވެ.

މި ހާދިސާގައި ލިބުނު ޒަހަމްތަކަށް ޕޭން މިހާރު އަންނަނީ ފަރުވާ ހޯދަމުންނެވެ. އޭނާގެ ބޮލާއި މޭމަތި ޒަހަމްވެފައި ވިޔަސް ސީރިއަސް ގެއްލުމެއް ނުލިބެ އެވެ.

މި ހާދިސާ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

"އަހަރެން ބޭނުންވީ އަންހެނުން އަހަރެން ދެކެ ލޯބިވާ ވަރު ޓެސްޓް ކުރަން. އަހަރެން ބަލަން ބޭނުންވީ އަހަރެން މަގުމެދަށް ނުކުތިމަ އޭނަ އަހަރެން ސަލާމަތް ކުރަން އެއްފަރާތް ކުރާނެ ކަމަށް،" ޕޭން ބީޓައިމަށް ބުންޏެވެ.