Roadha Mihaaru

އެސްއެމްއީ ލޯނު އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރާނެ: ރައީސް

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ލޯނަކީ ގައުމުގެ ތިންބައިކުޅަ ދެ ބައި މީހުންނަށް އެހީވެދޭނެ ލޯނެއް ކަމަށާއި އެ ލޯނުގެ ބައެއް އަންހެނުންނާއި ޒުވާނުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެސްއެމްއީ ލޯނު ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރާނެ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

18 މާޗް 2019

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ލޯނަކީ ގައުމުގެ ތިންބައިކުޅަ ދެ ބައި މީހުންނަށް އެހީވެދޭނެ ލޯނެއް ކަމަށާއި އެ ލޯނުގެ ބައެއް އަންހެނުންނާއި ޒުވާނުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން އިފްތިތާހު ކުރައްވައި ރައީސް ވިދާޅުވީ، މިފަދަ މާލީ އެހީތެރިކަމެއް ފޯރުކޮށްދޭ ބޭންކެއް ތައާރަފްކުރުމުން ރައްޔިތުން ބާރުވެރިވެ، ގައުމީ އާމްދަނީން ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު އިތުރުވާނެ ކަމަށެވެ. އަދި ރައްޔިތުން އަތްމަތި ތަނަވަސްކޮށްދީގެން ގައުމުގެ އިގުތިސާދު ވަރުގަދަ ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރި މާހައުލުގައި ގާތްގަނޑަކަށް 93 ޕަސެންޓް ވިޔަފާރިއަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށެވެ. އެހެންވެ ގައުމީ އިގްތިސާދުގެ މައިބަދައަކީ ވެސް އެސްއެމްއީތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބޮޑެތި ވިޔަފާރިތަކުގެ ރައުސްމާލް އެތައް ބިލިއަނަކުން ގުނާލިޔަސް ވަޒީފާގެ ފުރުސަތުތައް އެންމެ ގިނައިން އުފައްދައިދެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށް ރައީސް ވިދާޅުވި އެވެ.

އެސްއެމްއީ ބޭންކު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް-- ފޮޓޯ: ރައީސް އޮފީސް

އެސްއެމްއީ ބޭންކު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް-- ފޮޓޯ: ރައީސް އޮފީސް

"އަމިއްލަ ދިރިއުޅުމެއް ފަށަން ބޭނުންވި އެތައް ޒުވާނުންނެއް މިއަދު ވެސް ތިބީ، ދާނެ ދިމާލެއް ނޭނގި، ހަޔާތުގެ ހަތަރުއަނގޮޅިއަކަށް ހުއްޓިފައި. ގެވެހި އެތައް އަންހެނުންނެއް ތިބީ، އެ މީހުންގެ މަސައްކަތްތެރިކަމުގެ ހުނަރުން އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ނެތިފައި. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި ވެސް އާމްދަނީ ހޯދަން ބޭނުންވާ ކިތަންމެ ބަޔަކު އެބަތިބި،" ރައީސް ވިދާޅުވި އެވެ.

އެސްއެމްއީ ބޭންކުގެ ހިދުމަތާ އެކު، ޒުވާން އެތައް ވިޔަފާރިވެރިންނެއް އުފެދިގެންދާނެ ކަމަށާއި ދިވެހި އަންހެނުންގެ ހުނަރުވެރި އުފެއްދުންތަކުން، ގައުމީ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، މި ބޭންކުގެ ތެރެއިން ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށް ބޮޑު އެހީއެއް ދެވޭނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ އޮނިގަނޑު، މާ ކުރިންސުރެ އަތުރާލެވިފައި އޮތީ، ބޮޑެތި ވިޔަފާރިތަކަށް ހުރިހާ ކަމެއް ފަހިވާ ގޮތަށް ކަމަށާއި އަލަށް ފަށަން ބޭނުންވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނާއި ފައިސާގެ އެހީ ހޯދުމަކީ، ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އެހާ ފަސޭހައިން ކުރެވޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބޭންކާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މިހާރަށް ވުރެ ގިނަވެ، މިހާރަށް ވުރެ ހަލުވި ދުވެއްޔެއްގައި ހިނގައިގަނެގެން ދާނެ ކަމަށާއި ޖަޒީރާ ރާއްޖެއަކަށް ބޭނުންވާ ތަރައްގީއާ ކުރިއެރުން ހޯދުން ދަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެސްއެމްއީ ލޯނު ދޫކުރަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ ރަށު ފަތުރުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނާއި، ދަނޑުވެރި ނަފާގެ ލޯނާއި ހަރުމުދާ ލޯނެވެ.

މީގެ ތެރެއިން ވިޔަފާރި އެހީގެ ލޯނު ފިޔަވައި ދެން ހުރި ހުރިހާ ދާއިރާތަކަށް ވެސް، ލޯނު ދޫކުރާނީ 6 ޕަސެންޓާއި 9 ޕަސެންޓާ ދެމެދުގެ އިންޓްރެސްޓެއްގަ އެވެ. އަދި މި ލޯނު އަނބުރާ ދެއްކުމަށް ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެ އެވެ. ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ލޯނުތަކުގެ އިންޓްރެސްޓް މިއަށްވުރެ ވެސް ދަށްކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.