Roadha Mihaaru
ކުރިއެރޭނީ ހިންގުމުގެ ދާއިރާގައި އަންހެނުން އިތުރުވެގެން

ކުރިއެރުން ލިބޭނީ ސިޔާސަތު ކަނޑައެޅުމާއި ހިންގުމުގެ ދާއިރާގައި އަންހެނުން އިތުރުކޮށްގެން: ރައީސް

15 ޑިސެމްބަރ 2021

ރާއްޖެ އަށް ބޭނުންވާ ކުރިއެރުން އެންމެ ފަސޭހައިން ހޯދޭނީ ސިޔާސަތު ކަނޑައެޅުމާއި ހިންގުމުގެ ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެ އަށް ބޭނުންވާ ކުރިއެރުން އެންމެ ފަސޭހައިން ހޯދޭނީ ސިޔާސަތު ކަނޑައެޅުމާއި ހިންގުމުގެ ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވުމަން އިން މެނޭޖްމަންޓް މޯލްޑިވްސް އިން ދެމުން އަންނަ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2021" ގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސަތު ކަނޑައެޅުމާއި ހިންގުމުގެ ދާއިރާގައި އަންހެނުން އިތުރުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ތަންފީޒުކުރަމުން އަންނަ މިންތީގެ ހަމަހަމަކަން ކަށަވަރުކޮށްދޭ އެކްޝަން ޕްލޭންއާ އެކު މިހާރު ވެސް ވަރަށް ބޮޑަށް އިގްތިސާދީ ދާއިރާގައި ވެސް އަންހެނުން ބާރުވެރިކުރުވޭ ކަމަށާ އަދި މި ޕްލޭނާ އެކު ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް ލިބޭ ރައްކާތެރިކަން އިތުރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި އަހަރުގެ ގްލޯބަލް ޖެންޑާ ގެޕް އިންޑެކްސް އަށް ބަލާއިރު ރާއްޖޭގެ ތައުލީމީ ދާއިރާގައި މިންތީގެ ތަފާތުކުރުމެއް ނެތް ކަމަށާ އަދި ސިއްހީ ދާއިރާގައި މިންތީގެ ތަފާތުކުރުން ވަރަށް ބޮޑަށް ކުޑަ ކުރެއްވިއްޖެ އެވެ. ނަމަވެސް ސިޔާސީ އަދި އިގްތިސާދީ ދާއިރާއިން މިންތީގެ ތަފާތުތައް އަދިވެސް ބޮޑުކަން ފާހަގަކުރެއްވި އެވެ.

ވުމަން އިން މެނޭޖްމަންޓް މޯލްޑިވްސް އިން ދެމުން އަންނަ، ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2021 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ވުމަން އިން މެނޭޖްމަންޓް މޯލްޑިވްސް އިން ދެމުން އަންނަ، ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2021 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ހަގީގީ ތަރައްގީ ފެށިގެން މި އަންނަނީ ރަށްރަށުގެ ކުދިކުދި މުޖުމައުތަކުން. އެންމެ މުހިންމީ އެ ރަށްރަށުގެ ތަރައްގީއާ ގުޅޭ ކަންކަން ނިންމުމުގައި އަންހެނުން ބައިވެރިކުރުން،" ރައީސް ވިދާޅުވި އެވެ.

މި އަހަރު އަމަލުކުރަން ފެށި ލާމަރުކަޒީ ގާނޫނާ އެކު ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމުގެ ނަތީޖާއަކަށްވީ، އެ އަދަދަށް ވުރެ ވެސް އިތުރަށް ކައުންސިލްތަކުގައި އަންހެނުން ހަރަކާތްތެރިވުން އިތުރުވުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި އަންހެނުން އައްޔަންކުރެވޭ ވަރު ވެސް އަންނަނީ އިތުރުވަމުން. ރާއްޖޭގެ ސްޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަންކުރީ މި ސަރުކާރުގައި،" ރައީސް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ ދަށުން ހިންގަމުން އަންނަ، ވުމަން އިން މެނޭޖްމަންޓް މޯލްޑިވްސް އިން ކޮންމެ އަހަރަކު ދެމުން އަންނަ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް" އަކީ ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެމީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެވެ. މިއީ މި އެވޯޑު ރާއްޖޭގައި ދޭ ތިން ވަނަ އަހަރެވެ.