Roadha Mihaaru
ސުޝްމާގެ ދަތުރުގައި އާ އެއްބަސްވުންތަކެއް

އިންޑިއާގެ ފޮރިން މިނިސްޓަރުގެ ދަތުރުގައި އާ އެއްބަސްވުންތަކެއްގައި ސޮއިކުރަން މަޝްވަރާ ކުރައްވާނެ

15 މާޗް 2019

އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް އަންނަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވާއިރު، ދެ ގައުމުގެ ދެމެދުގައި އެކުލަވައިލާނެ އާ އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް އަންނަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވާއިރު، ދެ ގައުމުގެ ދެމެދުގައި އެކުލަވައިލާނެ އާ އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސުޝްމާގެ މި ދަތުރުގައި، މިހާރު އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ކުރިއަށް އޮތްތަނުގައި ގާއިމް ކުރާނެ އެއްބަސްވުންތަކާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

އޭނާގެ މި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އިތުރުން ސަރުކާރުގެ އެހެން ވަޒީރުންނާ ވެސް ބައްދަލުކުރައްވާނެ އެވެ. އެ ބައްދަލުވުންތަކުގައި ތަފާތު ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަތައް ދައްކަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެގޮތުން، ތަރައްގީގެ ރޮނގުން ގުޅިގެން މަސައްކަތް ކުރުމާއި ސިއްހީ ދާއިރާ އާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ދެ ސަރުކާރުގެ މެދުގައި އެކުލަވާލެވުނު އެއްބަސްވުންތައް ހިމެނެ އެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގެ މިނިސްޓަރުން ވަނީ ގިނަ ދަތުރުތަކެއް އިންޑިއާ އަށް ކުރައްވައިފަ އެވެ. ބައެއް މިނިސްޓަރުން ވަނީ އެއް ފަހަރަށް ވުރެ ގިނައިން ވެސް އެ ގައުމަށް ރަސްމީ ދަތުރުތައް ކުރައްވައިފަ އެވެ.

ނަމަވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނީ ވަކި ގައުމަކާ ހާއްސަ ގުޅުމެއް ބޭއްވުމުގެ ވިސްނުމެއް ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ނެތް ކަމަށެވެ.