Roadha Mihaaru
މެމްބަރުން ވަކިކުރެވޭ އުސޫލެއް ހަދަން ޕެޓިޝަނެއް

މަޖިލިހުގެ މެމްބަރުން ވަކިކުރެވޭ އުސޫލެއް ހަދަން ޕެޓިޝަނެއް

11 މާޗް 2019

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު، އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނެގޭނެ އުސޫލެއް ގާއިމު ކުރުމަށްޓަކައި ޕެޓިޝަނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު، އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނެގޭނެ އުސޫލެއް ގާއިމު ކުރުމަށްޓަކައި ޕެޓިޝަނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް އުޅުއްވާ ގަލޮޅު އުތުރު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަމްޒާ ހަލީލް "މިހާރު" އަށް މިއަދު ވިދާޅުވީ ނުހައްގު މުއްސަނދިކަން ހޯއްދަވައި ޒިންމާ އާއި މަސްއޫލިއްޔަތުތައް އަދާނުކުރެއްވޭ މެމްބަރުން ދުރު ކުރެވޭނެ ނިޒާމެއް ގާއިމުކުރުން މުހިންމު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕެޓިޝަންގައި ހިމެނޭ މުހިންމު އެއް ކަމަކީ މަޖިލިހަށް އިންތިހާބުވުމަށް ފަހު ކޮންމެ އަހަރެއް ނިމުމުން މިނިވަންކަމާ އެކު އޮޑިޓްކޮށްފައިވާ އެ އަހަރެއްގެ މާލީ ބަޔާނެއް ރައްޔިތުންނަށް ހާމަކުރަން ޖެހުމެވެ. ދެ ވަނަ ކަމަކީ ދާއިރާގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ ދެ ބައި މީހުން ސޮއިކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި ނަމަ، އެ މެމްބަރު ވަކިކުރަން އާންމު ވޯޓެއް ނެގޭ ގޮތަށް ހެދުމެވެ.

މަޖިލިހުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭ ގޮތަށް ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި އުސޫލުތައް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތް ވެސް ހިމެނެ އެވެ.

"މެމްބަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޕެޓިޝަނެއްގައި ސޮއިކޮށް ހުށަހެޅީމަ، އެ ކޮމިޝަނުން ވެރިފައިކޮށްފައި ވޯޓު ނަގަން ވާނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވޯޓުލެވެން ޖެހޭނީ ދާއިރާގެ ރައްޔިތުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަށް،" ހަމްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލްސާތަކަށް ހާޒިރުނުވާ މެމްބަރުންނާއި ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ނުކުރައްވާ މެމްބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބެން ޖެހެ އެވެ. ރައްޔިތުންގެ ތާއީދު ގެއްލޭ ހިސާބުން، އެ މެމްބަރަކަށް މަގާމުގައި ހުރެވިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާސިލްކުރަން ބޭނުންވާ ނަތީޖާއަކީ ގާނޫނުގެ ތެރެއިން ރައްޔިތުން ހޮވާ މެމްބަރުން ރައްޔިތުންނަށް ޖަވާބުދާރީ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުވެގެން ދިއުން،" ހަމްޒާ ވިދާޅުވި އެވެ.

މަޖިލިހުގެ މެމްބަރުން މަގާމުގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާނުކުރާ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އެގޮތުން، މުހިންމު ބައެއް ބިލްތައް ހުއްޓައި މެމްބަރުން ބިލްތައް ފާސްނުކޮށް، ޗުއްޓީ އަށް ވަޑައިގަތުމާއި ބިލްތައް ފާސްނުކޮށް ގަސްދުގައި ލަސްކުރުން ހިމެނެ އެވެ. އަދި މިހާރުގެ މަޖިލިހުގެ ގިނަ މެމްބަރުންގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ވެސް އާންމުން ކުރެ އެވެ