Roadha Mihaaru
މަޖިލިސް އިންތިޚާބު އޮތީ "އޮޅާލާފައި": އަބްދުއްރަހީމް

މަޖިލިސް އިންތިޚާބު އޮތީ "އޮޅާލާފައި"، ޝަރުއީ ނިޒާމު ތެދުވާން ޖެހޭ: އަބްދުއްރަހީމް

24 އެޕްރީލް 2019

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮތީ "އޮޅާލާފައި" ކަމަށް ވިދާޅުވެ، ކޯޓުތަކުން އެ މައްސަލަ ބެލުމަށް ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮތީ "އޮޅާލާފައި" ކަމަށް ވިދާޅުވެ، ކޯޓުތަކުން އެ މައްސަލަ ބެލުމަށް ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.

ވިލުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދު، ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އަބްދުއްރަހީމް މަޖިލިހުގައި ވިދާޅުވީ އާންމު އިންތިޚާބަކީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކީގައި ހިނގައިދިޔަ އިންތިޚާބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އޮތީ ރައްޔިތުން އެކުލަވާލި ގޮތަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކެރިގެން ވާހަކަ މި ދައްކަނީ. ގެންދާނެ ތަނަކަށް ގެންދަންވީ. ހަދާނެ ގޮތެއް ހަދަންވީ،" ޕީޕީއެމްގެ ނައިބު ރައީސް ކަން ވެސް ކުރިން ކުރެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ އޭނާ ވާދަކުރެއްވި ފޮނަދޫ ދާއިރާގެ 99 ފޮށި ގުނައި ދޭން އީސީގައި އެދުނީމަ، އެ ފޮށިތައް ގުނައި ނުދޭން ނިންމީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ. އެކަމަކު، އެމްޑީޕީން އެދުމުން، މާވަށު ދާއިރާގެ ހުރިހާ ފޮއްޓެއް ގުނި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންތިޚާބު އޮޅާލާފައި އޮތް ކަމުގެ ހެއްކަކީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކޮމަންވެލްތުން ނެރުނު ރިޕޯޓުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމާއި ފައިސާގެ ނުފޫޒު ފޯރުވިކަން ފާހަގަކޮށްފައި އޮތުމެވެ. އެހެންވެ، ޝަރުއީ ނިޒާމުން މިކަމާ ދޭތެރޭގައި ތެދުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެގެން މި ދަންނަވަނީ އިންތިޚާބު އޮތީ ބޮޑު ތަނުން އޮޅުވާލާފައޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ކެރިގެން ވާހަކަ މި ދައްކަނީ. ގެންދާނެ ތަނަކަށް ގެންދަންވީ. ހަދާނެ ގޮތެއް ހަދަންވީ،" --- އަބްދުއްރަހީމް

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީ އަށް ލިބިފައި އޮތް އިރު، އަބްދުއްރަހީމް ވިދާޅުވީ އާ މަޖިލިހުގައި މެމްބަރުން ކުރައްވާ ކަންކަން ރައްޔިތުން ގާތުން ބަލަމުން ގެންދާނެ ކަމަށެވެ. އެ މެމްބަރުން މަސައްކަތް ކުރައްވާނީ ބަދަލު ހިފުމުގެ ރޫހުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަޖިލިހުން ކުރާނީ "ވިޔާނުދާ" މަސައްކަތްތަކެކެވެ. އެ މެމްބަރުން މަސައްކަތް ކުރައްވާނީ ގައުމުގެ ހައްގުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުންގެ ވެރިކަން ދަމަހައްޓަން ބޭރު ލިބޭ ފަރާތްތަކަށް މަންފާ ލިބޭ ގޮތަށް މަސައްކަތް ކުރާ މަޖިލިހަށް ވެގެން ދާނީ. ގައުމުގެ މިނިވަންކަން ވިއްކާލަން މަސައްކަތް ކުރާ މަޖިލިހަކަށް ވެގެން ދާނީ. ގައުމަށް ތަފާތު ދީންތައް ގެންނަން މަސައްކަތް ކުރާނީ، ސަގާފަތް ނަގާލުމަށް މަސައްކަތް ކުރާ މަޖިލިހަކަށް ވެގެން ދާނީ، މިކަން އަޅުގަނޑުމެން ދަންނަނީ މާޒީން ތަޖުރިބާ ހާސިލްކޮށްގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އާންމު އިންތިޚާބުގައި ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ކޯލިޝަނުން 40 އަށް ވުރެ ގިނަ ދާއިރާތަކަށް ވާދަކުރި އެވެ. އެކަމަކު އެ ދެ ޕާޓީ އަށް ކާމިޔާބުވީ އެންމެ އަށް ގޮނޑި އެވެ. އެކަމަކު، އެމްޑީޕީން އެކަނި ނިކުމެ 65 ގޮނޑި ހޯދައި މަޖިލިހުގެ ސުޕަ މެޖޯރިޓީ ވަނީ ނަގައިފަ އެވެ.