Roadha Mihaaru
އިންތިހާބުގައި ވާދަކުރަން 97 ފޯމް ހުށަހަޅައިފި

މަޖިލިސް އިންތިހާބުގައި ވާދަކުރަން މިހާތަނަށް 97 ފޯމް ހުށަހަޅައިފި

12 ފެބުރުއަރީ 2019

އަންނަ އޭޕްރީލް މަހުގެ އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް 97 މީހަކު ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އޭޕްރީލް މަހުގެ އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް 97 މީހަކު ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި މީހުންގެ ތެރެއިން 81 މީހުންނަކީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ހުށަހެޅި ކެންޑިޑޭޓުން ކަމަށެވެ. ބާކީ ތިބި 16 މީހުން ވާދަ ކުރަނީ އަމިއްލަ ގޮތުންނެވެ.

އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރުމަށް 86 ކެންޑިޑޭޓުންގެ ފޯމު، މިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އެވެ. އެކަމަކު، މައުލޫމާތު ފުރިހަމަ ނުވާ ކަމަށް ބުނެ، 10 ކެންޑިޑޭޓެއްގެ ފޯމް އިލެކްޝަނުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުުﷲ އިތުރު ދައުރަކަށް އެ ދާއިރާ އަށް ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދާ ފޯމް ހަވާލު ކުރައްވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު-

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުުﷲ އިތުރު ދައުރަކަށް އެ ދާއިރާ އަށް ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދާ ފޯމް ހަވާލު ކުރައްވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު-

ނަމަވެސް އަކްރަމް ވިދާޅުވީ އޭގެ ތެރެއިން ފަސް ކެންޑިޑޭޓުން ފިޔަވައި ދެން ތިބި ކެންޑިޑޭޓުންގެ ފޯމުތައް އަލުން ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި ފޯމް ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި ކެންޑިޑޭޓުންގެ ފޯމްތައް ސައްހަތޯ ބަލައި ޗެކް ކުރުމަށް ފަހު އަންގާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާން ގާތްގަނޑަކަށް ހަފްތާއަކަށް ވެފައިވަނިކޮށް، މިހާ މަދު އަދަދެއްގެ ފޯމު ކޮމިޝަނަށް ލިބިފައިވާތީ އަކްރަމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެންމެ ފަހު ދުވަހާ ޖެހެންދެން މަޑުނުކޮށް، ފޯމު ހުށަހެޅުމަށް އަކްރަމް ވަނީ އެދިވަޑައިގެންފަ އެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ގައި ހަމަވާނެ އެވެ.

"މިސާލަކަށް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުގެ އެއް ދުވަސް ކުރިން ހުށަހަޅައިގެން، އެއްވެސް ސަބަބަކާ ހުރެ ފޯމް ރިޖެކްޓްކޮށްފިނަމަ، ދެން އޮންނާނީ ކުރިމަތިލުމުގެ މުއްދަތު ހަމަވެފައި. އެހެން އެކަން ވެއްޖެނަމަ، ފޯމް ހުށަހަޅަން އިތުރު ފުރުސަތެއް ނުދެވޭނެ،" އަކްރަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެނީ ވީހާވެސް އަވަހަކަށް ފޯމުތައް ހުށަހެޅުން. އޭރުން މައްސަލައެއް އުޅޭނަމަ، އެކަން ރަނގަޅުކޮށްފައި އަލުން ކޮމިޝަނަށް ހުށަހަޅަން ވެސް ވަގުތު އޮންނާނީ،"

ކުރިއަށް އޮތް އާންމު އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާ އިރު، ސިޔާސީ ގިނަ ޕާޓީތަކަކުން އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ބެލެވެ އެވެ. އެގޮތުން އެމްޑީޕީން ފ. ނިލަންދޫ ދާއިރާ ފިޔަވައި ހުރިހާ ދާއިރާއަކަށް ވާދަ ކުރާއިރު، ޖުމްހޫރީ ޕާޓީން މިހާތަނަށް 44 ދާއިރާ އަށް ވާދަ ކުރަން ނިންމައި ކެންޑިޑޭޓުންނަށް ވަނީ ޓިކެޓު ހަވާލުކޮށްފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު އެމްއާރުއެމް އިން މިހާތަނަށް 24 ދާއިރާއަކަށް ވާދަ ކުރާއިރު، އަދާލަތު ޕާޓީން 13 ދާއިރާ އަށް ވާދަ ކުރެ އެވެ. އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މިހާތަނަށް 60 އަށްވުރެ ގިނަ މީހުންނަށް ޓިކެޓު ދީފައިވެ އެވެ.

އެމްޑީއޭ އިން މިހާތަނަށް ވަނީ އަށް މީހަކަށް ޓިކެޓު ދީފަ އެވެ.