Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

06 މާޗް 2019

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ"ގެ ލޯގޯ ތަފާތު ގޮތަކަށް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ"ގެ ލޯގޯ ތަފާތު ގޮތަކަށް ދައްކާލައިފި އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަޔާން މުކަރްޖީ ޑައިރެކްޓްކޮށްފައިވާ ފެންޓަސީ-އެޑްވެންޗަ ފިލްމު "ބުރައްމަސްތުރާ"ގެ ލޯގޯ ދައްކައިލުން އޮތީ ހޯމަ ދުވަހުގެ ރޭ ކުމްބް މޭލާގެ ތެރެއިން ޖައްވުގެ ތެރޭގައި ޑްރޯންތަކެއް ދިއްލާލައިލައިގެންނެވެ. އެ އިވެންޓްގައި ރަންބީރާއި އާލިއާގެ އިތުރުން އަޔާން ވެސް ބައިވެރިވި އެވެ.

މި އަހަރު ކްރިސްމަސްގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ބުރައްމަސްތުރާ"ގެ ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން، ޑިމްޕަލް ކަޕާޑިއާ، ސައުތު ފިލްމުގެ އިންޑަސްޓްރީގެ ސްޕަސްޓާ ނާގުރްޖުނާ އަކިނޭނީ އަދި މޯނީ ރޯއި ހިމެނެ އެވެ.

މިހާރު ލޯބީގެ ގޮތުން ވެސް ގުޅިގެން އުޅޭ އާލިއާ ރަންބީރުގެ ޖޯޑު އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަކީ ކަރަންގެ ދަރުމާ އިން މިހާތަނަށް ގެނެސްދޭ އެންމެ އަގު ބޮޑު ފިލްމެވެ. މިއީ ތިން ބައި އެކުލެވޭ ޓްރިލޮޖީއެކެވެ. އެގޮތުން މި އަހަރު "ބުރައްމަސްތުރާ"ގެ ފުރަތަމަ ބައި ގެނެސްދިނުމަށް ފަހު، ވާހަކަ އެއްކޮށް ކިޔައިދީ ނިންމައިލާނީ 8 އަހަރު ތެރޭގަ އެވެ.

އަޔާން އެންމެ ފަހުން ގެނެސްދިން ފިލްމަކީ ރަންބީރާއި ދީޕިކާ ޕަދްކޯން 2013 ގައި ލީޑް ރޯލް ކުޅުނު ލޯބީގެ ފިލްމު "ޔެ ޖަވާނީ ހޭ ދީވާނީ" އެވެ.

ކަރަންގެ "ބްލޭންކް" މެއި 3 ގައި

ކުރީގެ މަޝްހޫރު ބަތަލާ ޑިމްޕަލް ކަޕާޑިއާގެ ކޮއްކޮ ސިމްޕަލް ކަޕާޑިއާގެ ދަރިފުޅު ކަރަން ކަޕާޑިއާ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ބްލޭންކް" އަންނަ މެއި މަހުގެ ތިން ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމަކީ ބެހެޒާދު ކަމްބާޓާ ޑައިރެކްޓް ކުރާ ފިލްމެކެވެ. "ބްލޭންކް" އަކީ ސީދާ ކޮން ކަހަލަ ވާހަކައެއް ކިޔައިދޭ ފިލްމެއްކަން ނޭނގުނަސް، މިއީ ވަރުގަދަ އެކްޝަންތަކެއް ހިމެނޭނެ ފިލްމެއް ކަމަށް ގަބޫލު ކުރެވެ އެވެ. އެގޮތުން ފިލްމުގެ ހާއްސަ ރޯލަކުން ޑިމްޕަލްއާ އެއް ދުވަސްވަރެއްގައި ލޯބީގެ ގުޅުމެއް ބޭއްވި ސަނީ ޑިއޯލް ފެނިގެންދާނެ އެވެ.

ސަނީ އާއި ކަރަން އެކީގައި ފެންނަ ފޮޓޯއެއް ވެސް ވަނީ ދައްކާލައިފަ އެވެ.

"ބްލޭންކް"ގެ ޕްރޮޑިއުސަރުންނަކީ ޑރ. ޝްރިކާންތު ބާސީ، ނިޝާންތު ޕިއްޓީ، ވިޝާލް ރާނާ، އަދި ޓޯނީ ޑި ސޫޒާ އެވެ.

ކަރަން ބޮލީވުޑަށް ތައާރަފުވާ އިރު، އޭނާގެ މަންމަ ސިމްޕަލް ވަނީ 2009 ގައި މަރުވެފަ އެވެ.

"ސޫރިޔަވަންޝީ" 2020 ގެ ފިތުރު އީދުގައި

އަކްޝޭ ކުމާރު ހިމަނައިގެން ރޯހިތު ޝެޓީ ގެނެސްދޭން ނިންމާފައިވާ ފިލްމު "ސޫރިޔަވަންޝީ" އަންނަ އަހަރު ފިތުރު އީދުގައި ރިލީޒް ކުރަން ނިންމައި، ފިލްމުގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

ރޯހިތުގެ ފިލްމެއް އަކްޝޭ އަލަށް ކުޅޭ އިރު، މި ފިލްމުގައި އޭނާ ފެނިގެން ދާނީ ފުލުހެއްގެ ރޯލުންނެވެ. "ސޫރިޔަވަންޝީ" ގެ ޝޫޓިން މެއި މަހު ފަށަން ނިންމާފައިވާ އިރު، މީގެ ބަތަލާއަކީ ކާކު ކަމެއް އަދި ނޭނގެ އެވެ.

"ސޫރިޔަވަންޝީ" އަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ސިމްބާ" އަށް ފަހު، ރޯހިތާއި ކަރަން ޖޯހަރު ގުޅިގެން ގެނެސްދޭ ފިލްމެކެވެ. އެ ފިލްމުގެ ލީޑް ތަރިންނަކީ ރަންވީރު ސިންގާއި ސާރާ އަލީ ހާނެވެ.

ބެލެވޭ ގޮތުން އަޖޭ ދޭވްގަން ފުލުހެއްގެ ރޯލް ކުޅުނު "ސިންގަމް" އާއި ރަންވީރު ފުލުހެއްގެ ރޯލް ކުޅުނު "ސިންބާ" އަށް ފަހު، އަކްޝޭ ފުލުހެއްގެ ރޯލް ރޯހިތު ކުޅުވާ ފިލްމުގައި އަޖޭ އާއި ރަންވީރުގެ ހާއްސަ ފެނިލުންތަކެއް ވެސް ހިމެނޭނެ އެވެ. "ސިމްބާ" ގައި އަޖޭ އާއި އަކްޝޭގެ ކެމިއޯތަކެއް ވެސް ހިމަނާފައިވެ އެވެ.

މި މަހުގެ 21 ގައި ރިލީޒް ކުރާ އަކްޝޭގެ "ކޭސަރީ" އަކީ ވެސް ކަރަން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

"ޖަބަރިޔާ ޖޯޅީ"ގެ ތާރީހު ބަދަލުކޮށްފި

ކުރިން މެއި މަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރަން ނިންމި އެކްތާ ކަޕޫރްގެ ފިލްމު "ޖަބަރިޔާ ޖޯޅީީ" ރިލީޒް ކުރާ ތާރީހު ބަދަލުކޮށްފި އެވެ.

ޕަރިނީތީ ޗޯޕްޅާ އާއި ސިދާތު މަލްހޯތުރާގެ ޖޯޑު އެކީގައި ދެވަނަ ފަހަރަށް ސްކްރީނަށް އަންނަ ފިލްމު މިހާރު ރިލީޒް ކުރަން ނިންމާފައި ވަނީ ޖުލައި 12 ގަ އެވެ. ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ "ޖަބަރިޔާ ޖޯޅީ" އަކީ ޕްރަޝާންތު ސިންގް ޑައިރެކްޓް ކުރާ ފިލްމެކެވެ.

ޕަރިނީތީ އާއި ސިދާތު އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ 2014 ގެ "ހަސީ ތޯ ޕަސީ" އެވެ. ޕަރިނީތީގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 21 ގައި ރިލީޒް ކުރާ "ކޭސަރީ" އެވެ.

ސިދު މިހާރު އަންނަނީ މިލަޕް މިލަން ޒަވޭރީގެ "މަރުޖާވާ" ގެ މަސައްކަތް ކުރަމުންނެވެ.