Roadha Mihaaru
ދުންފަތާ ދުރުވެ މޭވާ އާއި ތަރުކާރީ ކެއުން ގިނަކުރޭ

ދުންފަތާ ދުރުވެ މޭވާ އާއި ތަރުކާރީ ކެއުން ގިނަކުރޭ

04 މާޗް 2019

ތަރުކާރީ އާއި މޭވާ ކެއުމަކީ ބަލިތަކުން ރައްކާތެރިވެ ތިބުމަށް މުހިންމު ކަމެއްކަން އެނގެ އެވެ. ސައިންސްވެރިން މި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މޭވާ އާއި ތަރުކާރީން އަދާކުރާ ރޯލަކީ ކޮބައިތޯ ބަލައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތަރުކާރީ އާއި މޭވާ ކެއުމަކީ ބަލިތަކުން ރައްކާތެރިވެ ތިބުމަށް މުހިންމު ކަމެއްކަން އެނގެ އެވެ. ސައިންސްވެރިން މި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މޭވާ އާއި ތަރުކާރީން އަދާކުރާ ރޯލަކީ ކޮބައިތޯ ބަލައިފަ އެވެ.

ތޮރެކްސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައިވާ ގޮތުން ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމަނަރީ ޑިޒީޒް (ސީއޯޕީޑީ)، ގިނައިން މޭވާ އާއި ތަރުކާރީ ކައިގެން ކުޑަކުރެވިދާނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އަންދާޒާކުރާ ގޮތުގައި އެންމެ ގިނަ މީހުން މަރުވާ ތިން ވަނަ ކަމަކަށް ސީއޯޕީޑީ ވެދާނެކަމުގެ ބިރު ވެސް މިހާރު ވަރަށް ބޮޑެވެ.

ސީއޯޕީޑީ އާއި ޑައިޓާ ހުރި ގުޅުން ދެނެގަތުމަށް 13 ވަރަކަށް އަހަރުގެ މުއްދަތަކަށް، ދުންފަތުގެ އިސްތިއުމާލު ކުރާ 44،000 އަށް ވުރެ ގިނަ ފިރިހެނުންގެ ސިއްހީ ހާލަތު ބެލި އެވެ. ނަތީޖާ އަކީ ދުންފަތުގެ އިސްތިއުމާކުރާ މީހުންގެ ތެރެއިން ތަރުކާރީ އާއި މޭވާގެ ބާވަތްތައް މަދުން ބޭނުންކުރާ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައް އެ ނޫން މީހުންނަށް ވުރެ ދެގުނަ ބޮޑުކަމެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮންމެ ދުވަހެއްގެ ކެއުމުގައި ތަރުކާރީ އާއި މޭވާ ބޭނުންކުރާ ނަމަ ސީއޯޕީޑީ އަށް ހުށަހެޅުމުގެ ފުރުސަތު 4-8 ޕަސެންޓް ދަށްކޮށްދެ އެވެ.

އަދި ދުންފަތުގެ ގެއްލުން ކުޑަކުރުމަށް އެންމެ ރަނގަޅު މޭވާތަކުގެ ތެރޭގައި އާފަލާއި ޕެއާޒް ފަދަ ބާވަތްތައް ހިމެނެ އެވެ. ތަރުކާރީގެ ތެރޭގައި ފެހިކުލަ ގަދަ ފަތްފިލާވެލީގެ ބާވަތްކާއި ޕެޕާ ކަހަލަ އެއްޗެހި ކެއުން ވެސް މުހިއްމު ކަމަށް ދިރާސާގައި ބުންޏެވެ.

ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގިނައިން ކާ ނަމަ ދުންފަތުގެ އިސްތިއުމާލުކޮށްގެން ލިބޭ ގެއްލުންތައް ކުޑަވާ ކަމަށް ދިރާސާއަކުން ދެއްކި ނަމަވެސް މީގެ މާނައަކީ، ދުންފަތުގެ އިސްތިއުމާލުކޮށްގެން ލިބޭ ގެއްލުންތަކުން ސަލާމަތް ވެވުން ނޫންކަން، ދިރާސާގައި ވަރަށް ބޮޑަށް ފާހަގަކޮށްފައިވެ އެވެ. އެހެންވެ، ދުޅަހެޔޮ ސިއްހަތެއް ބޭނުން ނަމަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ދުންފަތާ ދުރުވުމެވެ.