Roadha Mihaaru
އެންމެން އެކުގައި ކެއުމުން ގުޅުން ބަދަހިވޭ

އެންމެން އެކުގައި ކެއުމުން ގުޅުން ބަދަހިވޭ

25 ނޮވެމްބަރ 2018

އާއިލާ އެންމެން އެކީގައި ކެއުންތަކަށް އިންސާފު ކުރާ ނަމަ ގުޅުން ބަދަހިވާ ކަމަށާއި ސިއްހަތަށް ފައިދާ ހުރި ކާނާ ކާން ވެސް މިކަމުން ބާރުއަޅާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާއިލާ އެންމެން އެކީގައި ކެއުންތަކަށް އިންސާފު ކުރާ ނަމަ ގުޅުން ބަދަހިވާ ކަމަށާއި ސިއްހަތަށް ފައިދާ ހުރި ކާނާ ކާން ވެސް މިކަމުން ބާރުއަޅާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ޖަމާ ނެޓްވޯކް އޯޕެންގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނީ މައިންބަފައިންނާއި ދަރިންނާ އެކީގެ ކެއުންތަކަށް އިންސާފުކުރާ ނަމަ، ސިއްހަތަށް ރަނގަޅު ކާނާ ކެއުމަށް މަގުފަހިވުމުގެ އިތުރުން މައިންބަފައިންނާ ދަރިންނާ ދެމެދު އޮންނަ ގުޅުން ވެސް ބަދަހިކޮށްދޭ ކަމަށެވެ.

ވަކިން ހާއްސަކޮށް، ފުރާވަރު ކުދިންގެ މެދުގައި ކެއުމުގައި ގެންގުޅޭ ދުޅަހެޔޮ ނޫން އާދަތަކާ ދުރުވެ، ރަނގަޅު ޑައިޓެއް ފޮލޯކުރަން ދަރިންނަށް ދަސްވާ ކަމަށް ދިރާސާގައި ބުންޏެވެ. އެގޮތުން މޭވާ އާއި ތަރުކާރީގެ ބާވަތްތައް ކެއުމަށް އާދަވުމާއި ގިނަ އަދަދަކަށް ހަކުރު ފަދަ ބާވަތްތައް އެކުލެވޭ، ސިއްހަތަށް ރަނގަޅު ނޫން ބުއިންތަކުން ވެސް އެކީގައި ކެއުންތަކަށް އިންސާފުކުރާ ނަމަ ދުރުކޮށްދޭ ކަމަށް ދިރާސާގައި ބުންޏެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ގުޅުން ކުޑަ އާއިލާތަކުގެ މެދުގައި ގުޅުން ބަދަހި ކުރަން ބޭނުންވާ ނަމަ ކެއުންތަކަށް ދައުވަތު ދިނުން ފަދަ ކަންކަން ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.

އެގޮތުން ސުފުރާމަތިން އެކީގައި ބައްދަލުވެ، ވާހަކަ ދައްކާލައި، ކަންކަމާ ދޭތެރޭ ހިޔާލު ބަދަލުކޮށް، އުފާވެރި މާހައުލެއް ގާއިމު ކުރެވި ދޭދޭ މީހުންގެ މެދުގައި ހުންނަ ނުތަނަސްކަން ފިލުވައިދީ އުފާވެރި ދިރިއުޅުމަކަށް ފުރުސަތު ހުޅުވައިލަދޭ ކަމަށް ބުންޏެވެ.

"މީގެ އެންމެ ބޮޑު އަނެއް ފައިދާއަކީ އާއިލީ ގުޅުން ބަދަހިވުމާ އެކު ދުޅަހެޔޮ ޑައިޓެއް ފޮލޯ ކުރަން ބާރު އަޅައި ދިނުން،" ދިރާސާގައި އިސްކޮށް ހުންނެވި ކެނެޑާގެ ގުއެލްފް ޔުނިވަސިޓީގެ ރިސާޗަތު ކެތުރީން ވޮލްޓަން ވިދާޅުވި އެވެ. "ހަމަމިއާ އެކު އެއް ބަޔަކު އަނެއް ބަޔަކަށް މުއާމަލާތް ކުރެވުމުން ލިއްބައިދޭ ފައިދާތައް ގިނަ."

އޭނާ ވިދާޅުވި ގޮތުގައި ދަރިންނާ އެކު މައިންބަފައިން ކެއުންތަކަށް އިންސާފު ކުރަން ވަގުތު ހޯދާ ނަމަ ދަރިންގެ ވާހަކަ އަޑު އަހާލައި، ދަރިންގެ ކަންބޮޑުވުންތައް ވެސް އެނގިގެން ދާނެ ކަމަށެވެ.

"ހަގީގަތުގައި ކެއުމަކަށް އިންސާފު ކުރާ ވަގުތަކީ ހުރިހާ ބައެއްގެ މެދުގައި ވެސް ވަރަށް އުފާވެރި ވަގުތުކޮޅަކަށްވޭ. އެހެންވެ ހިއްސާ ކުރަން ބައެއް ހާލަތްތަކުގައި އުނދަގުވާ ކަހަލަ ވާގަކަތައް ސުފުރާމަތީގައި ހިއްސާ ކުރެވި ކަންކަން އިސްލާހު ވާން ފުރުސަތު ތަނަވަސްވޭ،" ކެތުރީން ވިދާޅުވި އެވެ.