Roadha Mihaaru
މެޑްރިޑް ބަލިކޮށް ބާސެލޯނާ ފައިނަލަށް

މެޑްރިޑް ބަލިކޮށް ބާސެލޯނާ ފައިނަލަށް

28 ފެބުރުއަރީ 2019

މެޑްރިޑް (ފެބްރުއަރީ 28) – ލުއިސް ސުއަރޭޒްގެ ދެ ގޯލާ އެކު ރެއާލް މެޑްރިޑުގެ ދަނޑުގައި އެ ޓީމު އަތުން ފަސޭހަކަމާ އެކު 3-0 އިން މޮޅުވެ ސްޕެނިޝް ކަޕުގެ ފައިނަލަށް ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ބާސެލޯނާ އިން ދަތުރުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ފެބްރުއަރީ 28) – ލުއިސް ސުއަރޭޒްގެ ދެ ގޯލާ އެކު ރެއާލް މެޑްރިޑުގެ ދަނޑުގައި އެ ޓީމު އަތުން ފަސޭހަކަމާ އެކު 3-0 އިން މޮޅުވެ ސްޕެނިޝް ކަޕުގެ ފައިނަލަށް ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ބާސެލޯނާ އިން ދަތުރުކޮށްފި އެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައިވާތީ ބާސެލޯނާ އަށް ކުރި ލިބުނީ 4-1 ގެ އެގްރިގޭޓުންނެވެ. މޭ 25 ގައި އޮންނަ ފައިނަލުގައި ބާސެލޯނާ ބައްދަލުކުރާނީ ވެލެންސިއާ އާއި ރެއާލް ބެޓިސް މިރޭ ކުޅެ ކުރި ހޯދާ ޓީމަކާ ދެކޮޅަށެވެ. ފުރަތަމަ ލެގު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މި މެޗުގައި ރެއާލް މެޑްރިޑުން 14 ހަމަލާ ފޮނުވާލި އިރު ބާސެލޯނާ އަށް ފޮނުވާލެވުނީ ތިން ހަތަރު ހަމަލަ އެވެ. އެކަމަކު ބާސެލޯނާގެ ނިންމާލުންތައް ފުރިހަމަވުމުން ފައިދާކުރީ އެވެ. ފުރަތަމަ ގޯލް 50 ވަނަ މިނެޓުގައި ސުއަރޭޒް ޖެހީ މެޑްރިޑުގެ ދެ ޑިފެންޑަރުގެ ދޭތެރެއިން އޮސްމާނޭ ޑެމްބެލޭ ނެގި ހުރަހެއް، މެޑްރިޑުގެ ސާޖިއޯ ރާމޯސް ހުރަސްއަޅައަޅާ ހުއްޓާ ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.

ބާސެލޯނާގެ ދެ ވަނަ ގޯލަކީ 69 ވަނަ މިނެޓުގައި މެޑްރިޑުގެ ޑިފެންޑަރު ރަފައެލް ވަރާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޑެމްބެލޭ ނެގި ހުރަސް ދިފާއުކުރަން ވަރާން ވެއްޓިގެންފައި ޖައްސާލުމުން ގޯލުގެ ތެރެއަށް ވަނީ އެވެ. އޭނާ ފައިގައި އެ ބޯޅަ ލައްވާނުލި ނަމަ ސުއަރޭޒަށް ލިބި ބޯޅަ ގޯލަށް ވަނުމުގެ ފުރުސަތު އޮތެވެ. ތިން ވަނަ ގޯލަކީ ސުއަރޭޒަށް އޭރިއާ ތެރެއިން މެޑްރިޑުގެ ކަސެމިރޯ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީން އޭނާ ޖެހި ގޯލެކެވެ. އޭނާ 13 މެޗުން މެޑްރިޑް ކޮޅަށް ޖެހި 11 ވަނަ ލަނޑު ވައްދާލީ ރޮނގު މަތިން ބޯޅަ ހިއްލާލައި ގޯލުގެ ތެރެއިން އޮއްސާލައިގެންނެވެ.

ސްޕެނިޝް ލީގުގައި މި ހަފުތާގައި ސެވިއްޔާ އަތުން 4-2 އިން ބާސެލޯނާ މޮޅުވި މެޗުގައި ހެޓްރިކެއް ހެދި ލިއޮނަލް މެސީ ރޭ މާބޮޑު ތަފާތެއް ނުފެނެ އެވެ. އެކަމަކު ލީގުގައި ހޮނިހިރު ދުވަހުގެރޭ މި ދެ ޓީމު މި ދަނޑުގައި އަނެއްކާ ވެސް ވާދަކުރަން ހަމަޖެހިފައިވާއިރު މެސީގެ މުހިއްމުކަން ބޮޑެވެ.

"އަހަރެމެންގެ އެބަތިބި މެސީ ނޫނަސް ލަނޑު ޖެހޭނެ އިތުރު ކުޅުންތެރިން. ސުއަރޭޒްގެ އަދަދުތައް އާދަޔާހިލާފު، އަދި އެއީ ބާސެލޯނާ އަށް ތާރީހީ އަދަދުތަކެއް. އަހަރެމެންނަށް އެނގޭ އޭނާ އަބަދުވެސް ހުންނާނެކަން،" ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުންޏެވެ.

މެޑްރިޑުގެ ކޯޗު ސެންޓިއާގޯ ސޮލާރީ ބުނީ ފައިނަލުގައި ކުޅެން ބޭނުންވެ އެ ފުރުސަތު ނުލިބުމުން މާޔޫސްވާ ކަމަށާއި އެކަމަކު ކުރިއަށް ދާނީ އިސްއުފުލައިގެން ކަމަށެވެ.

"އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން. އަހަރެމެންނަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުނީ، ބާސެލޯނާ އިން އެކަން ކުރި،" ސޮލާރީ ބުންޏެވެ.