Roadha Mihaaru
ސޮލާރީގެ ފުރަތަމަ މެޗުން ރެއާލް މޮޅުވެއްޖެ

ސޮލާރީގެ ފުރަތަމަ މެޗުން ރެއާލް މޮޅުވެއްޖެ

01 ނޮވެމްބަރ 2018

މެޑްރިޑް (ނޮވެމްބަރު 1) - ރެއާލް މެޑްރިޑްގެ އާ ކޯޗު ސަންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ސްޕެނިޝް ކަޕްގައި ރޭ ތިން ވަނަ ޑިވިޝަންގެ ޔޫޑީ މެލީލިއާ އަތުން ފަސޭހަކަމާ އެކު 4-0 އިން ރެއާލް މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ނޮވެމްބަރު 1) - ރެއާލް މެޑްރިޑްގެ އާ ކޯޗު ސަންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ސްޕެނިޝް ކަޕްގައި ރޭ ތިން ވަނަ ޑިވިޝަންގެ ޔޫޑީ މެލީލިއާ އަތުން ފަސޭހަކަމާ އެކު 4-0 އިން ރެއާލް މޮޅުވެއްޖެ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ވާދަވެރި ބާސެލޯނާ އަތުން 5-1 އިން ބަލިވި މެޗަށް ފަހު، ރެއާލުގެ ކޯޗުގެ މަގާމުގައި ހުރި ހުލެން ލޮޕެޓެގީ ވަކިކުރުމުން ވަގުތީ ކޯޗަކަށް ވަނީ ރެއާލް ބީ ޓީމުގައި އޭރު ހުރި ސޮލާރީ ހަމަޖައްސައިފަ އެވެ. ފަނަރަ ދުވަހުގެ ތެރޭގައި ދާއިމީ ކޯޗެއް ހަމަަޖައްސަން ޖެހޭއިރު، ސޮލާރީ ވަނީ އެ ޓީމުގައި މަގާމު ދަމަހައްޓަން މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ.

ރޭގެ މެޗުގައި މެލީލިއާ ކޮޅަށް ރެއާލުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ކަރީމް ބެންޒެމާ، މާކޯ އަސެންސިއޯ، އަލްވާރޯ އޮޑްރިއޮޒޯލާ އަދި ކްރިސްޓޯ ގޮންޒާލޭޒް އެވެ. ރެއާލް އެންމެ ފަހުން ސްޕެނިޝް ކަޕް ކާމިޔާބުކުރީ 2014 ވަނަ އަހަރު އެވެ.

ފުރަތަމަ މެޗުން މޮޅުވުމުން ސޮލާރީ އަށް ހިތްހަމަ ޖެހުމެއް ލިބުނުއިރު އޭނާގެ ނަޒަރުގައި ކުރިއަށް އޮތީ އުނދަގޫ ޗެލެންޖެއް ކަމަށެވެ.

"އަހަރެން ކުރިން ވެސް ބުނިން މިއީ ޓީމަކީ ޗެމްޕިއަނުން ގިނަ ޓީމެކޭ. ބޭނުންވަނީ އެކުގައި މަސައްކަތްކުރާނެ މާހައުލެއް. ފުރަތަމަ މެޗުން މޮޅުވުމަކީ ރަނގަޅު މިސްރާބަށް ދިއުމަށް ފެށުމެއް. އެކަމަކު މިއީ ފަސޭހަވާނެ މަސައްކަތެއް ނޫން،" ކުރިން ރެއާލަށް ކުޅުނު ސޮލާރީ ބުންޏެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކުޅުނު މެޗުން ވަނީ ތިން ވަނަ ޑިވިޝަންގެ ކަލްޗަރަލް ލެއޮނޭސާ އަތުން ފަހު ވަގުތުގެ ގޯލާ އެކު 1-0 އިން މޮޅުވެފަ އެވެ. ގިނަ ބަދަލުތަކާ އެކު ކުޅުނު ބާސެލޯނާގެ ހަމައެކަނި ލަނޑު ޖެހީ ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓް އެވެ. މިއީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސެވިއްޔާ ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ފަހުން އޭނާ ޖެހި ފުރަތަމަ ގޯލެވެ.

ސްޕެނިޝް ކަޕްގެ ދެ ވަނަ ލެގުގެ ކުޅުން އޮންނާނީ ޑިސެމްބަރު މަހު 5 ވަނަ ދުވަހު އެވެ.