Roadha Mihaaru
ލަންޑަނުގައި ޖަންކްފުޑް އިޝްތިހާރުކުރުން މަނާކޮށްފި

ލަންޑަންގެ އާންމު ދަތުރުފަތުރު ނިޒާމުގައި ޖަންކް ފުޑް އިޝްތިހާރު ކުރުން މަނާކޮށްފި

27 ފެބުރުއަރީ 2019

އިނގިރޭސިވިލާތުގެ ލަންޑަނުގެ ރައްޔިތުން އާދަޔާހިލާފަށް ފަލަވެ ސިއްހީ މައްސަލަތައް ގިނަވާތީ، ލަންޑަނުގެ އާންމު ދަތުރުފަތުރު ނިޒާމުގެ ތެރޭގައި ޖަންކްފުޑް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުން ހޯމަ ދުވަހުން ފެށިގެން މަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ލަންޑަނުގެ ރައްޔިތުން އާދަޔާހިލާފަށް ފަލަވެ ސިއްހީ މައްސަލަތައް ގިނަވާތީ، ލަންޑަނުގެ އާންމު ދަތުރުފަތުރު ނިޒާމުގެ ތެރޭގައި ޖަންކްފުޑް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުން ހޯމަ ދުވަހުން ފެށިގެން މަނާކޮށްފި އެވެ.

ލަންޑަނުގެ މޭޔަރު ސާދިގު ހާން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މި ސިޔާސަތު އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އަދި މިކަމަށް އާންމުންގެ ހިޔާލު ހޯދަން އޮންލައިކޮށް ހުޅުވައިލުމުން 82 ޕަސެންޓް މީހުން ވަނީ އާންމު ދަތުރުފަތުރު ނިޒާމުގެ ތެރޭގައި ފެޓާއި ހަކުރާއި ލޮނާއި މަތީ މިންވަރަކަށް އެކުލެވޭ ޖަންކް ފުޑް އިޝްތިހާރުކުރަން ތާއީދުނުކުރާ ކަމަށް ވެސް ބުނެފަ އެވެ.

ހޯމަ ދުވަހުން ފެށިގެން އާންމު ދަތުރުފަތުރު ނިޒާމުގެ ތެރޭގައި، ސިއްހަތަށް ގެއްލުން ހުރި ޖަންކް ފުޑްތައް އިޝްތިހާރެއް ނުކުރެވޭނެ އެވެ. އެދި އެފަދަ އިޝްތިހާރުތައް ނެގުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

މިކަމާ ގުޅިގެން އެޑްވަޓައިޒިން އެސޯސިއޭޝަނުން ބުނީ ޖަންކް ފުޑް އިޝްތިހާރު ކުރުން ހުއްޓުވިޔަސް، ފަލަވުމުގެ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި އެދެވޭ ނަތީޖާއެއް ނުފެންނާނެ ކަމަށާއި މިކަމުގެ ސަބަބުން ދިމާވާނެ އެއް މައްސަލައަކީ ދަތުރުފަތުރު ކުރާ މީހުންނަށް ކާއެއްޗެހި ހޯދަން ދަތިވުން ކަމަށެވެ.

ނަމަވެސް ސާދިގް ހާން ވިދާޅުވި ގޮތުގައި އަލަށް ތަންފީޒުކުރަން ފެށި އުނދަގޫ ސިޔާސަތުގެ ސަބަބުން ހެޔޮ ނަތީޖާތަކެއް ނުކުންނާނެ ކަމުގެ އުންމީދު ބޮޑެވެ. ވަކިން ހާއްސަކޮށް މީގެ ސަބަބުން ކުޑަކުދިންނާއި ޒުވާނުން ސިއްހަތަށް ހެޔޮ ބަދަލެއް އަންނާނެ އެވެ.

"މިއީ ހަމައެކަނި ޖަންކް ފުޑާ ދުރުކޮށް ދޭނެ ކަމެއް ނޫން. ހަމަމިއާ އެކު މީގެ ސަބަބުން ދުޅަހެޔޮ ސިއްހަތަކަށް ލޯބިކޮށް، ކެއުމުގެ ވައްޓަފާޅި އަށް ހެޔޮ ބަދަލެއް ގެންނަން ހިތްވަރަކަށް ވެސް ވާނެ،" މޭޔަރުގެ ތަރުޖަމާން ވިދާޅުވި އެވެ.

ފަލަވުމާ ދެކޮޅަށް އިނގިރޭސިވިލާތުގައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ވަނީ ހަކުރު މިންވަރު މަތީ މިންވަރަކަށް އެކުލެވޭ ބުއިންތަކުން ޓެކްސް ނަގަން ފަށައިފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން 8.788 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީ އޮތް ލަންޑަނުގެ އުމުރުން 10-11 އަހަރާ ދެމެދު ކުދިންގެ 40 ޕަސަންޓަކީ އާދަޔާހިލާފަށް ފަލަ ކުދިންނެވެ.