Roadha Mihaaru
ސިމާދު މަރުވީ ދަންތުރައިގައި ޖެހިގެން ކަމަށް ބެލެވޭ

ސިމާދު މަރުވީ ކަރަންޓު ދަންތުރައިގައި ޖެހިގެން ކަމަށް ބެލެވޭ: އެކްޓިން ޕޮލިސް ކޮމިޝަނަރު

25 ފެބުރުއަރީ 2019

ސ. ހިތަދޫ ހިޔާލީގޭ ހުސައިން ސިމާދު މަރުވީ، ކަރަންޓު ދަންތުރައިގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސ. ހިތަދޫ ހިޔާލީގޭ ހުސައިން ސިމާދު މަރުވީ، ކަރަންޓު ދަންތުރައިގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވިލިނގިލީގައި ދިރިއުޅޭ ސިމާދު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު މަރުވީ އެ ރަށުގައި ސަފާރީއެއް ބަނުމަށް ހަދާފައި ހުރި ހަރުގެ ތެރޭގައި، އެތަނުން ވައްކަން ކުރާތީ ވަގުން ހިފުމަށް ބަޔަކު ހެދި ކަރަންޓު ދަންތުރައެއްގައި ޖެހިގެން ކަމަށް އެ ރަށު ބައެއް މީހުން ވެސް ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި، އެކްޓިން ޕޮލިސް ކޮމިޝަނަރު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، ސިމާދު މަރުވީ ކަރަންޓު ދަންތުރައިގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުންގެ ތަހުގީގުން އެނގެ އެވެ. އެހެންވެ، އަނެކާގެ ފުރާނައަށް ނުރައްކާވާ ގޮތަށް ސަލާމަތީ ކަންކަން ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ. ހާއްސަކޮށް، މީސްމީހުންނަށް ކުރިން އެންގުމެއް ނެތި އެފަދަ އަމަލުތައް ނުހިންގުމަށް ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ.

އެކްޓިން ސީޕީ ކުރެއްވި ޓްވީޓް--

ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މީހެއްގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ހާލަތެއްގައި ކުރާ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މެރުމަކީ ކުށެއް ކަމަށެވެ. މި ކުށަކީ ޖުނަހްގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ.

އެހެންކަމުން ރައްކާތެރި ކަމަށްވެސް އަނެކާގެ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ކުރުމަކީ ކުށެއް ކަމަށް ގާނޫނީ ވަކީލުން ބުނެ އެވެ.

ސިމާދުގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. އެ ހަރުގެ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެ ހުރި އުމުރުން ގާތްގަނޑަކަށް 50 އަހަރުގެ ސައީދު ހަސަންގެ ބަޔާން ފުލުހުން މިހާރު ވަނީ ނަގައިފަ އެވެ.