Roadha Mihaaru
ނިހާން، ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ނިހާން، ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފި

21 ފެބުރުއަރީ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ޕީޕީއެމް/ކޮންގްރެސް ޕާޓީން ރޭ ބޭއްވި މުޒާހަރާގެ ތެރޭގައި، ފުލުހުންގެ ވެހިކަލެއްގެ ފުރޮޅެއް ކައިރީގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ގާބުރިއެއް ބޭއްވެވި މައްސަލައިގައި އޭނާ މާދަމާ ރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައި މިއަދު ޗިޓު ފޮނުވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ޕީޕީއެމް/ކޮންގްރެސް ޕާޓީން ރޭ ބޭއްވި މުޒާހަރާގެ ތެރޭގައި، ފުލުހުންގެ ވެހިކަލެއްގެ ފުރޮޅެއް ކައިރީގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ގާބުރިއެއް ބޭއްވެވި މައްސަލައިގައި އޭނާ މާދަމާ ރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައި މިއަދު ޗިޓު ފޮނުވައިފި އެވެ.

ނިހާންގެ މައްޗަށް ފުލުހުން ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ.

އެ މައްސަލައިގައި، ސުވާލުކޮށް، ތަހުގީގަށް މައުލޫމާތު ހޯދުމަށް ނިހާން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ ރޭ 8:30 އަށެވެ. އެކަމަށް 1 ގަޑިއިރާއި 30 މިނެޓް ހޭދަ ވާނެ ކަމަށް ވެސް ޗިޓުގައި ބުނެފައިވެ އެވެ.

އެމްޓީސީސީ ސޯމިލް އިމާރާތް ކައިރި އަށް އިދިކޮޅު މީހުން ރޭ އެއްވެފައި ތިއްބައި، އެތަނުގެ ތެރޭގައި އޮތް ފުލުހުންގެ ވެހިކަލް ދަށުގައި ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ގާ ބުރިއެއް ބާއްވަން އުޅުމުން އެކަން ހުއްޓުވުމަށް އެތަނުގައި ހުރި އަންހެނަކު މަސައްކަތް ކުރި އެވެ. ނަމަވެސް، ގާބުރި ބޭއްވުމަށް ފަހު ސަޕޯޓަރުންނާ އެކު ނިހާން އެތަނުން ދުރަށް ވަޑައިގަތީ އެވެ.

އެ ވީޑިއޯ އާއްމުވުމުން އޭނާ ރޭ ކުރެއްވި ޓްވީޓެއްގައި ނިހާން ވިދާޅުވީ ރައްޔިތުންނަށް އަނިޔާވެދާނެތީ އެފަދަ ކަމަކުން ސަލާމަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށެވެ. "ފުލުހުންގެ ވެހިކަލެއް ރައްޔިތުންތަކެއްގެ ތެރެއަށް ވަދެ، ފަހަތަށް ދުއްވަން އުޅެފި ނަމަ ރައްޔިތުންނަށް އަނިޔާވެދާނެތީ އެފަދަ ކަމަކުން ރައްޔިތުން ސަލާމަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެކެވެ،" ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު ނިހާން ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނިހާން ވަނީ ޗާންދަނީ މަގުގައި އޮތް އެއްވުމެއްގައި ފުލުހުންގެ ސަފުތެރެއަށް ވަދެ ހަމަނުޖެހުން ހިންގައިފަ އެވެ. އެ މައްސަލައިގައި އޭނާއާ ދޭތެރޭ ފިޔަވަޅެއް އަޅާފައިނުވާތީ ވެސް ބައެއް މީހުންގެ ފާޑުކިޔުން އޭރު ވެސް އަމާޒުވި އެވެ.