Roadha Mihaaru

ނަރީޝްއާއެކު 8 މީހެއްގެ ބަންދު އިތުރުކޮށްފި

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރާ އިން ހައްޔަރުކުރި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއެކު 8 މީހެއްގެ ތަހުގީގު ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ރޭ ނިންމައިފި އެވެ.

ނަރީޝްއާއެކު 8 މީހެއްގެ ބަންދު އިތުރުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

27 މާޗް 2022

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރާ އިން ހައްޔަރުކުރި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއެކު 8 މީހެއްގެ ތަހުގީގު ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ރޭ ނިންމައިފި އެވެ.

ފުލުހުން މަނާކޮށްފައި އޮއްވައި ކުރިއަށް ގެންދިޔަ އެ މުޒާހަރާގައި 17 މީހަކު ހައްުޔަރުކުރި ނަމަވެސް އިއްޔެ ވަނީ ހަތް މީހަކު ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ހިމެނެ އެވެ. އެ ދެ ބޭފުޅުން ވެސް ދޫކޮށްލީ ޝަރުތުތަކާއެކު އެވެ.

ފުލުހުން ރޭ ބުނީ މުޒާހަރާއިން ހައްޔަރުކުރި 17 މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހަކު ދޫކޮށްލައި، އިތުރު ހަ މީހަކު ޝަރުތުތަކަކާ އެކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ތިން މީހެއްގެ ބަންދަށް ތިން ދުވަސް ކޯޓުން ދީފައިވާ ކަމަށާއި އިތުރު ދެ މީހެއްގެ ބަންދަށް ހަތް ދުވަސް އަދި ހަތަރު މީހަކަށް ދެ ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޕީޕީއެމުން ބުނީ، މުޒާހަރާގައި އެންމެ ކުރިން ހައްޔަރުކުރު ނަރީޝް ބަންދުގައި ބަހައްޓަން ކޯޓުން ނިންމީ ދެ ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި ޕީޕީއެމްގެ މުޒާހަރާތަކާއި އެއްވުންތައް ރޭވުމުގައި އިސްކޮށް އުޅުއްވާ، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްމަބަރު މުހައްމަދު އިސްމާއިލް ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމީ ހަތް ދުވަހަށް ކަމަށް އެ ޕާޓީން ބުންޏެވެ.

ހުކުރު ދުވަހު "ނޭވާ ހޮޅިއަށް" ގެ ނަމުގައި ބޭއްވި އެއްވުމުން 17 މީހަކު ހައްޔަރުކުރިއިރު އެ އެއްވުން އިދިކޮޅުން ބޭއްވީ އެ ކަން ނުކުރަން ފުލުހުން އަންގާފައި ވަނިކޮށެވެ. އެއްވުން ނުބާއްވަން ފުލުހުން އެންގީ މާލޭގައި އުޅޭ ކުށްކުރާ ގްރޫޕުތައް ހޯދައި އެއްވުމުގައި ބައިވެރި ކުރުމަށް ޕީޕީއެމް/ޕީއެންސީން ރާވާފައިވާ ކަމުގެ ތުހުމަތާ އެކު އެވެ. އެކަމަކު ފުލުހުންގެ އިންޒާރަށް ބެލުމެއް ނެތި އިދިކޮޅުން މަގުމަތީ ހަރަކާތަށް ނުކުތްއިރު އިދިކޮޅުން ވަނީ ޣައިރު ގާނޫނީ އެންގުންތަކަށް ތަބާނުވެ، ގާނޫނުއަސާސީން ކަަވަރުކޮށްދީފައިވާ ހައްގުތަކަށް އަރައިނުގަތުމަށް ފުލުހުންނަށް އިލްތިމާސްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގެންދާ ސުލްހަވެރި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިނުމަށް ގޮވާލައިފަ އެވެ.