Roadha Mihaaru
މި ވަގުތު ވެރިކަމަށް އެންމެ ރަނގަޅީ ގާސިމް: އަދުރޭ

މި ވަގުތު ވެރިކަމަށް އެންމެ ރަނގަޅީ ގާސިމް: އަދުރޭ

19 ފެބުރުއަރީ 2019

ރާއްޖޭގެ ސިޔާސީ ހާލަތު މިހާރު އޮތްގޮތުން ވެރިކަމަށް ގެންނަން އެންމެ ރަނގަޅީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން ގާސިމަށް ތައުރީފު ކުރަން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ސިޔާސީ ހާލަތު މިހާރު އޮތްގޮތުން ވެރިކަމަށް ގެންނަން އެންމެ ރަނގަޅީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން ގާސިމަށް ތައުރީފު ކުރަން ފަށައިފި އެވެ.

މަނީ ލޯންޑާ އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ކުރި އަމުރާ ގުޅިގެން، ޕީޕީއެމާއި ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ގާސިމް އިސްވެ ހުންނަވައި، ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ރާއްޖެއަށް ބޭނުންވާ ކަމަށެވެ.

"ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލަންވީ. އެ ސަރުކާރުގެ ރައީސަކަށް އަޅުގަނޑުމެން ތާއީދު ކުރާނީ އޮނަރަބަލް ގާސިމް އިބްރާހީމް. ގާސިމް އިބްރާހީމް ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެން މިހާރު އެބަޖެހޭ މި ރާއްޖެ ހަމަޔަކަށް އަޅުވަން،" ފޮނަދޫ ދާއިރާގެ މެމްބަރު އަދުރޭ ވިދާޅުވި އެވެ.

މި ސަރުކާރު ހިންގާ އިއްތިހާދުގެ އެންމެ މުހިންމު އެއް ބައިވެރިޔާ ގާސިމާ ބެހޭ ގޮތުން އަދުރޭ އާއި ޔާމީންގެ އަރިސް އެހެން ބޭފުޅުން މީގެ ކުރިން ދައްކަވާފައިވާ ނޭދެވޭ ވާހަކަތަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ، އެ ދުވަސްތައް މިހާރު ނިމިފައިވާ ކަމަށެވެ.

ޕީޕީއެމް/ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނިއުސް ބްރީފިންގައި އަބްދުއްރަހީމާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޕީޕީއެމް/ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނިއުސް ބްރީފިންގައި އަބްދުއްރަހީމާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގެ ޝަރުއީ ނިޒާމަށް ގާސިމް ނުފޫޒު ފޯރުވާ ކަމަށް އަދުރޭ ކުރިން ދެއްކެވި ވާހަކައާ ބެހޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ އޭރުގައި އެ ވާހަކަ ދެއްކެވީ ލިބިވަޑައިގެންނެވި މައުލޫމާތުގެ އަލީގައި ކަމަށެވެ.

"މިއަދު ގާސިމް އިބްރާހީމް ކޯޓްތަކަށް މިހާރު ނުފޫޒު ފޯރުވާ ކަމުގެ އެއްވެސް ހެއްކެއް އަޅުގަނޑުމެންނަކަށް ލިބިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މިހާތަނަށް އެމްޑީޕީން ދެ ފަހަރު ވެރިކަމަށް އައިއިރު ވެސް ގާސިމްގެ ހިއްސާ އޮތްއިރު އެމަނިކުފާނަށް މިހާރު އިތުބާރު ކުރައްވަނީ ކީއްވެތޯ ސުވާލުކުރުމުން އަދުރޭ ވިދާޅުވި ގޮތުގައި ގައުމަށް ގެއްލުމެއް ވާ ހާލަތުގައި ސަރުކާރުން ގާސިމް ނުކުމެވަޑައިގަންނަވާކަން ކުރިން ވެސް ވަނީ ފެނިފަ އެވެ.

އަދުރޭގެ އިތުރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވެސް ގާސިމަށް ތައުރީފު ކުރައްވައި ވާހަކަ ދެއްކެވި އެވެ.

ގާސިމަށް ތައުރީފު ކުރައްވައި ޕީޕީއެމް/ކޮންގްރެސް ޕާޓީގެ އިސްބޭފުޅުން ވާހަކަ ދައްކަވާއިރު، އޭޕްރީލް މަހު ބާއްވާ އާންމު އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާ ބައެއް ދާއިރާތައް ޕީޕީއެމަށް އަދި ޕީޕީއެމުން ކުރިމަތިލާ ބައެއް ދާއިރާތައް ޖުމްހޫރީ ޕާޓީ އަށް ދޫކޮށްލަން އެެއްބަސްވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި ގާސިމް ވިދާޅުވަމުން ގެންދަނީ ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. ޚާއްސަކޮށް އެއްވެސް ޕާޓީއަކަށް މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް ދިނުމާ ގާސިމް ދެކޮޅެވެ.