Roadha Mihaaru
"ކޯޓަށް ނުފޫޒު ފޯރުވާ މީހުންނަށް ފިޔަވަޅު އަޅަންޖެހޭ"

މިނިވަން ފަނޑިޔާރުގެއެއް ބޭނުން ނަމަ ނުފޫޒުތަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ: އުއްތަމަ ފަނޑިޔާރު

19 ފެބުރުއަރީ 2019

މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް ބޭނުން ނަމަ ކޯޓުތަކާއި ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް ބޭނުން ނަމަ ކޯޓުތަކާއި ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

"ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑެޕެންޑެންސް އެންޑް ރިފޯމް" އިފްތިތާހު ކޮށްދެއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ "މިނިވަން ފަނޑިޔާރުގެއެއް ގާއިމުކުރަން ބޭނުން ނަމަ" ސިޔާސީ ޕާޓީތަކާއި ނުފޫޒު ފޯރުވަން އުޅޭ ފަރާތްތަކަށް ފިޔަވަޅު އަަޅަންޖެހޭ ކަމަށެވެ.

"... މިނިވަން ފަނޑިޔާރުގެއެއް ގާއިމުކުރަން ބޭނުން ނަމަ މި ދެންނެވި ފަދަ ފަރާތްތަކުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތްތައް ޗެކް ކުރެވި އެފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ތަފާތު ކުރުމެއް، އިސްތިސްނާ ކުރުމެއް ނެތި، ގާނޫނުގެ ތެރެއިން އަދުލުވެރި ފިޔަވަޅުތައް ވެސް އެޅޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ ފެންވަރަށް، ފަނޑިޔާރުންނަށް ވެސް ރައްކާތެރިކަން ލިބިގެންވާ ޝަރުއީ ނިޒާމެއް ބިނާކޮށްފައި އޮތް ނަމަ ނުފޫޒުތަކުން ފަނޑިޔާރުން ސަލާމަތްވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"މި ދެންނެވި ގޮތުގެ މަތިން މިނިވަން ފަނޑިޔާރުގެއެއް ގާއިމުކުރެވިފައި އޮންނަ ނިޒާމެއްގައި ނަމަ އެކިއެކި ނުފޫޒުތަކާއި ފިއްތުންތަކާއި ބިރުދެއްކުންތަކުން ފަނޑިޔާރުންނަށް ރައްކާތެރިކަމާއި ހިމާޔަތް ލިބިދެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެ ދާއިރާއަށް މާއްދީ އަދި މާލީ ވަސީލަތްތައް ވެސް ބޭނުންވާކަން އުއްމަތަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

މިއަދުގެ ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިއަދުގެ ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މާއްދީ އަދި މާލީ ވަސީލަތްތައް ހޯދުމަށްޓަކައި ފަނޑިޔާރުގެއިން ސަލާންޖަހަން ޖެހޭ އުސޫލެއް އޮންނަހައި ހިނދަކު ވެސް" މިނިވަން ފަނޑިޔާރުގެއެއް ބިނާކުރަން އުނދަގޫވާނެ ކަމަށް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ޖުޑިޝަރީން ކުރާ މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަދި ޝަރުއީ ދާއިރާގެ ފަރާތުން މި ދާއިރާ އިސްލާހުކޮށް ފަނޑިޔާރުންގެ މިނިވަންކަން ރައްކާތެރި ކުރުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ އުއްމީދުގައި އަޅުގަނޑުމެން އެންމެން ތިބި ވާހަކަ މި ފުރުސަތުގައި ދަންނަވަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވިސްނުމުގައި މިނިވަން ފަނޑިޔާރުގެއަކީ ކޮބައިކަން ވެސް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެދެއްވައިފަ އެވެ.

"ފަނޑިޔާރުގެ މިނިވަންވުމަކީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ އަދި ފަޑިޔާރު ބަލާ ކޮންމެ މައްސަލައެއްގައިމެ ހަސްމުން ހުށަހަޅާ ހެކިތަކާއި ގަރީނާތަކަށް ބުރަވެ އެ މައްސަލައެއްގެ ވާގިއާތަކާއި އެ މައްސަލައާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެން ފަނޑިޔާރުގެ އަމިއްލަ އަދި ފުރިހަމަ އިހްތިޔާރުގައި އޭނާގެ އިލްމާއި އިޖްތިހާދުން އޭނާގެ ބުއްދި އާއި ޒަމީރު މަގު ދައްކާ ގޮތެއްގެ މަތިން އަދުލުވެރިކަމާއި އިންސާފާއެކު ނިންމުންތައް ނިންމައި ފިޔަވަޅު އެޅުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ޖުޑީޝަލް ރިފޯމާ ގުޅޭ ކޮންފަރެންސް މިއަދާއި މާދަމާ ކުރިއަށްދާނެ އެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ކަމާ ގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން ޖުޑީޝަލް އިޔާ 2019 އިފްތިތާހު ކުރުމަށް ރޭ ވެސް ވަނީ ހަފްލާއެއް ބާއްވައިފަ އެވެ.