Roadha Mihaaru
ގިނަ ކުދިންނަށް ކާނާ ދެވޭ ގޮތް ރަނގަޅެއް ނޫން: ސާވޭ

ގިނަ ކުދިންނަށް ކާނާ ދެވޭ ގޮތް ރަނގަޅެއް ނޫން: ސާވޭ

17 ފެބުރުއަރީ 2019

ރާއްޖޭގެ ތުއްތު ކުދިންގެ ތެރެއިން 50 ޕަސެންޓް ކުދިންނަށް ކާނާ ދެވެނީ ސިއްހީ ގޮތުން އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ތުއްތު ކުދިންގެ ތެރެއިން 50 ޕަސެންޓް ކުދިންނަށް ކާނާ ދެވެނީ ސިއްހީ ގޮތުން އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

ހެލްތު މިނިސްޓްރީން 2016-2017 ގައި ކުރި ސާވޭއިން ދައްކާ ގޮތުން އުމުރުން ހަ މަހާއި 23 މަހާއި ދެމެދުގެ ތުއްތު ކުދިންގެ ދެބައިކުޅަ އެއްބަޔަށް ގާތުން ދިނުމާއި ކާނާ ދިނުމުގައި އަަމަލު ކުރެވޭ ގޮތް ރަނގަޅެއް ނޫނެވެ. އޭގެތެރެއިން ރަނގަޅު ނޫން އެއް ކަމަކީ އަވަސް އަަވަހަށް ކާން ނުދޭ ކަމެވެ. އަދި އަނެއް ކަމަކީ ކާނާގައި ހިމަނަން ޖެހޭ މުހިއްމު ހުރިހާ ބައިތަކެއް ނުހިމެނުމެވެ.

"މޯލްޑިވްސް ޑިމޮގްރެފިކް ހެލްތު ސާވޭ 2016-17" ގެ ނަމުގައި ކުރި ސާވޭއިން ދައްކާ ގޮތުގައި އެ އުމުރުގެ ކުދިންގެ ތެރެއިން އެކަށީގެންވާ ބައިތަކާ އެކު ކާނާ ދެވެނީ ހަތަރުބައިކުޅަ ތިންބައި ކުދިންނަށެވެ. އަދި އެ އުމުރުގެ ކުދިންނަށް ކާންދޭން ޖެހޭ ވަގުތުތަކުގައި ކާން ދެވެނީ 70 ޕަސެންޓް ކުދިންނަށެވެ.

ކާން ދިނުމުގެ އާދަ ރަނގަޅު ނުވުމުގެ ސަބަބުން ކުރިމަތިވާ ބައެއް މައްސަލަތައް ސޭވޭގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ.

ލޭ ދަށްވުން

ރާއްޖޭގައި ތުއްތު ކުދިންނަށް ކާން ދިނުމުގެ އާދަތައް ރަނގަޅު ނުވުމުގެ ނަތީޖާއަކީ، ސާވޭއިން ދައްކާ ގޮތުން ނަމަ ލޭގައި ހިމަގްލަބިން އެކުލެވޭ މިންވަރު ދަށްވުމެވެ. އެގޮތުން އުމުރުން ހަ މަހާއި 23 މަހާ ދެމެދުގެ ކުދިންގެ ދެބައިކުޅަ އެއް ބަޔަކީ ލޭގައި އެކަށީގެންވާ މިންވަރަށް ހިމޮގްލަބިން ނެތް" އެނީމިއާ" ހުރި ކުދިންނެވެ.

ލޭ ދަށްވުމުގެ މައްސަލަ އޮތީ ހަމައެކަނި ކުޑަކުދިންނަކަށް ނޫނެވެ. އެ މައްސަލަ އަންހެނުންގެ މެދުގައި ވެސް ވަރަށް ބޮޑަށް އޮންނަ ކަމަށް ރިޕޯޓްގައި ވެ އެވެ. އެގޮތުން އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ 63 ޕަސެންޓަކީ "އެނީމިއާ" ހުރި މީހުންނެވެ.

ހެދި ބޮޑުވުން ރަނގަޅެއް ނޫން

ސާވޭއިން އެނގިފައިވާ ގޮތުގައި އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެެއިން 15 ޕަސެންޓް ކުދިންނަކީ އުމުރާ އެކަށީގެންވާ އިސްކޮޅެއް ނެތް ކުދިންނެވެ. އެ އުމުރުގެ ކުދިންގެ 15 ޕަސެންޓް ކުދިންނަކީ އުމުރާ އެކަށީގެންވާ ބަރުދަނެއް ވެސް ނެތް ކުދިންނެވެ.

ނަމަވެސް އެ އުމުރުގެ ކުދިންގެ ތެރެއިން ފަސް ޕަސެންޓް ކުދިންނަކީ އެކަށީގެންވާ ވަރަށް ވުރެ ބަރު ކުދިން ކަމަށް ވެސް ސާވޭއިން ދައްކަ އެވެ.

ބޮޑެތި މީހުން ފަލަ

ސާވޭއިން ދައްކާ ގޮތުގައި 15-49 އުމުރުގެ އަންހެނުންގެ ތެރެއިން ދެބައިކުޅަ އެއްބަޔާއި އެ އުމުރުގެ ފިރިހެނުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މީހުންނަކީ ސިއްހީ ގޮތުން ރައްްކާތެރި ނޫން މިންވަރަކަށް ފަލަވެފައިވާ މީހުންނެވެ.

ޑިމޮގްރަފިކް ހެލްތު ސާވޭ އަކީ އާބާދީގެ ސިއްހީ ހާލަތު ދެނެގަތުމަށް ކޮންމެ ފަސް އަހަރަކުން ނުވަތަ އެ ގައުމަކުން ކަނޑައަޅާ މުއްދަތުގެ ދުރުމިނެއްގައި ކުރާ ސާވޭ އެކެވެ. ރާއްޖޭގައި މިފަހަރުގެ ސާވޭގެ ކުރިން މިފަދަ ސާވޭއެއް ކޮށްފައި ވަނީ 2009 ވަނަ އަހަރު އެވެ. އެ ސާވޭ ކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި އާއި އދ.ގެ އެހެން ބައެއް އެޖެންސީތަކުން ރާއްޖެ އަށް އެހީތެރިވެދިނެވެ.

އެ ސާވާގެ ރިޕޯޓް އާއްމު ކުރީ މިދިޔަ ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރިޕޯޓް ނެރެދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.