Roadha Mihaaru
އެމެރިކާގެ ކުޑަކުދިންނަށް ވާގިނެތޭ ބައްޔެއް ޖެހެނީ

އެމެރިކާ، ކެނެޑާގެ ކުޑަކުދިންނަށް ވާގިނެތޭ ބައްޔެއް ޖެހެނީ

29 ނޮވެމްބަރ 2018

މަދުން ނޫނީ ނުފެންނަ، ޕޯލިއޯ ކަހަލަ ބައްޔަކަށް ފަރުވާ ހޯދާތާ ތިން މަހެއްހާ ދުވަސް ފަހުން ޒޭވިއާ ޑައުންޓަން މިހާރު ހުރީ ގޭގަ އެވެ. އޭނާ އަންނަނީ އެނބުރި ސްކޫލަށް ދާން ތައްޔާރުވަމުންނެވެ. އެކަމަކު ކެނެޑާގެ އޮންޓަރިއޯގައި ދިރިއުޅޭ ހަތަރު އަހަރުގެ ޒޭވިއާގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ޒޭވިއާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ އާއިލާ އިން ހީކުރީ ވައިރަލް ހުމެއް އައިސްގެން އުޅެނީ ކަމަށެވެ. މިހާރު، އޭނާ އިންނަނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

މަދުން ނޫނީ ނުފެންނަ، ޕޯލިއޯ ކަހަލަ ބައްޔަކަށް ފަރުވާ ހޯދާތާ ތިން މަހެއްހާ ދުވަސް ފަހުން ޒޭވިއާ ޑައުންޓަން މިހާރު ހުރީ ގޭގަ އެވެ. އޭނާ އަންނަނީ އެނބުރި ސްކޫލަށް ދާން ތައްޔާރުވަމުންނެވެ. އެކަމަކު ކެނެޑާގެ އޮންޓަރިއޯގައި ދިރިއުޅޭ ހަތަރު އަހަރުގެ ޒޭވިއާގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ޒޭވިއާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ އާއިލާ އިން ހީކުރީ ވައިރަލް ހުމެއް އައިސްގެން އުޅެނީ ކަމަށެވެ. މިހާރު، އޭނާ އިންނަނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ.

ވާގި ނެތުމުގެ ސަބަބުން މި ވަގުތު ނުހިނގުނަސް ޒޭވިއާގެ ޑޮކްޓަރުންނާއި ތެރަޕިސްޓުން ގަބޫލުކުރަނީ އެއީ ވަގުތީ ކަމެއް ކަމަށެވެ. އެހެންވެ އޭނާގެ މައިންބަފައިން ތިބީ، ޒޭވިއާ އަށް އަނެއްކާވެސް ހިނގައި ދުވެ އުޅެވޭނެ ދުވަހެއް އަންނާނެ ކަމުގެ އުއްމީދުގަ އެވެ.

މައިބަދަ ދުޅަވުމުގެ ސަބަބުން ކުއްލިއަކަށް ގުނަވަންތަކުގެ ބާރު ދަށްވެގެންދާ މި ބައްޔަކީ އެކިއުޓް ފްލެސިޑް މައިލައިޓިސް، ނުވަތަ އޭއެފްއެމް އެވެ. ޕޯލިއޯއާ އެއްގޮތް ބައްޔެއްގެ ގޮތުގައި ސިފަކުރެވިފައިވާ އޭއެފްއެމް އެމެރިކާގެ 116 ކުއްޖަކަށް މި އަހަރު ތެރޭ ޖެހިފައިވާ ކަން އެ ގައުމުގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މި ހަފްތާގައި ވަނީ ޔަގީންކޮށްދީފަ އެވެ.

އެމެރިކާގެ 31 ސްޓޭޓަކުން މިފަދަ 280 އަށް ވުރެ ގިނަ ކޭސް ސީޑީސީ އަށް މި އަހަރު ރިޕޯޓްކޮށްފައިވާ އިރު މިދިޔަ އަހަރު މި ބަލި ކަށަވަރުވި އަދަދު އުޅުނީ 33ގަ އެވެ. އެއީ 16 ސްޓޭޓަކުންނެވެ. އަދި ކެނެޑާގައި މި އަހަރު މި ބަލި 25 ކުއްޖަކަށް ޖެހުނުކަން ކަށަވަރުވެ، ޝައްކުކުރެވޭ އިތުރު 23 ކުއްޖެއްގެ ކޭސް އެ ގައުމުގެ ޕަބްލިކް ހެލްތު އޭޖެންސީން އަންނަނީ ދިރާސާކުރަމުންނެވެ.

އޭއެފްއެމް ޖެހެނީ ކީއްވެގެންކަން ހޯދިފައެއް ނުވެ އެވެ. ސީޑީސީ އިން ބުނާގޮތުގައި މި ބަލި ޖެހިފައިވާ މީހުންގެ 90 ޕަސެންޓަށް އެންމެ ފުރަތަމަ ތަޖުރިބާކުރެވިފައިވާ އަލާމާތްތަކަކީ ނޭވާލާން ކުޑަކޮށް އުނދަގޫވުމާއި ވައިރަލް އިންފެކްޝަނަކުން ޖެހޭ ފަދަ ހުމެކެވެ.

ބޮޑެތި މީހުންނަށް ވުރެ ގިނައިން މި ބަލި ޖެހިފައި ވަނީ ކުޑަކުދިންނަށެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ ކުޑަކުދިންނަށް ވައިރަލް އިންފެކްޝަން ޖެހުން ފަސޭހަވެފައި އާއްމުވުމެވެ. މި ގޮތަށް ބަލިވެފައި ގިނަ މީހުން ރަނގަޅު ވިޔަސް މަދު ބަޔަކަށް އޭއެފްއެމްއާ ކުރިމަތިލާން ޖެހި ވާގިނެތެނީ ކީއްވެގެން ކަމެއް ކަމާ ބެހޭ މާހިރުންނަކަށް ނޭނގެ އެވެ. ސީޑީސީ އިން ބުނާ ގޮތުގައި އެ އޭޖެންސީން ދަނީ އެކަން ހޯދަން މަސައްކަތްކުރަމުންނެވެ.