Roadha Mihaaru
ރާއްޖޭގައި ޑޮކްޓަރުކަން ވެސް ހިލޭ ކިޔަވައިދެނީ

ރާއްޖޭގައި ޑޮކްޓަރުކަން ވެސް ހިލޭ ކިޔަވައިދެނީ

14 ފެބުރުއަރީ 2019

ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު، ޑޮކްޓަރުކަން ވެސް ކިޔެވޭނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު، ޑޮކްޓަރުކަން ވެސް ކިޔެވޭނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު، މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހުޅުވައިލި ޖާގައިގެ ތެރެއިން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި އެމްބީބީއެސް ފެންވަރަށް ކިޔަވާ ދަރިވަރުންނަށް ވެސް އެ ފުރުސަތު ދޭނެ ކަމަށެވެ.

އެ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވައިދޭން ފެށީ މިިދިޔަ އަހަރު ކަމަށް ވިޔަސް، މި އަހަރުން ފެށިގެން އެ ދަރިވަރުންގެ ކޯހުގެ ޓިއުޝަން ފީ ދައްކައިދޭނީ ސަރުކާރުންނެވެ.

ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދެމުން އަންނަ ހަމައެކަނި ޔުނިވާސިޓީގައި މިހާރު 22 ދަރިވަރަކު އަންނަނީ ކިޔަވަމުންނެވެ. ފަސް އަހަރުގެ މުއްދަތަކަށް ހިންގާ އެ ކޯހުގެ ކޮންމެ ދަރިވަރެއްގެ ފީ އަށް އަހަރެއްގެ މައްޗަށް 123،000ރ. އަރަ އެވެ. އެއީ އަހަރެއްގެ މައްޗަށް 8،000 ޑޮލަރެވެ.

ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމަށްވާ އެމްއެންޔޫ އަދި އިސްލާމިކް ޔުނިވާސިޓީގައި ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންގެ ކޯސް ފީ ސަރުކާރުން ދައްކާނެ އެވެ. ނަމަވެސް އަމިއްލަ ކޮލެޖްތަކުގެ ޑިގްރީ ޕްރޮގްރާމްތަކަށް ސަރުކާރު ދައްކައިދޭނީ ކޯސް ފީގެ ބޮޑު ބައެކެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް މި އަހަރު 156 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.