Roadha Mihaaru
ވީލްޗެއާގައި ދުނިޔެ ބަލައިލުމުގެ ދަތުރުގައި ރާއްޖެއަށް

ވީލްޗެއާގައި ދުނިޔެ ބަލައިލުމުގެ ދަތުރުގައި ރާއްޖެއަށް

18 ފެބުރުއަރީ 2019

"އަހަންނަށް މިކަން ވަންޏާ މިކަން ނުވާނެ އެއްވެސް މީހަކު ނުހުންނާނެ. ބޭނުންވަނީ އެކަން ކުރާނެ ހިތްވަރު،" ފުރޮޅީ ގޮނޑިއެއްގައި އިން، ޕްވިންދަ ޗަވްލާ (ޕައްމޫ) ހިނިތުންވުމާ އެކު ބުނެލި އެވެ. އޭނާ އެ ބުނަނީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރުމުގެ ވާހަކަ އެވެ. އެހާ އުފާވެރިކަން ގެނެސްދޭ ކަމެއްގައި، އެއްވެސް ބަޔަކު ޖެހިލުންވާން ޖެހޭ ސަބަބެއް ނެތް ވާހަކަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

"އަހަންނަށް މިކަން ވަންޏާ މިކަން ނުވާނެ އެއްވެސް މީހަކު ނުހުންނާނެ. ބޭނުންވަނީ އެކަން ކުރާނެ ހިތްވަރު،" ފުރޮޅީ ގޮނޑިއެއްގައި އިން، ޕްވިންދަ ޗަވްލާ (ޕައްމޫ) ހިނިތުންވުމާ އެކު ބުނެލި އެވެ. އޭނާ އެ ބުނަނީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރުމުގެ ވާހަކަ އެވެ. އެހާ އުފާވެރިކަން ގެނެސްދޭ ކަމެއްގައި، އެއްވެސް ބަޔަކު ޖެހިލުންވާން ޖެހޭ ސަބަބެއް ނެތް ވާހަކަ އެވެ.

ޕައްމޫ އޭރު އިނީ ހުޅުމާލޭގައި ހުރި އެޕާޓްމަންޓެއްގަ އެވެ. މިފަހަރު އޭނާއަށް މެހެމާންދާރީ އަދާކުރީ ދިވެހި އާއިލާއަކުންނެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރުމުގެ ހުވަފެން ދެކެމުން އަންނަ، އިންޑިއާގެ ބޮމްބޭއަށް އުފަން، 49 އަހަރުގެ ޕައްމޫ ޒިޔާރަތްކުރި 31 ވަނަ ގައުމެވެ.

އުމުރުން 15 އަހަރުގައި ރިއުމަޓޮއިޑް އާތްރައިޓިސް ބައްޔާ އެކު އޭނާގެ ހަޔާތް މުޅިންހެން ބަދަލުުވީ އެވެ. ސްކޫލް ދުވަސްވަރު ނެށުމާއި ކުޅިވަރު ހަރަކާތްތަކުގައި އުޅުނު ޕައްމޫ އެކަންކަމުން ވެސް މަހުރޫމުވީ އެވެ. ކޮލެޖު ދުވަސްވަރު އޭނާގެ ހާލަތު އިތުރަށް ގޯސްވި އެވެ. އެއާ އެކު އަތުންފައިން މަސައްކަތް ނުކުރެވޭ ވަރަށް އެ ބަލީގެ ޝިކާރައަކަށް ގުނަވަންތައް ވި އެވެ. އެކަމަކު އޭނާގެ ލަނޑުދަނޑިތައް ހާސިލްކުރަން އެއިން އެއްވެސް ކަމެއް ހުރަހަކަށް ނުވި އެވެ.

ހިތްހެޔޮ ދިވެހިން

ތިން ދުވަހުގެ ޗުއްޓީއެއްގައި އޭނާ ރާއްޖެ އައީ މި މަހު 10 ގަ އެވެ. ކުރިމަތިވެދާނެ އުނދަގޫތަކަށް އޭނާ ހުރީ ތައްޔާރަށެވެ. އޭނާ ބުނި ގޮތުގައި ރާއްޖެ އައުމުން ފެނުނީ ދިވެހިންގެ ހިތްތިރިކަމާއި އޯގާތެރިކަމާއި ހިތްހެޔޮކަމެވެ. ތިން ދުވަހުގެ ތެރޭގައި ދިމާވި ކޮންމެ ދިވެއްސެއް ވެސް އޭނާގެ ގާތް އެކުވެރިއަކަށް ވަނީ ވެފަ އެވެ. އަދި އޭނާގެ ވާހަކަ އޮޅުންފިލުވައި، ދަތުރު ކުރުމާއި ތަންތަނުގެ މައުލޫމާތު ދިނުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ.

ޕައްމޫ ވަނީ މިޙާރު 31 ގައުމަށް ޒިޔާރަތްކޮށްފައި. ބޭނުންވަނީ މުޅި ދުނިޔެ ބަލައިލަން--ފޮޓޯ:ނިޝާން އަލީ/މިހާރު

ޕައްމޫ ވަނީ މިޙާރު 31 ގައުމަށް ޒިޔާރަތްކޮށްފައި. ބޭނުންވަނީ މުޅި ދުނިޔެ ބަލައިލަން--ފޮޓޯ:ނިޝާން އަލީ/މިހާރު

ޕައްމޫ އެންމެ ފުރަތަމަ ދަތުރު ކުރަން ހިތްޖެހުނީ ރައްޓެހިންނާ އެކު ޖައްމު ކަޝްމީރުގެ ޖުލްމާޖަށް ދިޔަ ދަތުރުގަ އެވެ. އޭނާގެ ނުކުޅެދުންތެރިކަމުގެ ހާލަތުގައި، ކޮލެޖުގެ ރައްޓެހިންނާ އެކު، ދާން އޭނާ ޖެހިލުން ވެސް ވި އެވެ. ނަމަވެސް ރައްޓެހިންގެ އެހީތެރިކަމާ އެކު އުސް ފަރުބަދަތައް މައްޗަށް އަރައިގެން އެކުރި ތަޖުރިބާ އަކީ އޭނާ އަށް ދުނިޔޭގެ އެހެން ތަންތަން ބަލައިލަން ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

ދެން އޭނާ ބެލީ ދުނިޔޭގެ އެކި ގައުމުތަކަށް އެކަނި ދަތުރުކުރާށެވެ. އެގޮތުން އެކި ޓްރެވެލް އޭޖެންސީތަކާ ގުޅައިގެން މަސައްކަތް ފެށި އެވެ. ވީލްޗެއާގައި އިންނަ މީހެއް ދަތުރު ކުރާ ނަމަ އެހެން މީހަކު އެހީތެރިޔަކަށް ދާން ޖެހޭނެ ކަމަށް، އޭނާ ގުޅި، ކޮންމެ އޭޖެންސީއަކުން ވެސް ބުންޏެވެ.

ޕައްމޫ ދިވެހި ބައެއް ކެޔުންތައް ތަޖުރިބާ ކުރަނީ --ފޮޓޯ:ނިޝާން އަލީ/މިހާރު

ޕައްމޫ ދިވެހި ބައެއް ކެޔުންތައް ތަޖުރިބާ ކުރަނީ --ފޮޓޯ:ނިޝާން އަލީ/މިހާރު

އެތައް ވާހަކައެއް ދައްކައިގެން އެންމެ ފަހުން އޭނާގެ ދަތުރުގެ ކަންކަން ހަމަޖައްސައި ދިނުމަށް އެއްބަސްވީ، އިންޑޮނީޝިއާގެ ބާލީގެ އޭޖެންސީއަކުންނެވެ. ބާލީއަށް ދިޔަ ދަތުރުގައި ކަންކަން ކުރަން މާ ބޮޑު އުނދަގުލެއް ކުރިމައްޗެއް ނުވެ އެވެ. ހަމައެކަނި ހޮޓެލް ރިސެޕްޝަންގެ އެހީތެރިކަން ހޯދީ ކަރަންޓު ބޯޑުތައް މާ ތިރީގައި ހުރުމުން ވީލްޗެއާ ޗާޖުކުރަން އުނދަގޫވެގެން، އެކަމަށެވެ. ހޮޓަލުގެ މުވައްޒަފުން އެކަން ކޮށްދިނެވެ.

"އެކަނި ދަތުރުކުރަން ވިސްނީ އެހެން މީހަކު ގޮވައިގެން ދާ ނަމަ އަހަންނަށް މިނިވަންކަމާ އެކު ބޭނުންވާ ތަންތަނަށް ގޮސް ނޫޅެވޭނެތީ. އަދި އެމީހާއަށް ވެސް ކުރަން ޖެހޭ ހުރިހާ ހަރަދެއް އަހަރެން ކުރަން ޖެހޭނެ،" އާއިލާގެ ވިޔަފާރިން އޭނާއަށް ލިބޭ އާމްދަނީގައި ދަތުރުކުރަމުން އަންނަ ޕައްމޫ ބުންޏެވެ.

ޕައްމޫ ވެނިސްގައި ނަގާފައިވާ ފޮޓީއެއް: ތަފާތު ސަގާފަތްތައް ދެކެން ބޭނުންވޭ --ފޮޓޯ:ޕަރްވިންދަ ޗަވްލާ

ޕައްމޫ ވެނިސްގައި ނަގާފައިވާ ފޮޓީއެއް: ތަފާތު ސަގާފަތްތައް ދެކެން ބޭނުންވޭ --ފޮޓޯ:ޕަރްވިންދަ ޗަވްލާ

ހަމައެކަނި އުފާވެރި ތަޖުރިބާތަކެއް ނޫން

ހަމައެކަނި އުފާވެރި ތަޖުރިބާތަކެއް ނޫނެވެ. ވަރަށް ހިތި ތަޖުރިބާތައް ވެސް އޭނާއަށް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން ފިލުވާލަން އެންމެ އުނދަގޫ ހަނދާންތަކާ ގުޅިފައިވަނީ ޗައިނާއަށް ކުރި ދަތުރެވެ. އެ ދަތުރުގައި އޭނާ ހުން އައިސް ބަލި ވުމާއި، މީހުންގެ މުއާމަލާތްތަކުން ބޮޑު އުނދަގުލެއް ކުރިމަތިވި ކަމަށް ބުންޏެވެ.

އެ ދަތުރުގައި އެންމެ ފުރަތަމަ ޓްރެވެލް އޭޖެންސީ މެދުވެރިކޮށް ބުކްކުރި ގެސްޓް ހައުސް އަކީ ހަލާކުވެ ވީރާނާ ވެފައި ހުރި އިމާރާތެކެވެ. ޗައިނާ ބަސް އޭނާއަށް ނޭނގުމުންނާއި ޗައިނާގެ އާންމުންނަށް އިނގިރޭސި ނޭނގޭތީ ޓެކްސީ ޑްރައިވަރާ މުއާމަލާތް ކުރާނެ ގޮތެއް ވެސް ނުވިސްނުނެވެ. އެކަމަކު ބުކްކުރި ގެސްޓް ހައުސް ކައިރިއަށް ދެވުނީ އެހާ ދަން ގަޑިއެއްގައި ކަމުން އަނެއްކާ ޓެކްސީން ފައިބައިގެން ދާނެ ތަނެއް ވެސް ނެތެވެ.

ޓެކްސީ ޑްރައިވަރު އަތުގެ އިޝާރާތުން އެތައް ފަހަރަކު އެންގީ ޓެކްސީން ފޭބުމަށެވެ. ނަމަވެސް އޭނާ ޓެކްސީގައި މަޑުކުރީ އެވެ. އެންމެ ފަހުން އާއިލާގެ މީހުންނަށް ވެސް ގުޅި އެވެ. ޗައިނާއަށް ދިޔައީ ޓްރާސްލޭޓްކޮށްދޭ އެޕެއް ފޯނަށް އަޅައިގެން ނަމަވެސް ޗައިނާގައި ގޫގުލް މަސައްކަތް ނުކުރާތީ އެ އެޕް ވެސް ބޭނުމެއް ނުކުރެވުނެވެ.

ޕައްމޫ ކެނެޑާއަށް ދިޔަ ދަތުރުގެ ތެރެއިން: ކޮންމެ ގައުމެއް ވެސް އެހާ ތަފާތު --ފޮޓޯ:ޕަރްވިންދަ ޗަވްލާ

ޕައްމޫ ކެނެޑާއަށް ދިޔަ ދަތުރުގެ ތެރެއިން: ކޮންމެ ގައުމެއް ވެސް އެހާ ތަފާތު --ފޮޓޯ:ޕަރްވިންދަ ޗަވްލާ

އެންމެ ފަހުން އަތުގެ ހަރަކާތުންނާއި މަގުމަތިން ދިޔަ އެހެން މީހެއްގެ އެހީގައި، ޓެކްސީ ޑްރައިވަރަށް އޭނާއަށް ކުރިމަތިވެގެން އުޅޭ މައްސަލަ ރޭކާލި އެވެ. ދެން އެ ޓެކްސީގައި އޭނާ އެހެން ގެސްޓް ހައުސްއަކަށް ގެންގޮސްދިނެވެ.

އިޓަލީގެ ރޯމަށް ދިޔަ ދަތުރުގައި ޕައްމޫއާ އެކު ރޫމް ޝެއާކުރި މީހެއްގެ ފަރާތުން ދިމާވީ އަދި އެހެން މައްސަލައެކެވެ. އޭނާގެ އަތުން 400 ޔޫރޯ ވަގަށް ނެގީ އެވެ. އެއީ އެތެރޭގެ ދަތުރުފަތުރަށް އޭނާ ހާއްސަކުރި ފައިސާކަމުން އޭނާއަށް އެންމެ ފަހުން ޖެހުނީ މީހެއްގެ އެހީއަށް އެދޭށެވެ.

މިފަދަ ކަންކަން ކުރިމަތިވިޔަސް ދުނިޔޭގެ އެކި ގައުމުތަކާއި އެކި މީހުންގެ ދިރިއުޅުމާއި ސަގާފަތުގެ ތަފާތު ފެނުމުން ޕައްމޫއަށް ލިބެނީ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ.

"ކޮންމެ ދަތުރަކުން ވެސް އޭންޖަލްއަކާ ދިމާވޭ. އެހީތެރިވެދޭ މީހުންނާ ގިނައިން ދިމާވަނީ. ކޮންމެ ދަތުރެއްގައި ވެސް ހަނދާނުން ނުފިލާ އެތައް ކަމެއް ދިމާވޭ،" އޭނާ ކިޔައިދިނެވެ.

ވީލްޗެއާގައި އުޅެން ދުބާއީ ވަރެއް ނެތް

ޕައްމޫ މިހާތަނަށް ދަތުރު ކުރި ގައުމުތަކުގެ ތެރެއިން ދުއްވާ ގޮނޑިއެއްގައި އެކަނިމާއެކަނި އުޅެން އެންމެ ފަސޭހައީ ދުބާއީ އެވެ.

Wheel Chair And Eye - Wheelchair and EYE

Wheel Chair And Eye - Wheelchair and EYE

Wheelchair and EYE

ޕައްމޫގެ ދަތުރުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރާ ބްލޮގް

"ބައެއް ތަންތަނުގައި ރޭމްޕް ނުހުންނާތީ މީހުންގެ އެހީއަށް އެދެން ޖެހޭ. އެކަމަކު ދުބާއީގެ ހުރިހާ ތަނެއް ހެން ހުންނަނީ ނުކުޅެދޭ މީހުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް. އޮސްޓްރޭލިއާ އަކީ ވެސް ވީލްޗެއާގައި ދަތުރުކުރަން ފަސޭހަ ގައުމެއް،" ޕައްމޫ ބުންޏެވެ.

ދަތުރު ކުރުމުގައި އާ ކަންކަން ތަޖުރިބާ ކުރަން އޭނާ ބޭނުންވެ އެވެ. އެގޮތުން މިހާރު އެންމެ ބޮޑު އެއް އުއްމީދަކީ ޑައިވިންއަށް ދިއުމެވެ. މީގެ ކުރިން އޭނާ ވަނީ ތައިލެންޑުން ޕެރެގްލައިޑިންނާއި އެކުއޭޓޯގައި ޒިޕްލައިނިން ފަދަ ކަންކަން ތަޖުރިބާކޮށްފަ އެވެ.

ޕައްމޫ ހަމައެކަނި ދަތުރެއްކޮށްލާފައި ނިންމާލަނީއެއް ނޫނެވެ. އޭނާގެ ތަޖުރިބާތައް އަމިއްލަ ބްލޮގު މެދުވެރިކޮށް ގެންދަނީ ކިޔައިދެމުންނެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޭނާގެ އެ ލިއުންތަކަކީ ހިތްވަރަކަށް ވާނެ އެވެ.

އެންމެ 31 ގައުމުން އޭނާގެ މި ދަތުރު ނިންމާލާކަށް ބޭނުމެއް ނުވެ އެވެ. އޭނާގެ އަޒުމަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ދަތުރުކުރުމެވެ. އެއީ ނުވާނެ ކަމެއް ނޫނޭ، ޕައްމޫގެ މާޒީއަށް ބަލާއިރު، އެކަކަށް ވެސް ނުބުނެވޭނެ އެވެ. އަދި ހުޅުމާލެ އިން ދިމާވި ކަހަލަ ރަހުމަތްތެރިންނާ ބައްދަލުވަންޏާ އޭނާއަށް އޮތީ ހިތްވަރުކުރުމެވެ.