Roadha Mihaaru
ކަންބޮޑުވުން ގިނަ އިސްލާހުތަކަކާ އެކު ޗުއްޓީއަށް

މަޖިލިހުގެ ދެ ވަނަ ދައުރު: މަސައްކަތް މަދު، ކަންބޮޑުވުން ގިނަ

27 އޯގަސްޓް 2016

މި އަހަރު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތް ގާތްގަނޑަކަށް ނިމުނު އިރު ފާހަގަކުރެވުނު އެއް ކަމަކީ ރައްޔިތުންގެ އަސާސީ ހައްގުތަކެއް ވަރަށް ބޮޑަށް ހަނިކުރި ބިލްތަކެއް ފާސްކުރިކަމެވެ. ސަރުކާރުގެ ކޮންޓްރޯލް އޮތް މަޖިލިހުން އެ ބިލްތައް ފާސްކުރީ އެތައް ބަޔަކު އެކަމާ ދެކޮޅުހަދަމުން ދަނިކޮށް، އެއިން އެއްވެސް އަޑެއް އެހުމެއް ނެތި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތް ގާތްގަނޑަކަށް ނިމުނު އިރު ފާހަގަކުރެވުނު އެއް ކަމަކީ ރައްޔިތުންގެ އަސާސީ ހައްގުތަކެއް ވަރަށް ބޮޑަށް ހަނިކުރި ބިލްތަކެއް ފާސްކުރިކަމެވެ. ސަރުކާރުގެ ކޮންޓްރޯލް އޮތް މަޖިލިހުން އެ ބިލްތައް ފާސްކުރީ އެތައް ބަޔަކު އެކަމާ ދެކޮޅުހަދަމުން ދަނިކޮށް، އެއިން އެއްވެސް އަޑެއް އެހުމެއް ނެތި އެވެ.

ދެވަނަ ދައުރުގެ ޖަލްސާތައް ނިމި މަޖިލިސް ޗުއްޓީއަށް ދާއިރު، ބޭއްވީ 17 ޖަލްސާ އެވެ. އެ ޖަލްސާތަކަށް ހޭދަވީ ގާތްގަނޑަކަށް 45 ގަޑިއިރެވެ. މިއީ މީގެ ކުރިން ބޭއްވި ދެވަނަ ދައުރުގެ ޖަލްސާތަކާ ބަލާއިރު ބޮޑު ތަން މަދު ވަގުތެކެވެ.

މީގެ ކުރީ އަހަރުތަކުގެ ދެވަނަ ދައުރުގައި 25-35 އާ ދެމެދުގެ އަދަދަކަށް ޖަލްސާ ބޭއްވި އެވެ. އެހެންވެ އިދިކޮޅު މެމްބަރުން ސިފަކުރައްވަނީ މި އަހަރުގެ ދެވަނަ ދައުރު ކުރީ ދައުރުތަކާ ބަލާއިރު "ވަނދު ކަމަށެ"ވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

އެ މެމްބަރުން ފާހަގަކުރެއްވި ގޮތުގައި ސަރުކާރާ އިދިކޮޅު ފިކުރުގެ މެމްބަރަކަށް ބިލެއް ހުށަހެޅުމުގެ ފުރުސަތެއް މަޖިލީހަކުން ނުދެ އެވެ. ހަމައެކަނި ހުށަހެޅެނީ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންގެ އިސްލާހުތަކާއި ބިލުތަކެވެ. އެންމެ ކުޑަވެގެން ވަޒީރުން ޖަވާބުދާރީ ކުރުމަށް އޮތް ހަމައެކަނި ބާރަކީ މަޖިލިސް ކަމަށް ވިޔަސް އެންމެ މިނިސްޓަރަކު ވެސް ހާޒިރުކޮށް ސުވާލުކޮށްލުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ޖަލްސާތަކަށް ހޭދަވި ވަގުތު މަދުވިޔަސް، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންގެ ވިސްނުން ތަފާތެވެ. އެ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުންނާ ގުޅުން ހުރި، އުފެއްދުންތެރި މަސައްކަތްތަކެއް މި ދައުރުގައި ވެސް ނިންމި އެވެ. އެގޮތުން ދައުލަތަށް އިތުރު އާމްދަނީ ލިބޭ ގޮތަށް ފާސްކުރި، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ނެގުމުގެ އިސްލާހު، އެ މެމްބަރުން ނަންގަވަނީ މަޖިލިހުގެ ކާމިޔާބީއެއްގެ ގޮތުގަ އެވެ.

މީހަކު ފުރަތަމަ ފަހަރަށް ގަންނަ ފްލެޓުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަކީ ރައްޔިތުންގެ ޖީބަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ. އެކަމަކު އެއީ ސަރުކާރުގެ މެޖޯރިޓީން ކުރިން ފާސްކުރި ގާނޫނެއްގައި ހިމެނި 15 ޕަސަންޓް ޓެކްސް އުވާލަން ހަމަ އެ މެމްބަރުން ގެންނެވި އިސްލާހެކެވެ.

އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ބޭންކުތަކަށް ގޮސް ހިދުމަތް ހޯދަން ދިވެހިންނަށް އެތައް ތަކުލީފުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެ އިސްލާހާ އެކު ހުރިހާ ބިދޭސީން ވެސް ބޭންކް އެކައުންޓެއް ހުޅުވަން ޖެހޭއިރު، އެއް ފަހަރާ އެހާ ގިނަ ބަޔަކަށް ބޭންކުތަކުން ހިދުމަތް ދެވޭނެތޯ އެ މެމްބަރުން ސުވާލު އުފައްދަވަ އެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ފުރަތަމަ ފްލެޓަށް ޓެކްސް މައާފްވާ އިސްލާހުން ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް

ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ފުރަތަމަ ފްލެޓަށް ޓެކްސް މައާފްވާ އިސްލާހުން ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް

ނަމަވެސް ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރު ވާނެ ކަމަށެވެ. އަދި ބޭންކްތަކުން ރައްޔިތުންނަށް ފަސޭހަކަމާ އެކު ހިދުމަތްތައް ދެވޭނެ ފަދަ ގޮތަކަށް އިންތިޒާމު ހަމަޖައްސާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވި ގޮތުގައި ދެވަނަ ދައުރުގެ ޖަލްސާތަކަކީ ތާރީހުގެ ސަފްހާތަކަށް އިތުރުވި ބޮޅެކެވެ. ރައްޔިތުންނަށް ފައިދާ ހުރި އަދި ދައުލަތަށް އާމްދަނީ އިތުރުވާން މަގުފަހިވާ ފަދަ ބިލުތަކަކާއި އިސްލާހުތައް މި ދައުރުގައި ފާސްކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ރައްޔިތުންގެ ހައްގުތައް ގެއްލޭ ގޮތަށް އެއްވެސް ގާނޫނެއް މަޖިލީހުން ފާސް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މަޖިލިސް

ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ރައްޔިތުންގެ ހައްގުތައް ގެއްލޭ ގޮތަށް އެއްވެސް ގާނޫނެއް މަޖިލީހުން ފާސް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މަޖިލިސް

އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ދެ ވަނަ ދައުރުގައި ރައްޔިތުންނަށް ފަސޭހަކުރަން ފާސްކުރި އެއްވެސް ކަމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ފެނުނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމުގެ ބިލުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ ރޫހާ ވެސް މުޅިން ހިލާފު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޯމް މިނިސްޓަރީއަށް ފެންނަ ތަނަކު އެކަނި ހުއްދައާ ނުލައި އެއްވެވޭނީ، އެހެން ތަންތަނަށް އެއްވުމަށް ފުލުހުންގެ ހުއްދަ ހޯދަން ޖެހެނީ. މި ގާނޫނުގެ ސަބަބުން އެއްވެ އުޅުމުގެ ހައްގު ވެސް މި ނިގުޅައިގަނެވެނީ،" ކުރިން މާލޭގައި ބޭއްވި ބައެއް މުޒާހަރާތައް ލީޑްކުރެއްވި ރޮޒެއިނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ރޮޒެއިނާ ވާހަކަ ދައްކަނީ: ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެއްވެސް ފުރުސަތެއް މަޖިލީހުން ނުލިބޭތީ ރޮޒެއިނާ ކަންބޮޑުވުން ފާޅުކުރެއްވި

މަޖިލީހުގެ ޖަލްސާއެއްގައި ރޮޒެއިނާ ވާހަކަ ދައްކަނީ: ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެއްވެސް ފުރުސަތެއް މަޖިލީހުން ނުލިބޭތީ ރޮޒެއިނާ ކަންބޮޑުވުން ފާޅުކުރެއްވި

އެ ވާހަކަތަކަށް ސަރުކާރު މެމްބަރުން ރައްދު ދެއްވަނީ އިސްލާހުގެ ސަބަބުން ކަނޑައަޅަން މިއުޅެނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި އެއްވެވޭނެ ތަންތަން ކަމަށް ވިދާޅުވެ އެވެ. ގާނޫނުއަސާސީގައި ދައުލަތުގެ ހުއްދައަކާ ނުލާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ދީފައި އޮތަސް، ބޭނުން ކޮންމެ ތަނަކަށް އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި ނުވާ ކަމަށް ވެސް ސަރުކާރުގެ މެމްބަރުން ވިދާޅުވެ އެވެ.

އެ ބިލް ހުށަހެޅުއްވި މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ މާލޭގައި އެއްވެވޭނެ ސަރަހައްދުތަކެއް ކަނޑައަޅައިފި ނަމަ އާންމުންނަށް ދަތިކަމެއް ނެތި ހިނގާބިނގާވެ އުޅުމަށާއި ދަތުރު ކުރުމަށް ފަސޭހަވާނެ ކަމަށެވެ.

މި ދައުރުގައި މަޖިލިހުން ވަނީ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާ ގޮތަށް، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ވެސް ގާނޫނެއް ފާސްކޮށްފަ އެވެ.

"ޑިމޮކްރެޓިކް ގައުމުގައި ނުކުރާ ފެންވަރުގެ ކަންކަން ސަރުކާރުން ކުރަމުން މިދަނީ. ރައްޔިތުންގެ އެއްވެސް އަޑެއް ނާހައި އެ ގާނޫނު ފާސްކޮށް ތަސްދީގު އެ ކުރީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.  - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

ރީކޯ މޫސަ އާއި ރިޔާޒް ވިދާޅުވީ އަބުރު ރައްކާތެރިކޮށްދިނުމުގެ ބިލުން، ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދީފައި އޮތް ހިމާޔަތް އިތުރަށް ރައްކާތެރިކުރެވޭނެ ކަމަށެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާތައް ބޭއްވީ ސުލްހަވެރިކަމާ އެކުގައެއް ނޫނެވެ. އޭގެ ގެއްލުން ލިބެނީ ނިކަމެތި ރައްޔިތުންނަށް ކަމަށާއި އެހެންކަމުން ގިނަ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް ގާނޫނުތައް ފަރުމާކުރެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޑުމައިތިރިކަމާ އެކު އިދިކޮޅު ފަރާތްތަކުން މުޒާހަރާ ނުވަތަ ޖަލްސާއެއް ބާއްވަންވީ. އެމްޑީޕީން ސުލްހަވެރިކަމާއި ހަމަހިމޭންކަމާ އެކު ޖަލްސާއެއް ނުވަތަ މުޒާހަރާއެއް ބޭއްވިތަން އެކަކުގެ ލޮލަށް ވެސް ނުފެންނާނެ،" ރިޔާޒް ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި އެންމެ ގިނަ މެމްބަރުން ހިމެނެނީ އެމްޑީޕީގައި ނަމަވެސް، އިނގިލީގެ ނިޝާން ނެތި ކުރިން މެމްބަރުންނަށް ވެފަައި ތިބި ވިއްސަކަށް ހާސް މީހުން އަލުން ދަފުތަރުގައި ޖެއްސޭނީ އިނގިލީގެ ނިޝާން ހުށަހަޅައިގެންނެވެ.

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އިނގިލީގެ ނިޝާން އިލެޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ އިސްލާހުގައި، ޕާޓީތައް ފުރަތަމަ އުފެދުނު އިރު މެމްބަރުންނަށް ވީ މީހުން އިސްތިސްނާ ނުކުރުމުން، އިދިކޮޅު މެމްބަރުން ތިބީ ހިތްހަމަނުޖެހިފަ އެވެ. އެ މެމްބަރުން ވިދާޅުވާ ގޮތުގައި ގާނޫނަކަށް އަމަލްކުރަނީ އެ ތަސްދީގުކުރާ ފަހުން ކަމަށް ވާތީ އޭގެ ކުރީގައި ހިނގި ކަމެއް ބާތިލްކުރުމަކީ ގާނޫނުއަސާސީއާ ވެސް ހިލާފު ކަމެކެވެ.

އެމްޑީޕީގެ މެމްބަރުން ވިދާޅުވާ ގޮތުގައި އެއީ އެންމެ ބޮޑު ޕާޓީއަކަށް ޕީޕީއެމް ހަދަންވެގެން ގެނައި އިސްލާހެކެވެ. މިހާރު ރާއްޖޭގައި އެންމެ ގިނަ މެމްބަރުން ހިމެނެނީ އެމްޑީޕީގައި ނަމަވެސް، އިނގިލީގެ ނިޝާން ނެތި ކުރިން މެމްބަރުންނަށް ވެފަައި ތިބި ވިއްސަކަށް ހާސް މީހުން އަލުން ދަފުތަރުގައި ޖެއްސޭނީ އިނގިލީގެ ނިޝާން ހުށަހަޅައިގެންނެވެ.

މި ހުރިހާ ކަމަކަށް ބެއްލެވުމަށް ފަހު އިދިކޮޅު ހުރިހާ މެމްބަރުން ވިދާޅުވަނީ މި އަހަރުގެ ދެވަނަ ދައުރުގައި މަޖިލީހުން ފާސްކުރީ ރައްޔިތުންނަށް ގެއްލުންވާ އަދި ހުދުމުހުތާރު ވެރިކަމެއް ހިންގަން މަގުފަހިވާ ބިލްތަކެއް ކަމަށެވެ. އަދި ގާނޫނުއަސާސީއާ ހިލާފު ބިލުތަކަށް ވޯޓު ދެއްވި މެމްބަރުންނާ މެދު ފިޔަވަޅު އެޅޭނެ ދުވަހެއް ދާދި އަވަހަށް އަންނާނެ ކަމަށް ވެސް، އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ.

މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއާ ހިލާފަށް ވޯޓު ދިން މެމްބަރުން ވަނީ ކުރެއްވި ހުވަޔާ ހިލާފުވެވަޑައިގެންފަ އެވެ.

"ގާނޫނުއަސާސީއާ އެއްގޮތަށް ހުވާކޮށްގެން ތިބި ބައެއް ހުވަޔާ ހިލާފުވެގެން ދިއުން އެއީ ޝަރުއީ ކުށަކަށް ވާއިރު، ޝަރީއަތުގައި އެ އޮންނަ އެންމެ ބޮޑެތި އަދަބު ލިބިގެންދާނެ ކަމެއް އެއީ،" މާރިޔާ ވިދާޅުވި އެވެ.

އެކަމަކު ރައްޔިތުންގެ މަޖިލިހުގައި ވޯޓު ލާ ގޮތަކުން މެމްބަރުން ކުށްވެރިއެއް ނުވާނެ އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ މެމްބަރުންނަށް އެ ބިރެއް ނެތެވެ. ބިރު އޮތީ ހައްގުތައް އުނިވާ ގާނޫނުތަކުގެ ސަބަބުން އެހެން މީހުންނަށެވެ.