Roadha Mihaaru
ފޯކައިދޫ އަތުން ފަހަތުން އަރައި ޓީސީ މޮޅުވެއްޖެ

ފޯކައިދޫ އަތުން ފަހަތުން އަރައި ޓީސީ މޮޅުވެއްޖެ

04 ފެބުރުއަރީ 2019

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ފަހަތުން އަރައި ށ. ފޯކައިދޫ އަތުން 3-2 އިން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ފަހަތުން އަރައި ށ. ފޯކައިދޫ އަތުން 3-2 އިން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި ފޯކައިދޫގެ އަހުމަދު ރުހާމް ބޮލުން ޖެހި ބޯޅަ ޓީސީގެ ކީޕަރު ހަސަން ނިމާހު ވަނީ މަތަކޮށްފަ އެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ފޯކައިދޫގެ ހަސަން ނަޒީމް (ޗޯޓު) ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި ގޯލު ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ.

ފޯކައިދޫ އަށް އެންމެ ބޮޑު މައްސަަލައެއް ދިމާވީ މެޗުގެ 18 ވަނަ މިނިޓްގައި އެ ޓީމުގެ ކީޕަރު އަބްދުއްސައްދާދު އާދަމް އަށް ރަތް ކާޑު ދެއްކުމުންނެވެ. ސައްދާދަށް ރަތް ކާޑު ދެއްކީ ޓީސީގެ މުހައްމަދު ޖުމާން އަހުމަދަށް ކުރި ފައުލަކާ ގުޅިގެންނެވެ. ޖުމާން ކުޅެން އެރީ އެ ޓީމުގެ ޝުއާއު އަހުމަދަށް އަނިޔާވުމުން މެޗުގެ 10 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ފޯކައިދޫގެ އެއް ކުޅުންތެރިއަކު މަދުވުމުން ޓީސީން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އެކަމަކު އެންމެ ރަނގަޅު އެޓޭކުތަކެއް ނުކުރެވުނެވެ. މެޗުގެ 32 ވަނަ މިނިޓްގައި އަކުމަލް މުހައްމަދު (އަކޫބެ) ޖެހި ބޯޅަ ފޯކައިދޫން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކީޕަރު އަހުމަދު އާއިދު ވަނީ މަތަކޮށްފަ އެވެ.

ޓީސީން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ފޯކައިދޫގެ ޗޯޓު ވަނީ ލިބުނު ޕެނަލްޓީއަކުން ލީޑުފުޅާކޮށްފަ އެވެ. މި ޕެނަލްޓީ އަކީ އޭރިއާތެރެއިން ފޯކައިދޫގެ ހުސެއިން ނަބީހަށް ޓީސީގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފަށް ޓީސީން ނުކުތީ އަރާޝް އައްސަދުގެ ބަދަލުގައި އަފްރާހު މުހައްމަދު ކުޅެން އަރުވައިގެންނެވެ. މި ހާފު ފެށިގެން ޓީސީން ދިޔައީ ގިނަ އެޓޭކުތަކެއް ކުރަމުންނެވެ. ޓީސީގެ ފުރަތަމަ ލަނޑު މެޗުގެ 54 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޖެހީ ދެ ވަނަ ހާފުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އައްޒާމް އަބްދުﷲ (އެޑޫ) އެވެ. އޭގެ ތިން މިނިޓް ފަހުން ޓީސީ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖުމާން އެވެ.

ޓީސީ އަށް ލީޑުނަގައިދޭން މެޗުގެ 78 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އެޑޫ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑީގައި ޖެހިފައި ބޭރަށެވެ. އޭގެ ހަތަރު މިނިޓް ފަހުން ޓީސީގެ ނިޝާމް މުހައްމަދު (ޕޮގްބާ) އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. ޓީސީ މޮޅުކޮށްދިން ލަނޑު މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ޖުމާނެވެ. އޭނާ މި ލަނޑު ޖެހީ އެ ޓީމުގެ ޒަޔާން ނަސީރު ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ.

ފޯކައިދޫގެ އެސިސްޓަންޓް ކޯޗު އަހުމަދު ހުޝާމް ބުނީ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށާއި އެކަމަކު މެޗުގެ 80 މިނިޓް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން އުނދަގޫތަކެއް ދިމާވި ކަމަށެވެ. މި މެޗުން ބަލިވުމުގައި ނަސީބު ވެސް އެހީނުވުމުގެ މައްސަލަ ދިމާވި ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް ދެ މެޗުން މޮޅުވެ ސެމީން ފުރުސަތު ހޯދުން ކަމަށް ވެސް ބުންޏެވެ.

ޓީސީގެ އޮފިޝަލު މުހައްމަދު އިކުރާމް ބުނީ ފުރަތަމަ ހާފުގައި އެންމެ ބޭނުންވި ގޮތަށް ކަންތައްތައް ނުދިޔަ ނަމަވެސް ދެ ވަނަ ހާފުން ފެށިގެން ހުރިހާ ކުޅުންތެރިން އެއް ރޫހެއްގައި ކުޅެގެން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. އަދި ފުރަތަމަ މެޗާ ބަލައި ޕްރެޝަރުތަކެއް ހުރި ކަމަށާއި އެހެން ނަމަވެސް މުޅި ޓީމު ކުރި މަސައްކަތް ފާހަގަކުރާ ކަމަށް ބުންޏެވެ.

މިއަދުގެ މެޗު ފެށުމުގެ ކުރިން ވަނީ، މަގުމަތީގެ އެކްސިޑެންޓްތަކަށް ސަމާލުވުމުގެ ގޮތުން އެފްއޭއެމާއި ޓްރާންސްޕޯޓް މިނިސްޓްރީ، ސިޓީ ކައުންސިލް އަދި ޕޮލިސް ގުޅިގެން ހިންގާ "00:01، ސިކުންތެއްގެ ތަފާތު" ޕްރޮގްރާމް ވެސް ފަށައިފަ އެވެ. މި ޕްރޮގްރާމް ކުރިއަށްގެންދާއިރު ޝިއާރެއްގެ ގޮތުގައި ބޭނުންކުރާނީ" ދަނޑުމަތީގައި އެއް ސިކުންތުން މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ، މަގުމަތީގައި އެއް ސިކުންތުން ފުރާނަ ގެއްލޭ!" މި އެވެ. އެފްއޭއެމުން ބުނީ މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި މި ކެމްޕެއިން ކުރިއަށްދާނެ ކަމަށެވެ.

ނުވަ ޓީމު ވާދަކުރާ މި މުބާރާތުގެ ގްރޫޕް އޭގައި އަނެއް މެޗުގައި މިރޭ ވިކްޓަރީ ބައްދަލުކުރާނީ ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް) މެޗު ފަށާނީ 9 ޖަހާއިރު އެވެ.