Roadha Mihaaru
އަދާލަތުގެ ހުށަހެޅުމަށް ގައުމީ މަޖިލީހުން ގޮތް ނިންމަނީ

އަދާލަތުގެ ހުށަހެޅުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގޮތެއް ނިންމަނީ

04 ފެބުރުއަރީ 2019

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީން އެކުގައި ވާދަކުރުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީން އެކުގައި ވާދަކުރުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެކުގައި މަޖިލީސް އިންތިޚާބުގައި ވާދަކުރެވިދާނެ ކަމުގެ އުއްމީދު ގެއްލިފައި ވަނިކޮށް، އަދާލަތުން އިސްވެ އެމްޑީޕީ އަށް ރޭ ވަނީ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އެއީ، ދެ ޕާޓީން ވެސް ދޫ ދީގެން، އެކުގައި ވާދަކޮށް ސަރުކާރު ކޯލިޝަނަށް ގިނަ ގޮނޑިތައް ކާމިޔާބު ކުރުމެވެ.

އެ ހުށަހެޅުމާ އެކު އެމްޑީޕީގެ ލީޑަޝިޕާ ބައްދަލު ކުރެއްވީ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ އިސް ބޭފުޅުންތަކެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި އަދާލަތުގެ ހުށަހެޅުމާ މެދު މަޝްވަރާ ކުރެއްވި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީގެ ތަރުޖަމާން އަފްޝަން ލަތީފް މިއަދު ވިދާޅުވީ އެމްޑީޕީން ގަބޫލުކުރަނީ އަދާލަތު ޕާޓީއަކީ ރާވައި، އިންތިޒާމްކޮށް، އޮނިގަނޑެއްގެ ތެރެއިން ސިޔާސީ ހަރަކާތް ހިންގާ ޕާޓީއެއް ކަމަށެވެ. އެހެންވެ، މަޝްވަރާ ކުރުމާއި ގުޅިގެން މަސައްކަތް ކުރަން ވެސް އެމްޑީޕީ އަށް ފަސޭހަ ކަމަށް އަފްޝަން ވިދާޅުވި އެވެ.

"އަދާލަތު ޕާޓީގެ އެދިވަޑައިގަތުމަކަށް ވީ ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި އެމްޑީޕީއާ އެކު މަސައްކަތް ކުރުން. ރޭގެ ބައްދަލުވުމުގައި މިކަމާ މެދު ގޮތެއް ނިންމާފައި ނުވި ނަމަވެސް މާދަމާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި އަދާލަތު ޕާޓީގެ ހުށަހެޅުމާ މެދު މަޝްވަރާ ކުރާނެ،" އަފްޝަން ވިދާޅުވި އެވެ.

އަދާލަތު ޕާޓީއާއި އެމްޑީޕީން ރޭ ބޭއްވި މަޝްވަރާއަށް ފަހުގައި ނަގާފައިވާ ފޮޓޯއެއް. އެމްޑީޕީ

އަދާލަތު ޕާޓީއާއި އެމްޑީޕީން ރޭ ބޭއްވި މަޝްވަރާއަށް ފަހުގައި ނަގާފައިވާ ފޮޓޯއެއް. އެމްޑީޕީ

އެމްޑީޕީގެ ނިންމުންތައް އަބަދުވެސް ނިންމަނީ ގައުމީ މަޖިލީހުން ކަން ފާހަގަކުރައްވައި އަފްޝަން ވިދާޅުވީ އަދާލަތު ޕާޓީގެ ހުށަހެޅުމާ ގުޅޭ ގޮތުން ވެސް މާދަމާ ގޮތެއް ނިންމޭނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކުގައި ވާދަކުރަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއްބަސްވުމެއް އެކުލަވާލި އެވެ. މަޖިލީސް އިންތިހާބުގައި ޕާޓީތަކުން ގޮނޑިތަކަށް ވާދަކުރާނެ އަދަދު ލިއެފައި ނުވާ އެއްބަސްވުމާ މެދު ހިޔާލުތަފާތުވެ، ޕާޓީތަކުން ވާދަކުރަން ނިންމާފައި އޮތީ ވަކިވަކިންނެވެ.

ސަރުކާރުގައި ޕާޓީތައް ހިއްސާވާނެ ނިސްބަތް ކަނޑައެޅި އެއްބަސްވުމާ އެއްގޮތަށް މަޖިލީސް އިންތިހާބުގައި ވާދަކުރި ނަމަ، ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް 35 ދާއިރާ ލިބޭނެ އެވެ. ޖުމްހޫރީ ޕާޓީ އަށް 22، މައުމޫނަށް 17 އަދި އަދާލަތު ޕާޓީ އަށް 13 ދާއިރާ ލިބޭނެ އެވެ.

އަދާލަތު ޕާޓީން ނިންމާފައި އޮތީ، އެއްބަސްވުމުގައި ކަނޑައެޅި 13 ދާއިރާ އަށް ވާދަކުރާ ގޮތަށެވެ. އެކަމަކު ނިލަންދޫ ދާއިރާ ފިޔަވައި މަޖިލީހުގެ ހުރިހާ ދާއިރާތަކަށް އެމްޑީޕީން ކުރިމަތިލާން ނިންމައި، ކެންޑިޑޭޓުންނާ ވަނީ ޓިކެޓް ވެސް ހަވާލުކޮށްފަ އެވެ.