Roadha Mihaaru
ހަ ދާއިރާ ދޫކޮށްލަން ކެންޑިޑޭޓުން އެއްބަހެއް ނުވި!

ހަ ދާއިރާ ދޫކޮށްލަން އެމްޑީޕީގެ ކެންޑިޑޭޓުން އެއްބަހެއް ނުވި!

06 ފެބުރުއަރީ 2019

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ އާއި އަދާލަތުން ގުޅިގެން ވާދަކުރެވެން އޮތް ގޮތަކީ އެމްޑީޕީން ބައެއް ދާއިރާތައް ދޫކޮށްލުން ކަމަށް ވިޔަސް ޕްރައިމަރީން ހޮވުނު ކެންޑިޑޭޓުން އެކަމާ ދެކޮޅު ހަދައިިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ އާއި އަދާލަތުން ގުޅިގެން ވާދަކުރެވެން އޮތް ގޮތަކީ އެމްޑީޕީން ބައެއް ދާއިރާތައް ދޫކޮށްލުން ކަމަށް ވިޔަސް ޕްރައިމަރީން ހޮވުނު ކެންޑިޑޭޓުން އެކަމާ ދެކޮޅު ހަދައިިފި އެވެ.

އަދާލަތުގެ ހުށަހެޅުމަކީ، ދެ ޕާޓީން ވެސް ދޫ ދީގެން، އެކުގައި ވާދަކޮށް ސަރުކާރު ކޯލިޝަނަށް ގިނަ ގޮނޑިތައް ކާމިޔާބު ކުރުމެވެ. މި ހުށަހެޅުމަށް ތާއީދު ހޯދަން، އެމްޑީޕީގެ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމަކުން ޚިޔާލު ހޯދައި، ޓިކެޓް ދޫކޮށްލަން ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނާ އެކު މަޝްވަރާ ކުރި އެވެ.

އެމްޑީޕީން ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް އަދާލަތަށް ދޫކޮށްލަން ވިސްނި ދާއިރާތަކަކީ ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި މަހިބަދޫ ދާއިރާ އާއި ކާށިދޫ ދާއިރާ އާއި މިލަންދޫ ދާއިރާގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާ އެވެ. މި ހުރިހާ ދާއިރާތަކަކަށް ވެސް އެ ޕާޓީން ކެންޑިޑޭޓުން ހޮވާފައި ވަނީ ޕްރައިމަރީންނެވެ.

މީގެ ތެރެއިން ބައެއް ކެންޑިޑޭޓުން ޓިކެޓް ދޫކޮށްލަން ހުށަހަޅައި، އެމްޑީޕީގެ ލީޑަޝިޕުން ވާހަކަ ދެއްކި އެވެ. އެކަމަކު، އެއްވެސް ކެންޑިޑޭޓަކު އެއްބަސްވި ކަމެއް ޔަގީނެއް ނޫނެވެ. އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅާއިރު، އެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ފޯމު ވެސް ހިމެނެ އެވެ.

"ޓިކެޓް ދޫކޮށްލަން މަޝްވަރާ ކުރި އެންމެންގެ ވެސް ފޯމު މިއަދު އިލެކްޝަންސަށް އެބަ ހުށަހަޅާ. ވަކި ގޮތެއް ރެއާ ހަމައަށް ވެސް އެއްބަހެއް ނުވެވުނު،" ދާއިރާ ދޫކޮށްލަން އެދި އެމްޑީޕީން ވާހަކަ ދެއްކި އެއް ކެންޑިޑޭޓަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

"ދާއިރާގެ ރައްޔިތުން ވޯޓުން ހޮވީ، އެހެންވީމަ ކެންޑިޑޭޓުގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫން އެ ޓިކެޓް ދޫކޮށްލުމަކީ. އެއީ ކެންޑިޑޭޓަކަށް ކުރެވޭނެ ކަމެއް ނޫން."

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، އަދާލަތުގެ ހުށަހެޅުމާ އެއްގޮތަށް ގޮނޑިއެއް ދޫކޮށްލެވެން ޕާޓީ އަށް މިހާރަކު ނެތް ކަމަށެވެ. އެއީ، ޕްރައިމަރީ ބާއްވައި 86 ދާއިރާއެއްގެ ޓިކެޓް ހަވާލުކޮށްފައި އޮތުމުން ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ފުރުސަތު މިހާރު އޮތީ އިންތިޚާބުވި ކެންޑިޑޭޓުންނާއި އެ ދާއިރާ އަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންގެ އަތްމަތީގައި ކަމަށެވެ.

ގައުމީ މަޖިލީހުގެ މެމްބަރުންގެ ރޫހު ހުރީ، ބައެއް ދާއިރާތައް ދޫކޮށްލައިގެން ވިޔަސް އިންތިޚާބުގައި އަދާލަތު ޕާޓީ އެކުގައި ވާދަކުރުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ނިލަންދޫ ދާއިރާ ފިޔަވައި ހުރިހާ ދާއިރާތަކަކަށް ވާދަކުރުމުގެ ފޯމު އެމްޑީޕީން މިއަދު އިލެކްޝަންސަށް ހުށަހަޅާއިރު، ބައެއް ގޮނޑިތައް ދޫކޮށްލުމާ މެދު އަދިވެސް އިތުރަށް މަޝްވަރާތައް ބާއްވަން ވެސް އޮތީ ހަމަޖައްސައިފަ އެވެ.

ސަރުކާރު އެކުލަވާލަން ސިޔާސީ ޕާޓީތަކުން ހެދި ކޯލިޝަން އެއްބަސްވުމުގައި އޮތީ، ރިޔާސީ އިންތިޚާބުގެ އިތުރުން މި އަހަރުގެ މަޖިލީސް އިންތިޚާބާއި އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ގުޅިގެން ވާދަކުރުމަށެވެ. އަދި ޕާޓީތަކަށް ހިއްސާ ބަހާނީ، ސަރުކާރުގައި އެ ޕާޓީއެއް ތަމްސީލްވާ ނިސްބަތުން ކަމަށް ވެސް އެއްބަސްވުމުގައިވެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް މަޖިލީސް އިންތިޚާބުގައި ވާދަކުރަން އެމްޑީޕީން ދެކޮޅު ހެދީ އެވެ. އެމްޑީޕީން ދެކޭ ގޮތުގައި އެއީ، މަޖިލީސް އިންތިޚާބަށް އެކުލަވާލި އެއްބަސްވުމެއް ނޫނެވެ.

އެކަމާ ހެދި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ވަނީ ހިޔާލު ތަފާތުވެފަ އެވެ. އެއްބަސްވުމާ އެއްގޮތަށް ވާދަނުކުރެވުމުން ޖުމްހޫރީ ޕާޓީ އާއި މައުމޫން ވެސް މަޖިލީހަށް ކެންޑިޑޭޓުން ނެރެން ހަމަޖައްސާފައި ވަނީ ކޯލިޝަނާ ވަކިންނެވެ.