03 ފެބުރުއަރީ 2019
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު، އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިއަތު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު، އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިއަތު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
ހެންވޭރު އުތުރު ދާއިރާގެ ގޮނޑި އެންމެ ފަހުން، ފުރުއްވީ މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެކަމަކު މިނިސްޓަރު ކަމަށް ވަޑައިގަތުމަށް އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ، މަޖިލިސް އިންތިހާބަށް ދާއިރު، ގޮނޑި އޮތީ ހުސްކޮށެވެ.
އަންނަ އޭޕްރީލް 6 ގައި އޮންނަ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާ އަށް އިދިކޮޅު ޕީޕީއެމުން ޓިކެޓު ދިނީ ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއަށެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓު ދިނީ، ކުރިން ފޭދޫ ދާއިރާގެ މެމްބަރު ކަން ކުރެއްވި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީއަށެވެ. އެމްޑީޕީގެ ޕްރައިމަރީން ކުރި ހޯއްދަވައި އެ ދާއިރާއަށް ވާދަކުރައްވަނީ އިބްރާހިމް މުއިއްޒެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ތިން އަހަރު ހޭދަކުރެއްވި ޒިޔަތު "މިހާރު" އަށް މިއަދު ވިދާޅުވީ ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނަށް ދިމާވެފައި އޮތް މައިގަނޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އަދި ހެންވޭރުގައި ދިރިއުޅޭތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާތީ ދާއިރާގެ ރައްޔިތުން ބޭނުންތައް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުމުރުން ވީ ދުވަހެއް މި ވަނީ ދާއިރާގައި އުޅޭތާ. ދާއިރާގެ ރައްޔިތުންގެ މައިގަނޑު ޝަކުވާއަކީ ގެދޮރު ނުލިބުމާއި ބިދޭސީ މީހުން ގިނަވުމުގެ މައްސަލަ،" ޒިއަތު ވިދާޅުވި އެވެ.
މީގެ އިތުރުން، ޝަރުއީ ނިޒާމު އިސްލާހު ކުރުން ވެސް އަމާޒަކަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން ބޭއްވި ރަސްމިއްޔާތެއްގައި ޒިޔަތު (ކ-2) ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މިހާރު
Varah bodah mar’habaa! Varah furihama kaamiyaabee akah edhen. https://t.co/RXiMLoVFTh
— Maumoon Abdul Gayoom (@maumoonagayoom) February 2, 2019
މައުމޫން ރޭ ކުރެއްވި ޓުވީޓު.
މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ޒިއަތަށް ތާއީދުކުރައްވާ ކަން ހާމަކުރައްވައި ކާމިޔާބަށް އެދިވަޑައިގެންފަ އެވެ. ޒިއަތު ވިދާޅުވި ގޮތުގައި މީގެ ދުވަސްތަކެއް ކުރިން މައުމޫނާ ބައްދަލު ކުރެއްވުމުން، އެމަނިކުފާނުގެ ތާއީދު ލިބޭނެ ކަމުގެ ޔަގީން ކަން އޮތެވެ.
މަޖިލިސް އިންތިހާބުގައި ޔާމީންގެ ތާއީދު ހޯއްދަވަން މަސައްކަތް ނުކުރެއްވީ ކީއްވެތޯ ސުވާލު ކުރުމުން ޒިއަތު ވިދާޅުވީ މައުމޫންގެ ތާއީދާ އެކު އިންތިހާބަށް ނިކުންނަން ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.
"އަޅުގަނޑަކީ ޓެކްނިކަލް މީހެއް. ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކޮށްފައި ވާނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި މި ވަދެވުނީ ސިޔާސީ ދާއިރާ އަށް،" މީގެ ކުރިން އެސްޓީއޯ އާއި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގައި މަސައްކަތް ކުރެއްވި ޒިއަތު ވިދާޅުވި އެވެ.
ޒިޔަތަކީ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޖަލަށް ލާފައިވާ އަބްދުﷲ ޒިޔަތުގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.
ކޯލިޝަން ސަރުކާރު ދެމިއޮންނާނެ: ރައީސް
މެޖޯރިޓީ ނުލިބޭނަމަ އަނިޔާވެރިކަން އަންނާނެ: މައުމޫން
ރައީސްގެ ތާއީދު އޮތީ އެމްޑީޕީ މީހުންނަށް އެކަންޏެއްނޫން
ގައުމު އިސްލާހު ކުރެވޭނީ މަޖިލީސް ޒިންމާދާރުވެގެން: މައުމޫން
"ވަކި ޕާޓީއަކަށް މަޖިލިހުގެ މެޖޯރިޓީ މުހިއްމެއް ނޫން"
މަޖިލިސް އިންތިޚާބަށް މައުމޫންގެ ޝިއާރު: "މާއްދާ 4"
މައުމޫންގެ ތާއީދު މިހާތަނަށް 24 ކެންޑިޑޭޓަކަށް
ފާރިސް ވާދަކުރައްވާނީ މައްޗަންގޯޅި އުތުރު ދާއިރާއަށް
ވާދަކުރާނެ ދާއިރާތައް ނިންމާނީ ލީޑަރުންގެ މަޝްވަރާ އިން
މައުމޫންގެ ނަސޭހަތް: ޕާޓީއަށްވުރެ ގައުމު އިސްކުރޭ